އެމްޕީއެލްއަށް 30 މިލިއަން ރުފިޔާގެ އާ އިކުއިޕްމަންޓް ގެނެސްފި

އެމްޕީއެލްއިން އަލަށް ގެނައި އިކުއިޕްމަންޓްތައް-- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހިދުމަތްތަކުގެ ފެންވަރު މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައި އާ އިކުއިޕްމަންޓްތަކެއް ގެނެސްފިއެވެ.

ގާތްގަނޑަކަށް 30 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އެމްޕީއެލްއަށް އަލަށް ގެނެސްފައިވަނީ ކަމްލާ ބްރޭންޑުގެ ދެ ބާޖު ހޭންޑްލާއާއި ފަސް ޓާމިނަލް ޓްރެކްޓަރެވެ.

ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އަލަށް ގެނައި އިކުއިޕްމަންޓްތަކަކީ ދިގު މުއްދަތަކަށް ބޭނުންކުރެވޭ އަދި އެމްޕީއެލްގެ މުވައްޒަފުން އެތަކެއްޗަށް ފަރިތަ އިކުއިޕްމަންޓްތަކެއް ކަމަށެވެ.

"މިއީ ފިންލޭންޑްގެ ކުންފުންޏަކުން ގެނައި އިކުއިޕްމަންޓްތަކެއް. މިހާރުވެސް މި ބްރޭންޑުގެ އިކުއިޕްމަންޓް އެބަ ބޭނުންކުރޭ އެމްޕީއެލްގައި. އެހެން ބްރޭންޑްތަކާ އަޅާ ބަލާއިރު މި ބްރޭންޑަކީ މައްސަލައެއް ނުޖެހި، ގިނަ ދުވަހު ބޭނުންކުރެވޭ ބްރޭންޑެއް،" ޝާހިދު ވިދާޅުވިއެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ-- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ޝާހިދު ވިދާޅުވީ މިހާރު އެމްޕީއެލްގައި ބޭނުންކުރަމުންދާ ގިނަ އިކުއިޕްމަންޓްތަކުގައި މައްސަލަ ޖެހިފައިވާ ކަމަށާއި މިހާރު ބޭނުން ކުރެވޭ ގިނަ އިކުއިޕްމަންޓުތަކަކީ ކުރިން މައްސަލަ ދިމާވުމުން މަރާމާތުކޮށްގެން ބޭނުންކުރަމުންދާ، ބާ ތަކެތި ކަމަށެވެ.

"އަޅުގަނޑުމެންގެ އޮޕަރޭޝަންތަކުގައި މި އޮންނަނީ ތިން ބާޖު ހޭންޑްލާ. އެތަނުން އެކަތި ވަރަށް މައްސަލަ ބޮޑު. ދުއްވޭ ހާލަތުގައި އޮތީ ދެ ބާޖް ހޭންޑްލާ. މިހާރު ހުރި ޓާމިނަލް ޓްރެކްޓަރުތަކުގައި ވެސް ވަރަށް ބައިވަރު މައްސަލަ ޖެހިފައި ހުރީ. ބޭނުންކުރެވޭ ހާލަތުގައި މިއޮންނަނީ ހަތަރެއް ނޫނީ ފަސް ޓްރެކްޓަރު،" ޝާހިދު ވިދާޅުވިއެވެ.

އެހެންކަމުން އަލަށް ގެނައި އިކުއިޕްމަންޓްތަކަކީ މިވަގުތުވެސް އެމްޕީއެލްގެ އޮޕަރޭޝަންތަކަށް ބޭނުންވާ، މުހިންމު ތަކެތިކަން ޝާހިދު ފާހަގަކުރެއްވިއެވެ.

ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އެ އިކުއިޕްމަންޓުތަކަކީ ބާޖުން ކޮންޓެއިނަރު ބޭލުމަށާއި ބާޖަށް ކޮންޓެއިނަރު ލޯޑުކުރުމުގެ އިތުރުން އެމްޕީއެލް ސަރަހައްދުގައި އެއްތަނުން އަނެއް ތަނަށް ކޮންޓެއިނަރު ގެންދިއުމަށް ބޭނުން ކުރާ އިކުއިޕްމަންޓްތަކެކެވެ.

އެ އިކުއިޕްމަންޓްތައް ސަޕްލައި ކޮށްދިން ކުންފުނިން އެތަކެތި އެސެމްބްލްކުރުމުގެ މަސައްކަތްވެސް ނިންމާފައިވުމާއެކު އެތަކެތި މިހާރުން މިހާރަށް ބޭނުން ކުރަން ފެށޭނެ ކަމަށް އެމްޕީއެލްއިން މައުލޫމާތު ދެއެވެ.

comment ކޮމެންޓް