ދައުވަތު ގަބޫލުކޮށް، ޝިޔާމް ނަޝީދާ އެކު ޑައިވިނަށް!

ރައްޔިތުންގެ މަޖިލީޙުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ---

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއެކުގައި ޑައިވިނަށް ވަޑައިގަތުމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމަށް ދެއްވި ދައުވަތު ޝިޔާމް ގަބޫލުކުރައްވައި އަންނަ ހަފްތާގެ ހަފްތާ ބަންދުގައި ޑައިވިނަށް ވަޑައިގަތުމަށް ތައްޔާރުވެއްޖެ އެވެ.

މޫސުމަށް އަންނަ ބަދަލުތަކުން ދުނިޔެ ސަލާމަތް ކުރުމަށް އޮތް ފުރުސަތު ހަނިވަމުންދާތީ އެކަންބޮޑުވުން ފާޅުކޮށް ދުނިޔޭގެ ސަމާލުކަމަށް އެކަން ގެނައުމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މަޖިލީހަށް ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސް މަރުހަލާގައި ޝިޔާމް ވާހަކަފުޅު ދައްކަވާ ނިންމާލެއްވުމުން ރައީސް ނަޝީދު ވިދާޅުވީ ޝިޔާމްއާ އެކު ޑައިވިނަށް ދާން "ވަރަށް ބޮޑަށް އެދެން" ކަމަށެވެ.

މީގެ ކުރިން ނަޝީދު ވަނީ ޝިޔާމްއާ އެކު ސިޔާސީ ގޮތުން މަޝްވަރާ ކުރެއްވުމަށް ޑައިވިންއަށް ވަޑައިގަތުމަށް ދައުވަތު ދެއްވައިފަ އެވެ.

ރައީސް ނަޝީދުގެ ދައުވަތު ގަބޫލުކުރައްވާ ޝިޔާމް ޑައިވިނަށް ވަޑައިގަތުމަށް ފުރަތަމަ ނިންމެވީ، މި މަހުގެ އަަށް ވަނައަށްވީ ހުކުރު ދުވަހު އެވެ. ނަމަވެސް އެކި ސަބަބުތަކާ ގުޅިގެން އަދި ޑައިވިން ދަތުރަށް ދެބޭފުޅުނަށްވެސް ވަޑައިގަނެވޭނެ ގޮތް ވަނީ ނުވެފަ އެވެ.

އެއަށްފަހު މި ހަފްތާގައި ޑައިވިނަށް ވަޑައިންނަވާނެ ކަމުގެ ވާހަކަތަކެއް ވަނީ ދެކެވިފަ އެވެ.

ޝިޔާމް މިއަދު "ސަން" އަށް ވިދާޅުވީ ޑައިވިނަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި ހަފްތާ ބަންދު ނޫން ދެން އަންނަ ހަފްތާ ބަންދުގައި ކަމަށެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކެއް އޮތުމުގެ ސަބަބުން މި ހަފްތާ ބަންދުގައި ޑައިވިނަށް ވަޑައިގަތުން އަންނަ ހަފްތާއަށް ބަދަލުކުރައްވާފައިވާ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފަ އެވެ.

މެމްބަރު ޝިޔާމް އަކީ މީގެ ކުރީން ޑައިވިން އިސްޓްރަކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އަށް އަހަރަށް ވުރެެ ގިނަ ދުވަހު ޑައިވިން އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ޝިޔާމް ވަނީ 3،000 އަށްވުރެ ގިނަ ޑައިވް ކުރައްވާފަ އެވެ.

ޝިޔާމް ވަނީ މަޖިލީހުގައިވެސް މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ހުރި ގިނަ ކަންބޮޑުވުންތަކެއް މީގެކުރީން ހިއްސާކުރައްވާފަ އެވެ.

ޝިޔާމް ވިދާޅުވީ ޑައިވިނަށް ވަޑައިންނަވާއިރު ސުތުލި ގޯނި ހިފައިން ވަޑައިންނަވާ ކަމަށެވެ. އެއީ ކުނި ނެގުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ފާހަގަ ކުރެވުނު އަޅުގަނޑުމެން އެއްގަޑިއިރުގެ ޑައިވިނެއްކޮށް ނިންމާ އަރާއިރުގައި ކޮންމެ ފަހަރަކު އަރަން ޖެހެނީ ޕްލާސްޓިކާއި ވަކިން ހާއްސަކޮށް ކުޑަކުދިން ޖަހާ ނެޕީ ހޮވައިގެން." ޝިޔާމް ވިދާޅުވި އެވެ.

ޑައިވިނަށް ގޮސް ގިނަ އަދަދެއްގެ ކުނި ނަގާކަން ފާހަގަކޮށް ޝިޔާމް ވިދާޅުވީ ހުއްޓާނުލައި މޫސުމަށް އަންނަ ބަދަލުގެ ވާހަކަ ދެއްކި ނަމަވެސް ހާލަތު ބަދަލު ނުވާ ކަމަށެވެ. އަދި ކުރިއަށްވުރެ މިއަހަރު ކަނޑުގެ އަޑި އާއި ފަރުތަކުން ނަގާ ކުނި ގިނަ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދިވެހިން މިއަށް ވުރެ ބޮޑަށް ހޭލުންތެރަން ޖެހޭ،" ޝިޔާމް ވިދާޅުވި އެވެ.

comment ކޮމެންޓް