ކޮލަމްބޯ (ނޮވެމްބަރު 18): ސްރީލަންކާގެ އަށް ވަނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޕޮޑުޖަނަ ޕާޓީގެ ކެންޑިޑޭޓު ގޯޓާބަޔަ ރާޖަޕަކްސަ މިއަދު އެގައުމުގެ ރައީސްކަމުގެ ހުވާ ކުރައްވައިފި އެވެ.
ގޯޓާބަޔަ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވީ ލަންކާގެ ގަދީމީ ވެރިރަށެއް ކަމަށްވާ އަނޫރާދަޕޫރާގައި ހުންނަ ބުޑިސްޓު ފައްޅިއެއްގަ އެވެ. އެރަސްމިއްޔާތުގައި ބޭބޭފުޅު މަހިންދަ ރާޖަޕަކްސަ އާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ބައިވެރިވެވަޑައިގެންނެވި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ގޯޓާބަޔަ ކާމިޔާބު ކުރެއްވީ 6.9 މިލިއަން (52.25 ޕަސެންޓު) ވޯޓާއެކުގަ އެވެ. އަދި އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި ޔޫއެންޕީގެ ކެންޑިޑޭޓު ސަޖިތު ޕްރޭމަދާސައަށް ލިބުނީ 5.6 މިލިއަން (41.99 ޕަސެންޓު) ވޯޓެވެ.
އެ އިންތިހާބުގައި ވޯޓުލާން 15.9 މިލިއަން މީހުން ރެޖިސްޓާ ކުރި އިރު އޭގެ ތެރެއިން 80 ޕަސެންޓު މީހުން ވަނީ ވޯޓުގައި ބައިވެރިވެފަ އެވެ. އަދި ސިންހަލަ ނަސްލުގެ މީހުންގެ ގިނަ ވޯޓުތައް ގޯޓާބަޔައަށް ލިބުނު ނަމަވެސް، މުސްލިމުންނާއި ތަމަޅައިން ގިނަ އުތުރާއި އިރުމަތީގެ ޑިސްޓުރިކްޓުތަކުން އަގުލަބިއްޔަތު ހޯއްދެވީ ޕްރޭމަދާސަ އެވެ.
އެ އިންތިހާބުން ކާމިޔާބީ އިއުލާން ކުރައްވަމުން އިއްޔެ ގޯޓާބަޔަ ވަނީ އޭނާ ވެރިކަން ކުރެއްވުމުގައި ތާއީދުކުރާ މީހުންނާއި ނުކުރާ މީހުން، އަދި ތަފާތު ނަސްލުތަކާއި ދީންތަކުގެ މީހުން ތަފާތު ނުކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ގޯޓާބަޔަ ވަނީ 2005އިން 2015އަށް މަހިންދަ ވެރިކަން ކުރެއްވި އިރު، ގައުމުގެ ޑިފެންސް ސެކްރެޓަރީގެ މަގާމު އަދާ ކުރައްވާފަ އެވެ. އަދި އެ ދެބޭފުޅުން ވަނީ އެގައުމުގެ 26 އަހަރުވީ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނައުމުގައި އިސް ދައުރެއް އަދާ ކުރައްވާފަ އެވެ.
އެހަނގުރާމައިގެ ތެރޭ ގޯޓާބަޔަ ޖަރީމާތައް ހިންގި ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން ތުހުމަތު ކުރި ނަމަވެސް އޭނާ ވަނީ އެތުހުމަތުތައް ދޮގު ކުރައްވާފަ އެވެ.
ގޯޓަބަޔަގެ ކެމްޕެއިން ތެރޭގައި ޕޮޑުޖަނަ ޕާޓީގެ މެމްބަރުން ވަނީ ދެން ބޮޑުވަޒީރު ކަމަށް ހުށަހަޅާނީ މަހިންދަގެ ނަން ކަމަށް ބުނެފަ އެވެ.