އަފްރާޝީމްގެ މަރާ ގުޅުންހުރި މުހިންމު ހެކިތަކެއް ގެއްލިފައި!

ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި ފުލުހުން ހޯދާފައިވާ ބައެއް މުހިންމު ހެއްކާއި ގަރީނާ މިހާރު ނެތް ކަމަށް މައްސަލައިގައި މަރު ކޮމިޝަނުން އެކުލަވާލި ތަހުގީގު ރިޕޯޓުން ހާމަވެއްޖެ އެވެ.

މި މައްސަލަ ތަހުގީގު ކުރުމުގައި ކޮމިޝަނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ހާދިސާ ހިނގިފަހުން ގިނަ އަހަރުތަކެއް ފާއިތުވެފައިވުމުގެ ސަބަބުން އިތުރު ހެކި ހޯދުމުގައި ހުރި ދަތިތަކާއި، މޯލްޑިވްސް ޕޮލިސް ސާވިސްއިން ހޯދައި އެއްކޮށްފައިވާ ކަމަށް ގަބޫލުކުރެވޭ ސީސީޓީވީ ފުޓޭޖް އާއި އިންޓެލިޖެންސް މައުލޫމާާތާއި ކޯލް ޑޭޓާގެ ތެރެއިން ބައެއް ތަކެތި ނުލިބުމުން ކަމަށެވެ.

އެގޮތުން ޖަލަޕީނޯ ކުރިމަތީގައި ހުރި ޕޮލިސް ސީސީޓީވީ ކެމެރާއިން 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުގެ ފުޓޭޖުތަކުން އެތަނުގައި ހަރަކާތްތެރިވި މީހުން ފެންނާނެކަން އެނގޭ އިރު، އަދި އެ ފުޓޭޖުތައް ފުލުހުން ނަގައިގެން ބަލާފައިވާ ކަމަށް ބުނެފައިވާއިރު، މިހާރު އެ ފުޓޭޖް ފުލުހުންގެ އިދާރާގައި ނެތް ކަމަށް ކޮމިޝަންގެ ރިޕޯޓުގައިވެ އެވެ.

އަފްރާޝީމް އަވަހާރަކޮށްލި ދުވަހުގެރޭ ޖަލަޕީނޯއަށް ވަދެފައި ޑރ. އަފްރާޝީމް ނުކުތުމާއެކު، މައްސަލައިގައި ތުހުމަތު ކުރެވުނު އަޒްލިފް ރައޫފް ވެސް ޖަލަޕީނޯ އިން ޑރ.އަފްރާޝީމްގެ ފަހަތުން ނިކުތްކަން އަޒްލިފް ރައޫފްގެ އިއުތިރާފުން އެނގޭ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.

އަޒްލިފް ރައޫފް ޑރ. އަފްރާޝީމްގެ ގެއާ ޖެހިގެން ހުޅަނގަށް ހުންނަ ކްރަސްޓީޒް ރެސްޓޯރަންޓުގެ ހުޅަނގުން އަމީނީ މަގުގައި އެރޭ ދަންވަރު 12:00 ގައި މީހަކަށް އެއްޗެއް އަންގައި ފާރަލަމުން ގެންދާ ގޮތަކަށް ހަރަކާތްތެރިވަމުންދާ ތަން ސްޓެލްކޯގެ ސީސީޓީވީ ގެ ކެމެރާގެ ފުޓޭޖުން ފެންނަ ކަމަށް ފުލުހުންގެ ތަހުގީގުން އެނގެ އެވެ.

ނަމަވެސް އެ ފުޓޭޖުތައް މިހާރު ނެތް ކަމަށާއި އެހެންކަމުން އެ ފުޓޭޖުތައް ކޮމިޝަނަށް ބެލިފައެއް ނުވާކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް އެރޭގެ ތާރީހު ޖަހާފައިވާ ޖަލަޕީނޯގެ ރިސީޓެއް އަފްރާޝީމްގެ ކާރުތެރެއިން ފެނިފައިވާތީ އަފްރާޝީމް އެރޭ އެ ރެސްޓޯރަންޓަށް ވަޑައިގެންނެވިކަން އެނގޭ ކަމަށް ރިޕޯޓްގައިވެ އެވެ.

އޭގެ އިތުރުން މައްސަލައާ ގުޅުންހުރި މުހިންމު ކޯލް ރެކޯޑިން އެއް ވެސް ލިބިފައި ނުވާކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

ޑރ. އަފްރާޝީމްގެ މަރަކީ ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް ހަތަރު މިލިއަން ރުފިޔާގެ އަގެއް ދީގެން ކުރުވި ކަމެއް ކަމަށް ފުލުހުންގެ ތަހުގީގަށް ފަހު އޭރުގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ވަނީ ވިދާޅުވެފަ އެވެ.

އަފްރާޝީމް އަވަހާރަކޮށްލިކަން ސާބިތުވެ މަރަން ހުކުމް ކޮށްފައިވާ ހ. ލޮބީ ހުސައިން ހުމާމް ތަހުގީގުގައި ބުނެފައި ވަނީ އަފްރާޝީމް މަރާލަން އަބްދުﷲ ޖާވިދު (ޖާ) ހަތަރު މިލިއަން ރުފިޔާ ހަމަޖައްސާފައިވާ ކަމަށާއި، އަދި އެކަން ކޮށްފިނަމަ ހުމާމަށް އެއް މިލިއަން ރުފިޔާ ދޭނެ ކަމަށް ބުނެ ކަމަށެވެ.

"މިކަންތައް ރޭވިފައި އިންގޮތް އެނގޭނޫންހޭ، އަޒްލިފް ރައޫފްމެން ފަރާތުން ހަބަރު އައިސްފަ ނޫންހޯ އޮތީ ދޯ، އެހެންވެ މިކަންތައް ކުރިއަށްދާގޮތް، ކިހާވަރެއްކަން ލިބެނީ، ހުވާކޮށްފައޭ މިބުނީ ހަތަރު މިލިއަން ރުފިޔާ ދޭނަމޭ ކަލޭ މިކަންތައް ކޮށްފިއްޔާ،" ހުމާމު ގާތުގައި ޖާވިދު ބުނި ކަމަށް ހުމާމު ތަހުގީގަށް ދިން ބަޔާނުގައި ބުނެފައިވެއެވެ.

އަދި މިކަމަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ރީކޯ މޫސާ މަނިކު ރޭވި ކަމެއް ކަމަށާއި ރުފިޔާގަނޑު ލިބޭނީ ރީކޯ މޫސާ މަނިކުގެ ފަރާތުން ކަމަށް ޖާވިދު ބުނި ކަމަށް ވެސް ހުމާމު ބުނި ކަމަށް ރިޕޯޓްގައި ފާހަގަ ކުރި އެވެ.

ޖާވިދު އަކީ އެމްޑީީޕީގެ ހަރަކާތްތަކުގައި އުޅުނު އަދި އެމްޑީީޕީގެ އެއިރުގެ ޗެއާޕާސަން ރީކޯ މޫސާ މަނިކުގެ ދަނބި ދަރިއެކެވެ.

އަބްދުﷲ ޖާވިދު ހައްޔަރު ކުރުމަށްފަހު އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އެކި ފަހަރުމަތިން ފުލުހުން ކްރިމިނަލް ކޯޓުގައި އެދިފައި ވަނީ ލިބިފައިވާ ހެކި ނުވަތަ ގަރީނާގެ މައްޗަށް ބިނާކޮށެވެ. އަދި ލިބިފައިވާ ހެއްކާ ގަރީނާގެ ގޮތުގައި ބަޔާންކޮށްފައިވަނީ، "މީނާގެ މައްޗަށް ލިބިފައިވާ ހެކިބަސް / ފޯންކޯލް މުއާމަލާތްތައް" ކަމަށެވެ.

ނަމަވެސް ޖާވިދުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރެވުނު ފަހަރުތަކުގައި، އޭނާ ޑރ. އަފްރާޝީމް އަވަހާރަކޮށްލަން ފައިސާ ދީފައިވާކަން ދޭހަވާ އެއްވެސް ހެއްކެއް ހުރިނަމަ އެފަދަ ހެއްކެއް ހުށަހެޅުމަށް މައްސަލަ ބައްލަވާ ގާޒީ ތަކުރާރުކޮށް ފުލުހުންނަށް އެންގެވި ނަމަވެސް އެފަދަ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ފުލުހުން ކޯޓަށް ހުށަހަޅާފައެއް ނުވެއެވެ.

ކޯޓުން ޖާވިދު ދޫކޮށްލީވެސް އެއްވެސް ހެއްކެއް ފުލުހުން ހުށަހަޅާފައި ނުވާތީ އެވެ.

އެ ލިޔެކިޔުންތައް ހޯދުމަށް ކޮމިޝަނުން ފުލުހުންނަށް ހުށަހެޅުމުން، އެ ސާވިސް އިން ކޮމިޝަނާ ހިއްސާކުރި މައުލޫމާތުގެ ތެރޭގައި ހިމެނެނީ، ހެކީގެ ބަޔާނުގެ ގޮތުގައި ހ. ލޮބީ ހުސެން ހުމާމް ދީފައިވާ ބަޔާނާއި، ކޯލްގެ ލޮގު އަދި އަބްދުﷲ ޖާވިދު އަށް ހުސެން ހުމާމް ކޮށްފައިވާ ޓެކްސްޓް މެސެޖެކެވެ.

އަފްރާޝީމް އަވަހާރަކޮށްލި ދުވަހު އަބްދުﷲ ޖާވިދަށް ހުސެން ހުމާމް ގުޅިކަމަށް ބުނެ ފުލުހުން ކްރިމިނަލް ކޯޓަށް ހުށަހެޅި ތިން ކޯލް ލޮގަށް ބަލާއިރު، އޭގެ ތެރެއިން ދެ ކޯލްއަކީ މިސްވެފައިވާ ދެ ކޯލެވެ.

މި ކޯލްތަކުގެ މައުލޫމާތު ސާފުކުރުމަށް ހާދިސާ ހިނގި ދުވަސްވަރު މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ހެޑަކަށް ހުންނެވި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް، އިސްމާއީލް ޝަމީމް އާދަމް ކޮމިޝަނަށް ހާޒިރުކޮށް އޭނާއާ ސުވާލުކުރުމުން، 2012 ވަނަ އަހަރު ފުލުހުންގެ އިންޓެލިޖެންސްގައި ޝަމީމް އާދަމް މަސައްކަތް ކުރަމުން ދިޔައިރު، ޑރ. އަފްރާޝިމް އަލީގެ މަރުގެ މައްސަލައާ ގުޅިގެން ފޯން އިންޓަސެޕްޓު ކުރަމުން ދިޔައިރު، ހަތަރު މިލިއަން ރުފިޔާގެ މުއާމަލާތަކާ ގުޅޭ ވާހަކައެއް އަބްދުﷲ ޖާވިދު ދައްކާ ވާހަކަ ހިމެނޭ އޯޑިއޯއެއް އިންޓެލިޖެންސްގައި މަސައްކަތް ކުރާ މީހަކު ޝަމީމަށް ގެނެސްދިން ކަމަށް ވަނީ ބުނެފަ އެވެ.

އަދި އެ އޯޑިއޯ އަޑުއެހިކަމަށާއި އޭގައި އެއްކޮޅުން ވާހަކަ ދައްކަމުން ދިޔައީ، އަބްދުﷲ ޖާވިދު ކަމަށާއި، އަދި އަނެއްކޮޅުން ވާހަކަ ދައްކަމުން ދިޔައީ ކޮންމެވެސް ވިޔަފާރި ވެރިއެއް ކަމަށް ގަބޫލުކުރެވޭ ކަމަށާއި، އެހެންނަމަވެސް، އަނެއް ކޮޅުން ވާހަކަ ދައްކަމުން ދިޔައީ، ސީދާ ކޮންފަރާތެއްކަން ހޯދުނު ކަމެއް އެނގިފައި ނުވާކަމަށް ޝަމީމް ވަނީ ބުނެފައެވެ.

އެ އޯޑިއޯގައި ބުނަނީ ތިން މިލިއަން ނުވަތަ ހަތަރު މިލިއަންގެ ފައިސާ ހުރީ ހަމަޖެހިފައިކަމަށާއި، މަސައްކަތް ފަށަންވީ ކަމަށެވެ.

އެ ކްލިޕް އަޑުއެހުމަށްފަހު، ތަހުގީގު ޓީމާ ހަވާލުކުރުމަށްޓަކައި، އިންޓެލިޖެންސްގެ މުވައްޒަފުންނާ ހަވާލުކުރި ކަމަށާއި އެހެންނަމަވެސް، އެ އޯޑިއޯ ހަވާލުކުރީ، ތަހުގީގު ޓީމުގެ ކޮން ފަރާތަކާ ކަމެއް ދަންނަވަން މިހާރު ނޭނގޭ ކަމަށް ބުނެފައިވެއެވެ.

އިންޓެލިޖެންސް އިން އިސްމާއީލް ޝަމީމް އާދަމް ވަކިވިއިރު، އިސްމާއީލް ޝަމީމް އާދަމް އޮންނާނީ އިންޓެލިޖެންސް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ އާރިފް އާއި ޒަނާން އަދި ފަޔާޒުއާ އެ އޯޑިއޯ ކްލިޕް ހޯދުމަށް ހަވާލުކޮށްފައި ކަމަށެވެ. އެހެންނަމަވެސް، ތަހުގީގު ޓީމުން އެ ހޯދި ކަމެއް ނޭނގޭ ކަމަށާއި، އިންޓެލިޖެންސް ޑިޕާޓްމަންޓް އިން ބަދަލުވުމާ ހަމައަށްވެސް އެ އޯޑިއޯ ލިބިފައި ނުވާކަމަށް ކޮމިޝަނަށް ބަޔާންދެމުން ޝަމީމް އާދަމް ވަނީ ބުނެފައެވެ.

ޝަމީމް ކޮމިޝަނަށް ދިން ބަޔާނާ ގުޅިގެން އެކަންކަން ސާފުކުރުމަށް މިދިޔަ މަހުގެ 20 ވަނަ ދުވަހު ކޮމިޝަނުން ޕޮލިސްގައި އެދިފައި ވީނަމަވެސް އޭގެ ޖަވާބެއް މިހާތަނަށްވެސް ފުލުހުން އަންގާފައި ނުވާ ކަމަށް ރިޕޯޓުގައިވެއެވެ.

އެ ކޯލް ރެކޯޑިން ވެސް މިހާރު ފެންނަން ނެތުމުން، ޑރ. އަފްރާޝީމް އަވަހާރަކޮށްލީ، ސިޔާސީ ބަޔަކު އަޑީގައި ތިބެގެން، ސިޔާސީ ބޭނުމެއްގައި، ސިޔާސީ ވިސްނުމެއްގައި ކަމަށް ބުނާބުނުމަށް ބާރުލިބޭ ހެއްކެއް ނެތް ކަމަށް ރިޕޯޓުގައިވެއެވެ.

އޭގެ އިތުރުން މައްސަލަ ތަހުގީގު ކުރުމަށް ދެން ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުންތަކެއް ގޮތުގައި ރިޕޯޓުގައި ފާހަގަކޮށްފައި ވަނީ މައްސަލާގައި ތުހުމަތުކުރެވޭ ގިނަ އަދަދެއްގެ ބަޔަކު ހަނގުރާމަ ކުރުމަށް ރާއްޖެއިން ބޭރަށް ގޮސްފައި ތިބުމާއި، ހެކިބަސްދޭން ތިބި ބައެއް މީހުން ހެކިބަސް ދީފިނަމަ އެމީސްމީހުންގެ ޖާނާއި ފުރާނައަށް ނުރައްކާ އޮތް ކަމަށް ބުނެ ހެކިބަސްދިނުމަށް އިންކާރުކުރުމެވެ.

comment ކޮމެންޓް