ގައުމީ ޔުނިވާސިޓީއަށް ތިން ޑެޕިއުޓީ ވައިސް ޗާންސެލަރުން އައްޔަނުކޮށްފި

ގައުމީ ޔުނިވާސިޓީއަށް ތިން ޑެޕއުޓީ ވައިސް ޗާންސެލަރުން އައްޔަނުކުރުމަސް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެމްއެންޔޫ

ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ މުހިއްމު ހުރިހާ ހަރަކާތްތަކެއް ބަހާފައިވާ ތިން ދާއިރާގެ ވެރިން ނުވަތަ ޑެޕިއުޓީ ވައިސް ޗާންސަލަރުން މިއަދު ޢައްޔަނުކޮށްފި އެެވެ.

އެމްއެންޔޫގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެ ތިން ބޭފުޅުންނަށް ވަނީ މަގާމުގެ ލިޔުން ހަވާލުކޮށްފަ އެވެ.

ޑެޕިއުޓީ ވައިސް ޗާންސަލަރު (ރިސާރޗް އެންޑް އެންޓަރޕްރައިސް)ގެ މަގާމު ހަވާލުކުރީ ޑރ. އައިޝަތު ޝެހެނާޒް އާދަމް އާއެވެ. ޑެޕިއުޓީ ވައިސް ޗާންސަލަރު (އެކެޑެމިކް އެފެއާރޒް)ގެ މަގާމަށް ހޮވުނީ އާއިޝަތު ޝާހީން އިސްމާއިލް އެވެ. ޑެޕިއުޓީ ވައިސް ޗާންސަލަރު (އެޑްމިނިސްޓްރޭޝަން އެންޑް ފިނޭންސް)ގެ މަޤާމަށް ހޮވުނީ ޙުސެން ޙަލީމެވެ.

ހަތަރު އަހަރު މުއްދަތުގެ މި ތިން މަގާމަށް ޖުމުލަ 30 ފަރާތަކުން ކުރިމަތިލިކަމަށް އެމްއެންޔޫއިން ބުންޏެވެ.

ޑެޕިއުޓީ ވައިސް ޗާންސެލަރުން އައްޔަނުކުރީ ޔުނިވާސިޓީ އެކުލަވާލައިފައިވާ ކައުންސިލްގެ މެދުގައި ނެގި ވޯޓަކުންނެވެ. އެ ކައުންސިލްގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. ހަސަން އިބްރާހިމް ކައުންސިލް އައްޔަނުކުރެއްވި އަށް މެމްބަރުންނާއި ޔުނިވާސިޓީން ކައުންސިލްއަށް އައްޔަނުކުރި އަށް މެމްބަރުން ހިމެނެ އެވެ.

މީގެ ކުރިން ނިމިގެން ދިޔަ ސަރުކާރުގައި ޑެޕިއުޓީ ވައިސް ޗާންސެލަރުގެ މަގާމު ވެސް އައްޔަނުކުރައްވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް އޮތީ ދީފަ އެވެ. ނަމަވެސް ޔުނިވާސިޓީތަކުގެ ގާނޫނަށް މިދިޔަ އޮގަސްޓް މަހު ގެނައި އިސްލާހާ އެކު ޑެޕިއުޓީ ވައިސްޗާންސެލަރުން އައްޔަނުކުރުމުގެ ބާރު ކައުންސިލަަށް ވަނީ ދީފަ އެވެ.

މިއަދު އައްޔަނުކުރި ޑެޕިއުޓީ ވައިސް ޗާންސެލަރު ރިސާރޗް އެންޑް އެންޓަރޕްރައިސް ޑރ. އައިޝަތު ޝެހެނާޒް އާދަމް އަކީ ހިސާބު ކިޔައިދިނުމުގެ އިލްމުން ޕީއެޗްޑީ ނަންގަވާފައިވާ މުދައްރިސެކެވެ. ތަޢުލީމީ ދާއިރާގައި ދިހަ އަހަރު އުޅުއްވުމަށް ފަހު، އޭނާ ބަދަލުވެވަޑައިގަތީ ހާރިޖީ ދާއިރާ އަށެވެ. އެ ދާއިރާގައި، ދެ ގައުމެއްގައި ސަފީރުކަން ކުރައްވާފައިވެ އެވެ. ދެ ދައުރެއްގައި ގައުމީ ޔުނިވަރސިޓީ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ހިދުމަތްކުރައްވާފައިވެ އެވެ. އޭނާއަކީ ޕީއެޗްޑީ އަށް ފަހު، އެއް އަހަރު ދުވަހުގެ ޕޯސްޓްޑޮކް ހައްދަވާފައި މަދު ދިވެހީންގެ ތެރެއިން އެކަކެވެ.

އޭގެ އިތުރުން ޢިލްމީ ހަރަކާތްތަކާ ބެހޭ ބައިގެ ޑެޕިއުޓީ ވައިސް ޗާންސަލަރު އަކަށް ހޮވާފައި ވަނީ، ޢާއިޝަތު ޝާހީން އެވެ. އޭނާ އަކީ ތަޢުލީމާއި ތަޖުރިބާގެ ގޮތުން އާއްމު ސިއްހަތާއި ކެއުންބުޔުމުގެ ހަމަތަކާ ބެހޭ ދާއިރާގެ ޢިލްމުވެރިއެކެވެ. އޭނާގެ މަސައްކަތު ހަޔާތުގެ ބޮޑުބައެއްް ހޭދަކުރައްވާފައި ވަނީ ފެކަލްޓީ އޮފް ހެލްތު ސައިންސަސް ގަ އެވެ. ޖުމުލަ ހަތާވީސް އަހަރު މިގޮތުން އޭނާ އެތަނުގައި ހޭދަކުރެއްވި އެވެ. އަދި ދެ ދައުރެއްގައި އެ ފެކަލްޓީގެ ޑީންކަން ކުރައްވާފައި ވެ އެވެ. ޔުނިވަރސިޓީގެ އުސޫލްތަކާއި ހަމަތަކަށް އޭނާ ވަރަށް ފަރިތަފުޅުވެފައިވެ އެވެ.

ޑެޕިއުޓީ ވައިސް ޗާންސެލަރު އެޑްމިނިސްޓްރޭޝަން އެންޑް ފިނޭންސް ހުސެން ހަލީމް ޔުނިވަރސިޓީގެ ވަޒީފާގައި އުޅުއްވާތާ، މިހާރު 33 އަހަރުވެއްޖެ އެވެ. ހިންގުމާއި ފައިސާގެ މަގާމުތައް އޭނާ ފުރުއްވާތާ 20 އަހަރު ވެފައިވެ އެވެ. މީގެ ހަތަރު ވަރަކަށް އަހަރު ކުރިން، މި ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސަލަރކަން ވެސް އޭނާ ކުރައްވާފައިވެ އެވެ. އެންމެ ފަހުން ހުންނެވީ ޔުނިވަރސިޓީގެ އެންމެ އިސް ލައިބްރޭރިއަންގެ ގޮތުގަ އެވެ. ލައިބްރަރީގެ ހިދުމަތަށް ވެސް އޭނާ ތަހައްސުސްވެފައިވެ އެވެ. ފުރަތަމަ ތަމްރީނުގެ ގޮތުން އޭނާ އަކީ މުދައްރިސެކެވެ.

comment ކޮމެންޓް