ނަހުލާއަށް ސަރަހައްދީ އެވޯޑެއް

ބައިސްކޯފު ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ފާތުމަތު ނަހުލާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލޯބީގެ ފިލްމުތަކުން ދިވެހީންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޑައިރެކްޓަރު ފާތުމަތު ނަހުލާއަށް ސައުތު އޭޝިއަން ޕާޓްނަޝިޕް ސަމިޓުން ދޭ ބިޒްނަސް އެކްސެލެންސް އެވޯޑު ލިބިއްޖެއެވެ.

ސައުތު އޭޝިއަން ޕާޓްނަޝިޕް ސަމިޓު އަދި ބިޒްނަސް އެކްސެލެންސް އެވޯޑްސްގައި އޭނާއަށް ލިބެނީ ފިލްމު އިންޑަސްޓްރީގެ ދާއިރާއިން އައުޓްސްޓޭންޑިންގް ވިމެން ލީޑަޝިޕް އެވޯޑެވެ.

ނަހުލާއަށް މި އެވޯޑު ހަވާލުކުރާނީ ސްރީލަންކާގެ ކޮލޮމްބޯގައި މިރޭ ބާއްވާ ހަފްލާއެއްގައެވެ.

އެކަމާ ގުޅިގެން ނަހުލާ ބުނެފައިވަނީ އެ އެވޯޑަކީ އޭނާއަށް ލިބުނު ބޮޑު "ސަޕްރައިޒް"އެއް ކަމަށެވެ. މިރޭގެ އެވޯޑު ހަފްލާގައި ބައިވެރިވުމަށް ނަހުލާ މިހާރު ހުރީ ކޮލޮމްބޯގައެވެ.

މި އެވޯޑާ ހަވާލުވުމަށް ނަހުލާ ލަންކާގައި ހުރި އިރު، މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު އެވޯޑްސްއަށް އޭނާ ވަނީ ފާޑުކިޔާފައެވެ.

ފިލްމް އެވޯޑްސްއަށް އަމާޒުކޮށް ނަހުލާ ބުނެފައިވަނީ އެއީ ޒާތީ އެވޯޑެއް ކަމަށެވެ. އަދި ޒާތީ އެވޯޑަކަށްވުރެ ލަންކާގައި ލިބޭ އެވޯޑު މާބޮޑަށް މުހިންމުކަމަށް ނަހުލާ ބުންޏެވެ.

ނަހުލާ މިހެން ބުނެފައިވާ އިރު، އޭނާގެ އެވޯޑަށް ހުށަހެޅި ފިލްމު "ބޮސް"އަށް ލިބުނީ އެންމެ ދެ ނޮމިނޭޝަނެވެ. އެއީ އެ ފާތިމަތު އާޒިފާ އަދި އިބްރާހިމް ޖިހާދު ނޮމިނޭޓުވި، އެންމެ މޮޅު ސަޕޯޓިންގް އެކްޓަރު އަދި އެކްޓްރެސްގެ ކެޓަގަރީންނެވެ.

comment ކޮމެންޓް