ސަޕްރައިޒް އެވޯޑަކާ އެކު ދޮން އައްޔައަށް ބޮޑު ކާމިޔާބީއެއް!

ފިލްމު އެވޯޑްސްގައި ބެސްޓް ސަޕޯޓިން އެކްޓަރާއި ޖޫރީސް ސްޕެޝަލް އެވޯޑު ލިބުނު އަލީ އާޒިމް (ދޮން އައްޔަ) -- ފޮޓޯ/ ރައީސް އޮފީސް

ބައިސްކޯފު ޕްރެސެންޓްސް ދިވެހި ފިލްމް އެވޯޑްސް 9" ހަފްލާ ރޭ ނިމިގެންދިޔައީ ވަރަށް ކުލަގަދަކޮށެވެ.

ބާވީސް ފަރާތަކަށް އެވޯޑް ލިބި ޖޫރީންގެ ފަރާތުން ވެސް ވަނީ ބައެއް ތަރިންނަށް އެވޯޑް ލިބިފަ އެވެ. މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކަކާ އެކު ރޭ ނިމިގެން ދިޔަ އެވޯޑް ހަފްލާގައި ގިނަ ފިލްމީތަރިން ބައިވެރިވި އެވެ.

މިފަހަރު އެވޯޑް ހަފްލާގައި އެންމެ ފާހަގަކޮށްލެވުނީ ޖޫރީންގެ ފަރާތުން ދިން ސަޕްރައިޒް އެވޯޑްތަކަށެވެ. ޖޫރީ ސްޕެޝަލް އައުޑްސްޓޭންޑިން ޕާފޯމަރ އެވޯޑް ލިބުނު ތަރިއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ބަތަލު އަލީ އާޒިމް (ދޮން އައްޔަ) އެވެ. އައުޑްސްޓޭންޑިން ޕާފޯމަރ އެވޯޑް ދޮން އައްޔަ އަށް ލިބުނީ ފިލްމު ދެވަންސޫރަ، ބޮސް، މަލިކާ އަދި ހައްދު އިންނެވެ.

އެ ހާއްސަ އެވޯޑް ދޮން އައްޔަ އަށް ލިބުނުއިރު އޭނާއަށް ވަނީ ފިލްމު ހައްދު އިން ބެސްޓް ސަޕޯޓިން އެކްޓަރގެ އެވޯޑު ލިބިފަ އެވެ. އެވޯޑާ ހަވާލުވުމަށް ފަހު ދޮން އައްޔަ ބުނީ އެވޯޑަކީ ވަރަށް ބޭނުންވި އެވޯޑެއް ކަމަށާއި އެކަމަކު އެހާއަވަށް މި އެވޯޑް ބޭނުންނުވި ކަމަށެވެ. އެވޯޑު ލިބުމުން އުފާވާކަމަށް ވެސް އޭނާ ބުންޏެވެ.

ފިލްމު އެވޯޑްސްގައި ބެސްޓް ސަޕޯޓިން އެކްޓަރާއި ޖޫރީސް ސްޕެޝަލް އެވޯޑު ލިބުނު އަލީ އާޒިމް (ދޮން އައްޔަ) -- ފޮޓޯ/ ރައީސް އޮފީސް

ދޮން އައްޔަ އަކީ މިވަގުތު ދިވެހި ފިލްމު އިންޑަސްޓްރީގައި ޑިމާންޑް ބޮޑު އެންމެ ވަރުގަދަ ބަތަލުވެސްމެ އެވެ. ގިނަ ފީޗާ ފިލްމުތަކުން ދޮން އައްޔަ ޖާގަ ހޯދަމުން އަންނައިރު އޭނާއަކީ މިހާރު މި ދާއިރާގައި ފިޔަޖަމުން އަންނަ ތަރިއެކެވެ.

ޖޫރީގެ އެވޯޑް ދޮން އައްޔަ އަށް ލިބުނުއިރު ފިލްމު ވަކިން ލޯބިންގައި ކުޑަކުއްޖާގެ ރޯލު އަދާކުރި މަރިޔަމް ޔާލާ ޝިފާއު އަށް ވެސް ވަނީ ޖޫރީ އެވޯޑް ލިބިފަ އެވެ.

comment ކޮމެންޓް