ރޭ ބޭއްވި ނުވަ ވަނަ ފިލްމް އެވޯޑްސްއަކީ ފިލްމީ ދާއިރާއަށް އެތައް ގޮތަކުން ހާއްސަ ރެއެކެވެ. ކުޑަ ފަނޑުކަމަކަށް ފަހު ނަމަވެސް، ފިލްމީ ދާއިރާއަށް އުޖާލާވި އުންމީދެއް އެންސީއޭ އިން އިންތިޒާމްކުރި ދިވެހި ފިލްމީ އެވޯޑު ހަފްލާއިން ދިވެހި ފިލްމް އިންޑަސްޓްރީއަށް ގެނެސްދީފި އެވެ.
ހަފްލާގައި ތަފާތު ކަންތައްތަކެއް ކުލަހެޔޮކޮށް ގެނެސްދެވުނު އިރު، އެންމެ މުހިންމު އަދި ފާހަގަކޮށްލެވުނު އެއްކަމަކަށްވީ ނޮމިނޭޝަންތަކަށް ފަނޑިޔާރުކަން ކުރި ޖޫރީއިން ޖުމްލަކޮށް ފިލްމްތަކާ ބެހޭ ގޮތުން ދިން ރިވިއުސް އެވެ.
ފިލްމް އިންޑަސްޓްރީ ދަންނަ ރަހުމަތްތެރި ގާތް އެތައް މޫނުތަކާއި އަދި އެހާމެ ޒުވާން ނަމަވެސް ފިލްމާއި ޓެލެވިޒަންގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށް ތަޖުރިބާ ހޯދާފައިވާ ޖޫރީންގެ ކޮމިޓީއަކުން، މި އެވޯޑުގައި ބައިވެރިކުރި ފިލްމުތައް ޖަޖުކޮށް ރިވިއުކޮށްފައިވާއިރު އެ ކޮމެންޓްތަކުން ރާއްޖޭގެ ފިލްމީ ދާއިރާ މިހާރު އޮތް ހާލަތު ވަރަށް ބޮޑަށް ވެސް ކިޔައިދީފި އެވެ.
ގިނަ ފަންނާނުންގެ ކިބައިގައި ތަމްރީނެއް ނެތްް
ބައިވެރިކުރެވުނު ފިލްމްތަކުގައި އެކްޓްކޮށްފައިވާ ތަރީންގެ އެކްޓިންނާ ބެހޭ ގޮތުން ޖޫރީން ދެކެވަޑައިގެންނަވާ ގޮތުގައި ގިނަ އެކްޓަރުންނަކީ އެކްޓްކުރުމާއި، ހުށަހެޅުމުގެ ތަމްރީނާއި ތައުލީމު އެންމެ ފުރިހަމައަށް ލިބިފައިވާ އެކްޓަރުންނެއް ނޫނެވެ. ނަމަވެސް އަމިއްލަ ވިސްނުމާ އެކު، ހުނަރުވެރި މޮޅު ހުށަހެޅުންތަކެއް ދައްކުވައިދިނުމުގެ ގާބިލްކަން ހުރި ފަންނާނުންތަކެއް ކަމަށް ވެސް ޖޫރީން ފާހަގަކޮށްފައިވެ އެވެ.
އަދި އިތުރަށް ފަންނާނުންގެ އެކްޓިން ރަނގަޅުކުރުމަށް ޓަކައި، އެކްޓަރުން އެ ރޯލުތަކަށް ތައްޔާރުކުރުމާއި، އަހުލުވެރިކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވެސް ޖޫރީންގެ ރިޕޯޓުގައިވެ އެވެ.
"ޓިޕިކަލް ދިވެހި" ތައްގަނޑުން ބޭރު ފިލްމުތަކެއް
މިއީ އަހަރެމެން އަބަދުވެސް ދައްކަމުން އައި އެއްވާހަކަ އެވެ. ދިވެހި ފިލްމުތައް އެއް ތައްގަނޑަކަށް ހުރުމާއި، އެއްގޮތްވުމާއި އެއްކަހަލަ ޕްލޮޓުތަކެއް ހުރުމެވެ.
އިލް ނޮއިސް، ވިޝްކާ، ބޮސް، ހައްދު، ދެވަންސޫރަ ވަކިން ލޯބިން ފަދަ ފިލްމުތަކެއް ހިމެނުނު މިފަހަރުގެ އެވޯޑުގައި، އެހެންނަމަވެސް މި ދެންނެވި އާންމު ދިވެހި ފިލްމްގެ ވާހަކަ ހުންނަ ކޮންސެޕްޓުން ބޭރުން ޝައުގުވެރި ޕްލޮޓްތަކެއް ފެނިގެން ދިޔަކަމަށް ޖޫރިން ވިދާޅުވެފައިވެ އެވެ.
އަދި ވެސް ބޭރު ފިލްމު ކޮޕީކުރަނީ!
ޖޫރީންގެ އެންމެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވީ ސްކްރީން ޕްލޭއަށެވެ. މިގޮތުން ފިލްމްތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ޓަކައި އެންމެ ބޮޑަށް މަސައްކަތްކުރަން ޖެހޭ ރޮނގަކީ ވެސް މިއީކަން ފާހަގަކޮށް ޖޫރީން ވިދާޅުވަނީ ފިލްމުތަކުގައި މައިގަނޑު ޕްލޮޓުން ބޭރުވެ، ފޯކަސް ގެއްލި، ބޭކާރު މަންޒަރުތައް ގިނަވެ، ފިލްމުތައް ދެގުނަ ދިގުވެފައިވާ ކަމެވެ.
އެއާ އެކު، ބޭރު ފިލްމްތަކުގެ މަންޒަރާއި އަދި ޑައިލޮގް ހުރިގޮތަށް ނަކަލުކޮށްފައި ހުރިއިރު، ބައެއް ފިލްމްތަކުގެ ވާހަކައިގެ އޮނިގަނޑާއި ހުށަހެޅުން ވެސް ހަމައެފަދައިން ބޭނުންކޮށްފައި ހުރިކަމަށް ޖޫރީންވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ދިވެހި މުޖްތަމައާ ގުޅޭ ސީރިއަސް މައްސަލަތަކަށް ބައެއް ފިލްމުތައް އަލިއަޅުވާލާފައި ހުރިއިރު، އެފަދަ މައްސަލަތަކާ ބެހޭ ގޮތުން އެކަށީގެންވާ ވަރަކަށް ބަލައި ހޯދާ ދިރާސާކުރެވިފައި ނުވާ ކަމާއި، އާންމު އިޖުތިމާއީ މިންތަކާއި ބީރަށްޓެހި ހަމަތަކެއް ފެނިގެސްފައިވާކަން ވެސް ޖޫރީން ވެސް ފާހަގަކޮށްފައިވެ އެވެ. އަދި މިފަދަ ބައެއް މަންޒަރުތައް ގެނެސްދެވޭ ގޮތަކުން އެފަދަ އަމަލުތަކަކީ ކުށަކަށް ނުވާހެން ދޭހަވާ ބީދައިން އެ އަމަލުތައް ނޮމަލައިޒް ވެގެންދާތަން ފެނުމަކީ ސީރިއަސްކަމެއްދީ އިސްލާހުކޮށް ހޭލުންތެރިވާން ޖެހޭ ކަމެއްގެ ގޮތުގައި ވެސް ޖޫރިން ފާހަގަކޮށްފައިވެ އެވެ.
ބައެއް ޓެކްނިކަލް އެވޯޑު ދޭ ފެންވަރެއް ނެތް
ޓެކްނިކަލް މަސައްކަތްތަކީ ފިލްމެއް އެންމެ ރީތިކޮށް ބެލުންތެރިންނާ ހިސާބަށް ގެނެސްދީ އަދި ފިލްމެއް އެހާމެ ފުރިހަމަ ކޮށްދޭ މަސައްކަތަކަށްވާ އިރު، މި ދާއިރާއިން ޕޮޒިޓިވް ބައެއް ކަންކަމާއި، އަދި ރަނގަޅުކުރަން ޖެހޭ ގިނަ ކަންތައްތަކެއް ވެސް ޖޫރީންގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
މިގޮތުން ބައެއް ފިލްމުތަކުގައި ޝޮޓްތައް ކޮމްޕޯސްކުރުމާއި، ފިލްމުގެ ވާހަކަ ހުށަހެޅުމުގައި މޫޑާއި އިހުސާސްތައް މާނަވީ ގޮތެއްގައި ގެނެސްފައިވާ އިރު، އެހެން ބައެއް ފިލްމުތަކުގައި ލައިޓިންގެ މައްސަލަތަކާއި، އެޑިޓިންގެ ހުނަރު ދަށްކަން ވެސް ފާހަގަކޮށްފައިވެ އެވެ.
އަމިއްލަ ރާގުތަކާއި ލަވަތަކަށް ބަލާއިރު ގިނަ ފިލްމުތަކުން އަމިއްލަ ރާގުތަކެއް ފެނުނަސް، ބައެއް ލަވަތައް އަޑުއަހާލުމުން އެއީ ބޭރުގެ ކޮން ރާގެއްކަން އެނގޭހާ ކުޑަ ބަދަލުތަކެއް ގެނެސް ހުށަހަޅާފައިވާކަން ޖޫރީން ވަނީ ފާހަގަކޮށްފަ އެވެ.
މީގެ އިތުރުން ޖޫރީންގެ ފަރާތުން ހުށަހަޅާފައިވާ ބައެއް އިސްލާހުތަކުގައި މޭކަޕާއި ކޮސްޓިއުމް ފަދަ ކެޓަގަރީތަކުގެ ޑެފިނީޝަން މީހަރަށް ވުރެ ފުޅާކޮށް އެ މަސައްކަތް ވަޒަންކުރެވޭނެ ގޮތަކަށް ބަދަލުކުރަން ޖޫރީން ވަނީ އެދިފަ އެވެ.
ނުވަވަނަ ދިވެހި ފިލްމް އެވޯޑްސްގެ ހެޑް އޮފް ޖޫރީއަކީ މުހައްމަދު ނިޔާޒް (ޓެޑްރީ) އެވެ. ޖޫރީންގެ ތެރޭގައި ހިމެނެނީ އައިމިނަތު ނަޖީބު، އަހުމަދު އަހުޝަން، ފާތުމަތު ލީޒާ، ޝާރިފް އަލީ، އާމިނަތު އީނާސް އަދި ނޫރާ އިބްރާހިމް ޒާހިރެވެ.
ޖުމްލަ 22 ކެޓަގަރީއަކަށް 12 ފީޗާ ފިލްމާއި އެއް ކުރުު ފިލްމު މިއަހަރުގެ ފިލްމު އެވޯޑްސްގައި ބައިވެރިކޮށްފައިވާއިރު އަށް އެވޯޑާއެކު އެންމެ ބޮޑު ކާމިޔާބީއެއް ހޯދީ "ވިޝްކާ" ފިލްމެވެ. އަދި އެންމެ މޮޅު އެކްޓަރުންނަށް ހޮވުނީ ވިޝްކާއިން އާއިޝަތު ރިޝްމީ ރަމީޒާއި ދެވަންސޫރައިން ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ.