އަނަސްގެ މަރު: ޝަރީއަތް ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައި އަންނަ ހަފްތާގައި ފަށަނީ

ރ. މީދޫ، މުހައްމަދު އަނަސް: އޭނާ މަރާލި މައްސަލައިގެ ޝަރީއަތް އަންނަ ހަފްތާގައި ފަށަނީ -- ފައިލް ފޮޓޯ/ ފޭސްބުކް

ގައިގެ އެތަށް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީ ލިޓަސް ސާވިސް ސެންޓަރު ތެރޭގައި މަރާލި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައި އަންނަ ހަފްތާގައި ޝަރީއަތް ފެށުމަށް ތާވަލު ކޮށްފި އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ، އަނަސް މަރާލި މައްސަލައިގައި ދައުވާކޮށްފައި ވަނީ ލ. ގަން، ނަންނާރިގެ ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ޅ. ކުރެންދޫ އަސަރުމާގެ އަހުމަދު ޒަޔާނާއި މ. ދިމިޝްގު އުސްމާން ޝަރީފާއި މ. ލޮނުމިދިލިގެ އަފްރާހު އަބްދުލްރަހްމާން އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ސާޒްގެ މައްޗަށެވެ.

މި މީހުންގެ ތެރެއިން، މުހައްމަދު ސާޒު އާއި ޖުނައިދު އަބްދުﷲ އާއި ހަސަން މަހްފޫޒު އަދި ސިމާހު މޫސާގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އަހުމަދު ޒަހާނާއި އަފްރާހު އަބްދުއްރައްޒާގާއި އުސްމާން ޝަރީފުގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

އަނަސްގެ މަރާއު ގުޅިގެން ދައުވާ އުފުލާފައިވާ ބައެއް މީހުން ---

އެ މައްސަލައިގެ މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ ޝަރީއަތް ފެށުމާއި މެދު ގޮތެއް ނިންމާފަ އެވެ. އެގޮތުން ޝަރީއަތް ފެށުމުގެ ކުރިން އަފްރާހު އަބްދުއްރައްޖާގު ފަރާތުން ދެ ހުށަހެޅުމެއް ހުށެހެޅި ނަމަވެސް މައްސަލަ ބައްލަވާ ގާޒީ އަހްމަދު ސަމީރު ވަނީ އެ ދެ ހުށަހެޅުން ބަލައި ނުގަތުމަށް ނިންމައި ޝަރީއަތް ފެށުމަށް ނިންމާފަ އެވެ. އަދި އެންމެ ފުރަތަމަ ގާޒީ ނިނެމެވީ ޑިސެމްބަރ މަހުގައި އަޑުއެހުމެއް ބޭއްވުމަށެވެ. ނަމަވެސް ދިފާއުން ޒަޔާން އުސްމާންގެ ވަކީލު މުހައްމަދު ޝާން ވަނީ ވީ އެންމެ އަވަހަށް މައްސަލަ ފަށައި ނިންމުމަށް އެދިފަ އެވެ. އެގޮތުން ޑިސެމްބަރ މަހުގައި ވެސް އަޑުއެހުމަށް ބޭއްވުމަށް ވަނީ އެދިފަ އެވެ.

އެ ކަމަށް ދިފާއީ ހުރިހާ ވަކީލުންނާއި ދައުލަތުން ވެސް އިއުތުރާޒެއް ނުކުރުމުން ގާޒީ ވަނީ އަންނަ ހަފްތާގެ އަންގާރަ ދުވަހު އަޑުއެހުމަށް ބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ބޭސްފަރުވާ ބޭނުން ނޫން ކަމަށް ބުނެ ފޮނުވާފައިވާ ސިޓީއަކާ މެދު ހިލާފުތަކެއް!

މިއަދުގެ އަޑުއެހުމުގައި ޖުނައިހުގެ ވަކީލް ވިދާޅުވީ އޭނާގެ މުވައްކިލުގެ ލޯ ފުސްވަމުންދާތީ ޑޮކްޓަރަށް ދެއްކުމަށް ބޭނުންވާ ކަމަށާއި އެކަމަށް ތަކުރާރުކޮށް އެދުނު ނަމަވެސް ބޭސްފަރުވާއަށް ކަރެކްޝަނުން އުހުމާލުވަމުން ދާކަން ވަނީ ފާހަގަކޮށްފަ އެވެ.

އަނަސްގެ މަރުގެ މައްސަލައިގެ ދައުވާ ލިބޭ ޖުނައިހު --

އެކަމަށް ރައްދު ދެއްވައި ޕީޖީގެ ވަކީލް ވިދާޅުވީ، ލޮލުގެ ފަރުވާ ބޭނުން ނުވާކަމަށް ޖުނައިހު ސޮއިކޮށް އިނގިލީގެ ނިޝާން ޖެހި ސިޓީއެއްގެ ކޮޕީއެއް ލިބިފައިވާ ކަމަށެވެ. އަދި އެކަމުގެ ފަރުވާ ނުލިބުމުގެ ސަބަބުން ލިބޭ އެއްވެސް ގެއްލުމަކަށް ކަރެކްޝަނުން ޒިންމާ ނުވާނެ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވާ ކަން ޕީޖީގެ ވަކީލް ފާހަގަކުރެއްވި އެވެ.

އެއާ އެކު ގާޒީގެ އިޒުނައާއި އެކު ކޮއްޅައް ތެދުވެ ޖުނައިހު ބުނީ، އެފަދަ އެއްވެސް ސިޓީއެއްގައި އޭނާ ސޮއިކޮށްފައި ނުވާނެ ކަމަށާއި ބޭސްފަރުވާގެ ހައްގުން އޭނާ މަހްރޫމް ނުކޮށް ބޭސްފަރުވާ ބޭނުންވާ ކަމަށެވެ. އަދި އެ ސިޓީގެ ހަގީގަތް ހޯދުމަށް ޖުނައިހުގެ ވަކީލް ވަނީ ގާޒީއަށް ދަންނަވާފަ އެވެ.

އެގޮތުން ދެން އަންނަ އަޑުއެހުމަކަށް އެ ސިޓީގެ އަސްލު ގެނައުމަށް ގާޒީ ވަނީ ޕީޖީގެ ވަކީލުންނަށް އަންގަވާފަ އެވެ.

comment ކޮމެންޓް