ފާހާނައިން ފެނުގެ ހަރަދު ކުޑަކޮށްދޭ މެޓީރިއަލެއް!

ފްލަޝްކޮށްގެން އެކަނިވެސް ދުވާލެއްގެ މައްޗަށް 141 ބިލިއަން ލީޓަރުގެ ސާފު ފެން އިސްރާފުވޭ --- ފޮޓޯ : ސީއެންއެން

ފާހާނައިން ފްލަޝްކުރާއިރު ހަރަދުވާ ފެނުގެ މިންވަރު 90 ޕަސެންޓު ދަށްކޮށްދޭ ހާއްސަ މެޓީރިއަލެއް އުފައްދައިފި އެވެ.

ޕެން ސްޓޭޓް ޔުނިވާސިޓީގެ ރިސާޗަރުން ބުނެފައި ވަނީ ފާހާނާ ތަށީގައި ނަޖިސް ހަރު ނުލައި ހުންނަ ހާއްސަ ކައްސާ މެޓީރިއަލްއެއް އުފައްދާފައިވާ ކަމަށެވެ.

އެ މެޓީރިއަލްގެ ސަބަބުން ފެން ބޭނުންކުރަން ޖެހޭ މިންވަރު އެތައް ގުނައެއް ކުޑަވެ އަދި ފާހާނަ ތަށީގައި ބެކްޓީރިއާ އުފެދުން މަދުކޮށްދޭނެ ކަމަށް ރިސާޗަރުން ބުނެ އެވެ. އޭގެ އިތުރުން ފަސޭހައިން ވަސް ވެސް ފިލުވައިދޭނެ ކަމަށް އެފަރާތްތަކުން ވަނީ ބުނެފަ އެވެ.

ޕެން ސްޓޭޓް ޔުނިވާސިޓީއިން ބުނެފައިވާ ގޮތުގައި އެ މެޓީރިއަލް އަކީ ސްޕްރޭގެ ގޮތުގައި ފާހާނަތަށްޓަށް ޖަހާލެވޭނެ މެޓީރިއަލެކެވެ. އަދި ޓެފްލޯން އަށްވުރެ އެ މެޓީރިއަލް ކައްސާނެއެވެ.

އެ މެޓީރިއަލްގެ މަސައްކަތް އަދި ވެސް ކުރިއަށްދާ ކަމަށާއި މިހާރު ވެސް ދަނީ އެ މެޓީރިއަލް އިތުރަށް ތަރައްގީކުރަމުން ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.

ރިސާޗަރުން ބުނެފައިވާ ގޮތުގައި ކޮންމެ 50 ފްލަޝް އަކަށް ފަހު އެ މެޓީރިއަލް އާކުރަން ޖެހޭނެ އެވެ.

އެ މެޓީރިއަލް އުފައްދާފައި ވަނީ ފެނުގެ ހަރަދު ކުޑަކުރުމުގެ އުއްމީދުގަ އެވެ. ސައިންސުވެރިން ބުނާގޮތުގައި ކޮންމެ ދުވަހެއްގެ މަތީން ހަމައެކަނި ފާހާނައިން ފްލަޝްކޮށްގެން 141 ބިލިއަން ލީޓަރުގެ ފެން އިސްރާފުވެ އެވެ.

ނޭޗާ ސަސްޓެއިނެބިލިޓީ ނަމަކަށް ކިޔާ ޖާނަލްއެއްގައި ބުނެފައިވާ ގޮތުގައި ފްލަޝްކޮށްގެން ބޭކާރުވާ ސާފު ފެނުގެ އަދަދަކީ އެފްރިކާ ބައްރުގައި ބޯން ބޭނުންކުރާ ފެނުގެ އަދަދަށް ވުރެ ހަ ގުނަ އިތުރު އަދަދެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު