ކޮލަމްބޯ (ނޮވެމްބަރު 17): ސްރީލަންކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުން ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅު އަދި ޕޮޑުޖަނަ ޕާޓީ (އެސްއެލްޕީޕީ)ގެ ކެންޑިޑޭޓު ގޯޓާބަޔަ ރާޖަޕަކްސަ ކާމިޔާބީ އިއުލާން ކުރައްވައިފިއެވެ.
އެ އިންތިހާބުގެ ވޯޓު ގުނުން އަދިވެސް ކުރިއަށް ދަނިކޮށް އެސްއެލްޕީޕީން ނެރުނު ބަޔާނެއްގައި ވަނީ ގޯޓާބަޔަ އިންތިހާބު ކާމިޔާބު ކުރައްވާފައިވާ ކަމަށާއި، އޭނާއަށް ތާއިދުކުރާ ފަރާތްތަކުން ސުލްހަވެރިކަމާ އެކު އުފާ ފާޅު ކުރުމަށް އެދިފައެވެ.
އިއްޔެ ކުރިއަށް ދިޔަ އިންތިހާބުގެ ވޯޓުލުން ލަންކާ ގަޑިން ހަވީރު 5:00 (ރާއްޖެ ގަޑިން 4:30) ގައި ނިމުނު ނަމަވެސް، ވަގުތީ ނަތީޖާތައް އިއުލާނުކުރުން ފެށުނީ މެންދަންވެސް ފާއިތުވި ފަހުން، މިއަދު ލަންކާ ގަޑިން މެންދަމުން އަލިވެ 2:00 (ރާއްޖެ ގަޑިން 1:30) ހާއިރުއެވެ. ނަތީޖާ އިއުލާނުކުރަމުން ދަނީ ޑިސްޓްރިކްޓުތަކުން ޕޯސްޓަލް ވޯޓުގެ 22 ނަތީޖާއަށްފަހު، ޕޯލިންގް ޑިވިޝަންގެ ގޮތުގައި ކަނޑައަޅާފައިވާ 160 ސަރަހައްދެއްގެ ނަތީޖާ ވަކިވަކިންނެވެ. އެހެންކަމުން ޖުމްލަ 182 ނަތީޖާއެއް އިއުލާނުކުރާނެއެވެ.
އިންތިހާބުގައި 15.9 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނު އިރު އޭގެ ތެރެއިން 80 ޕަސަންޓެއްހާ މީހުން ވޯޓުލިއެވެ. އެއީ ގާތްގަނޑަކަށް 12 މިލިއަނެއްހާ މީހުންނެވެ.
ލަންކާގެ ބައެއް މީޑިއާތަކުގައިވާ ގޮތުން މިހާތަނަށް ހަތަރު މިލިއަނަށް ވުރެ ގިނަ ވޯޓު ވަނީ ގުނާފަ އެވެ. އަދި މިހާރު ގޯޓާބަޔައަށް 2,013,934 (48.45 ޕަސެންޓު) ވޯޓު ލިބިފައިވާ އިރު، އޭނާއާ އެންމެ ގާތުން ވާދަ ކުރައްވާ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ސަޖިތު ޕްރޭމަދާސައަށް ލިބިފައި ވަނީ 1,874,557 (45.1 ޕަސެންޓު) ވޯޓެވެ.
ދެން އެންމެ ގާތުން ވާދަކުރައްވާ ކޮމިއުނިސްޓް (މާކްސިސްޓް-ލެނިނިސްޓް) ފިކުރުގެ ޕާޓީއެއް ކަމުގައިވާ ޖަނަތާ ވިމުކްތި ޕެރަމުނަ (ޖޭވީޕީ)ގެ ލީޑަރު އަދި ކެންޑިޑޭޓު އަނޫރަ ކުމާރަ ޑިސާނާޔަކައަށް އަދި ލިބިފައި ވަނީ 128,665 ވޯޓެވެ.
ލަންކާގެ އިލެކްޝަން ކޮމިޝަނުން ވަނީ އެ އިންތިހާބުގެ ރަސްމީ ނަތީޖާ މިއަދު 15:00 އާއި 16:00އާ ދޭތެރޭ އިއުލާން ކުރެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ބުނެފަ އެވެ. އަދި އޭރުން އާ ރައީސަށް މާދަމާ ވެރިކަމުގެ ހުވާ ކުރެއްވޭނެ ކަމަށް ބުނެފަ އެވެ.
ގޯޓާބަޔަ ރައީސްކަމަށް އިންތިހާބުވެއްޖެނަމަ އެ ވާނީ ލަންކާގައި ކުރިން ރައީސްކަން ކުރެއްވި ބޭފުޅެއްގެ ކޮއްކޯފުޅު ވެރިކަމަށް އިސްވެވަޑައިގަންނަވާ ފުރަތަމަ ފަހަރަށެވެ. އަދި އޭނާ ބޮޑުވަޒީރު ކަމަށް ހިޔާރު ކުރައްވާނީ ބޭބޭފުޅު މަހިންދަ ކަމަށް ބެލެވެއެވެ.
ލަންކާގައި 2005އިން 2015އަށް ވެރިކަން ކުރެއްވި މަހިންދަގެ ވެރިކަމުގައި ގޯޓާބަޔަ ޑިފެންސް ސެކްރެޓަރީގެ މަގާމު އަދާކުރެއްވިއެވެ. އަދި އެގައުމުގެ 26 އަހަރުވީ ހަނގުރާމަ ނިމުމަކަށް ގެނައުމުގައި އެ ދެ ބޭފުޅުން އިސް ދައުރެއް އަދާކުރެއްވިއެވެ.