ރާއްޖޭގައި ހަރުކަށި ފިކުރު އިތުރުވަނީ ކޮން ތަންތަނަކުން ކިޔަވައިގެންތޯ މަޖިލީހުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނާ ކުރެވުނު ސުވާލެއްގެ ޖަވާބުގައި މިނިސްޓަރު ދޮގުހެއްދެވިކަމުގެ ތުހުމަތު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރައްވައިފިއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ސުވާލުތަކަށް ޖަވާބު ދެއްވުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރަހިމް ހަސަން ހާޒިރުވެވަޑައިގެންނެވި އިރު، ކެޔޮދޫ ދާއިރާގެ މެމްބަރު ހުސައިން ގާސިމް ވަނީ ރާއްޖޭގައި ހަރުކަށި ފިކުރު އިތުރުވަމުންދަނީ ކޮން ގައުމަކުން ކިޔަވަމުން އަންނަ ބައެއްގެ ފަރާތުންތޯ ސުވާލު ކުރެއްވިއެވެ.
ޖަވާބުގައި މަތީ ތައުލީމާ ބެހޭ ވަޒީރު ވިދާޅުވީ އެކަމާ ގުޅޭ ވަކި ދިރާސާއެއް ހެދިފައި ނެތްކަމަށެވެ.
"އަޅުގަނޑުމެންނަށް އެފަދަ ދިރާސާއެއް މިހާތަނަށް ހެދިފައެއް ނެތް. އެހެންވީމާ ވަކި ގައުމަކުން ކިޔަވައިގެން އަންނަ މީހުންގެ ތެރޭގައި ދީނީ ފިކުރު ވަރަށް ބޮޑަށް އެބަހުއްޓޭ އެހެންވީމާވަކި ދިރާސާއެއް ކުރެވިފައި ނެތި މަގާމުގައި ހުރެ ވަކި ގައުމެއް ނުވަތަަ ވަކި ސަރަހައްދެއް ދެންނެވުމަކީ އަޅުގަނޑަށް ހީވަނީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއްކަމަށް ވާނެހެން" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އެވާހަކަ ވިދާޅުވަމުން ދަނިކޮށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކުރިން މެމްބަރު ކުރި ސުވާލު އަނެއްކާވެސް މިނިސްޓަރާ ތަކުރާރުކުރައްވައިފައެވެ.
"އަޅުގަނޑަށް އަޑު އިވުނު ގޮތުގައި އިއްޒަތްތެރި މެމްބަރު އެއްސެވި ސުވާލަކީ ހަރުކަށި ފިކުރުގެ މަދަރުސާތައް މަތީ ތައުލީމު ދޭ ތަންތަން އިއްޒަތްތެރި ވަޒީރަށް ފާހަގަކުރެވިފައި ވޭތޯއޭ؟ އެފަދަ ތަންތަނަށް ދިވެހިން ދޭތޯ؟ ކިހާ ދިވެހިންނެއްތޯ އެ ތަންތަނަށް ދަނީ؟ އެ ތަންތަނުގައި ދިވެހިން ކުރަނީ ކޮން ކަމެއްތޯ؟ އެނބުރި އައިސް ދެން ވަނީ ކިހިނެއްތޯ؟ އިއްޒަތްތެރި ވަޒީރަށް އެކަން އެނގި ވަޑައިގަންނަވާތޯ؟" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދާ ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ އެކަން މިނިސްޓަރަށް ފާހަގަކުރެވިފައިނުވާ ކަމަށެވެ.
އަނެއްކާވެސް އެކަމާ ގުޅޭގޮތުން ނިޒާމީ ނުކުތާ ނަންގަވައި ކެލާ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ޝަރީފް ވަނީ އެކަމާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ. އޭނާ ވިދާޅުވީ ކޮންމެ ދުވަހަކުވެސް ނޫސްތަކުންނާއި މަޖިލީހަށް އަންނަ ރިޕޯޓުތަކުން އެތައް ދިވެހިންނެއް ނުހައްގުން ފުރާނަގެއްލިފައިވާ ކަން އެނގޭކަމަށެވެ. އަދި މިނިސްޓަރަށް އެކަން އެނގިވަޑައިނުގަންނަވާތީ އެކަން މިނިސްޓަރުގެ ސަމާލުކަމަށް ގެންނަން ވާހަކަ ދައްކަމުންދަނިކޮށް ރައީސް ނަޝީދު ވަނީ އަނެއްކާވެސް އެވާހަކަ މެދުކަނޑާލައި މިނިސްޓަރާ ސުވާލެއް ކުރިމަތިކޮށްފައެވެ.
"އިއްޒަތްތެރި ވަޒީރު މަޖިލީހުގައި އިތުރުފުޅެއް ނުހެއްދެވޭނެ އެނގޭތޯ،" ރައީސް ނަޝީދު ޑރ. އިބްރާހިމްއަށް އެޑްރެސްކުރައްވައި ވިދާޅުވިއެވެ
މިނިސްޓަރު ރައްދުގައި ވިދާޅުވީ އޭނާ އިތުރުފުޅު ނުހައްދަވާ ކަމަށެވެ.
ގެއްލުވާލާފައިވާ މީހުންނާއި ގޮތްނޭނގޭ މަރުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން އާންމުކުރި ދެ ރިޕޯޓެއްގައި، ރާއްޖޭގައި ހިނގި ދެ މަރެއްގެ ފަހަތުގައި ވަނީ އަލްގައިދާއާ ގުޅުންހުރި ހަރުކަށި ފިކުރުގެ ދިވެހީންގެ ގްރޫޕެއް ކަމަށް ވަނީ ހާމަކޮށްފައެވެ. މިކަންކަން ހާމަކުރީ 2012 ވަނަ އަހަރު އަވަހާރަކޮށްލި ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޑރ. އަފްރާޝީމް އަލީއާއި 2014 ވަނަ އަހަރު ކިޑްނެޕްކުރުމަށްފަހު މަރާލި ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲގެ މައްސަލައިގައި ކޮމިޝަނުން އެކުލަވާލި ރިޕޯޓުތަކުގައެވެ.
މީގެ އިތުރުން ގިނަ ދިވެހީންތަކެއް ރާއްޖެއިން ބޭރުގެ ހަނގުރާމަތަކުގައިވެސް ބައިވެރިވަމުން ދެއެވެ. އެގޮތުން ސީރިއާގައި ހިނގަމުން ދިޔަ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް އެތައް ދިވެހީންނެއް ރާއްޖެ ދޫކޮށް ސީރިއަށް ގޮސް، މަރުވެފައިވެސް ވެއެވެ.
އަދި ދާދި ފަހުން އަފްގާނިސްތާނުގައި އައިއެސްއަށް ނިސްބަތްވާ 200 އަށް ވުރެ ގިނަ ހަނގުރާމަވެރިން އަމާން ދީ، އެގައުމުގެ ކަމާ ބެހޭ ފަރާތްތަކާ އަމިއްލައަށް ހަވާލުވި އިރު އޭގެ ތެރޭގައިވެސް ދިވެހީން ހިމެނޭކަމަށް އެގައުމުން ބުނެފައިވެއެވެ.