ސުޕްރީމްކޯޓު ހިންގުން ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރަކަށް

ސުޕްރީމްކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރު --- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ ސުޕްރީމްކޯޓުގެ ހިންގުން ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރަކަށް ހަވާލުކޮށްފިއެވެ.

އުއްތަމަފަނޑިޔާރުކަމުގައި ހުންނެވި ޑރ. އަހްމަދު އަބްދުﷲ ދީދީ މަގާމުން ވަކިކޮށްފައިވާ އިރު، ޖޭއެސްސީން މީގެ ކުރިން ވަނީ ސުޕްރީމް ކޯޓުގެ ހިންގުން ވަގުތީ ގޮތުން ފަނޑިޔާރު އަބްދުﷲ އަރީފްއާ ހަވާލުކޮށްވާފައެވެ.

ނަމަވެސް ފަނޑިޔާރު އަބްދުﷲ އަރީފު ވަނީ ރިޓަޔާކުރެއްވުމަށް ނިންމަވާފައެވެ. އަރީފް ރިޓަޔާކުރައްވަން ނިންމެވީ ސިއްހީ ސަބަބުތަކަށްޓަކައެވެ.

މިރޭ ބޭއްވި ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ބައްދަލުވުމެއްގައި، އެ ކޮމިޝަނުން ވަނީ ސުޕްރީމްކޯޓުގެ ހިންގުން އެ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރުއާ ހަވާލުކުރުމަށް ނިންމާފައެވެ.

ޑރ. އަޒްމިރަލްޑާ ޒާހިރު ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރެއްވީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ކާޑިފް އަދި ޔުނިވާސިޓީއޮފް ޕޯޓްސްމައުތުންނެވެ. އަދި ބައިނަލްއަގުވާމީ ފިކުރީ މުދަލާ ބެހޭ ގާނޫނުން ޔުނިވާސިޓީ އޮފް އެގްޒެޓާއިން ޕީއެޗްޑީ ހާސިލުކުރެއްވިއެވެ.

ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ސުޕްރީމްކޯޓުގެ ފަނޑިޔާރަކަށް އައްޔަނުކުރެވިގެން ދިޔައީ 2019 ސެޕްޓެމްބަރު ހަތަރުވަނަ ދުވަހުއެވެ. އޭނާއަކީ ރާއްޖޭގެ ސުޕްރީމް ކޯޓަށް އައްޔަނުކުރެވުނު ފުރަތަމަ ދެ އަންހެން ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރެވެ.

މީގެ ކުރިން މާލޭ މުނިސިޕަލްޓީއާއި ދިވެހިރާއްޖޭގެ ލޯ ކޮމިޝަނާއި މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަން އަދި ފަހުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި އަޒްމިރަލްޑާ މަސައްކަތްކުރެއްވިއެވެ. އަދި އަޒްމިރަލްޑާ ވަނީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޑީންކަންވެސް ކުރައްވާފައެވެ.

އެއަށްފަހު 2011 ވަނަ އަހަރުގެ މާޗު މަހު ޑރ. އަޒްމިރަލްޑާ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރެވުނެވެ. ފަނޑިޔާރު އަޒްމިރަލްޑާއަކީ ހައިކޯޓުގެ ފަނޑިޔާރުކަން ކުރި ފުރަތަމަ، އަދި ހަމައެކަނި އަންހެން ފަނޑިޔާރެވެ.

comment ކޮމެންޓް