ޕީސީބީއަށް އައްޔަންކުރާ ހަތް ބޭފުޅުންގެ ނަންތައް ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފި

އެސްއޯއީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ ބޯޑަށް އަލަށް އައްޔަން ކުރަން ފޮނުއްވި ނަންތައް ދިރާސާ ކުރަން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.

ޕީސީބީގެ ބޯޑު އަލުން އެކުލަވާލަން ރައީސް ވަނީ ހަތް ބޭފުޅެއްގެ ނަމާއި އެބޭފުޅުންގެ ވަނަވަރު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފަ އެވެ. އެ ބޭފުޅުންނަކީ:

1. ހަސަން ވަހީދު، ކުދިމާގެ / ގދ. ތިނަދޫ (ރައީސް ކަމަށް)

2. އާސިމް މުހައްމަދު، ގ. މެޒަރިން (ނައިބު ރައީސް ކަމަށް)

3. އާއިޝަތު ޝާޒްލީ، މ. ސެވޯއީ (މެމްބަރު ކަމަށް - އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާ)

4. ރުޝާހާ އަހްމަދު ޝަރީފް، ހ. އޮއެސިސް ވިއު (މެމްބަރު - ބޭންކިން ދާއިރާ)

5. އަލީ ޝަފީއު، މ. ހުދުކަނީރުގެ (މެމްބަރު - ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާ)

6. އަލީ ޝުޖާއު ފަހްލަ، ޅ. ހިންނަވަރު (މެމްބަރު - ގާނޫނުގެ ދާއިރާ)

7. އަހްމަދު ޝަރީފް ޔޫސުފް، މ. ސަތާވަރީގެ (މެމްބަރު - އިކޮނޮމިކްސްގެ ދާއިރާ)

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން، ޕީސީބީގެ ބޯޑުގެ މެންބަރު ކަމަށް ހަތް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ޖެހެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޕީސީބީ އެކުލަވާލުމަށް ފަހު ރައްޔިތުން މަޖިލީހުން ރުހުން ހޯދުމަށް ފޮނުވާފައެއް ނުވެ އެވެ. އަދި އެ ބޯޑުގައި ހަތް މެންބަރުން ތިއްބަވަން ޖެހޭ އިރު، ތިއްބެވީ ވެސް ފަސް މެންބަރުންނެވެ.

ޕީސީބީގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބެލުމަށް ރައްޔިތުން މަޖިލީހުގެ އެސްއޯއީ ކޮމިޓީއިން ކުރި މަސައްކަތަށް ފަހު ޕީސީބީގައި ކުރިން ތިއްބެވި މެންބަރުން ވަކިކޮށް މުޅިންއާ ބޯޑެއް އެކުލަވާލުމަށް މިދިޔަ ޖުލައި މަހު ވަނީ ލަފާއަރުވައިފަ އެވެ.

މަޖިލީހުން ފާސްކުރި، އެސްއޯއީ ކޮމިޓީގެ ރިޕޯޓްގައި ބުނެފައި ވަނީ ޕީސީބީ އިން އަދާކުރަން ޖެހޭ ވަރަށް ގިނަ ގާނޫނީ ޒިންމާތައް އެބޯޑުން އަދާކޮށްފައި ނެތް ކަމަށް އޮޑިޓާ ޖެނެރަލް ވެސް ފާހަގަ ކުރައްވާފައިވާ ކަމާއި އެ ކޮމިޓީ އިން ކުރި ރިވިއުއިން ވެސް އެންމެ ބޮޑަށް ފާހަގަވީ އެކަން ކަމަށެވެ.

އެގޮތުން ކުންފުނިތައް ހިނގަމުންދާ ގޮތް މޮނީޓާ ކުރުމަށް ހަދަން ޖެހޭ ދިރާސާތައް ހެދުމާއި ކުންފުނިތަކުން ލޯނު ނެގުމުގައި ބަލަން ޖެހޭ ކަންކަން ބެލުމާއި ކުންފުނިތަކުގައި ހިނގާ ނޭދެވޭ ކަންކަން އިސްލާހު ކުރުމަށް އިސްލާހީ ފިޔަވަޅު އަޅާފައި ނުވާ ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި ކުންފުނިތައް ގަވާއިދުން ރިވިއުކޮށް އެކަންކަން ދެނެގަތުމަށް ހަދަން ޖެހޭ އޮނިގަނޑުތަކާއި ގަވާއިދުތައް ވެސް ޕީސީބީއިން އެކުލަވާލާފައި ނެތް ކަމަށް ވެސް ކޮމިޓީއިން ވަނީ ފާހަގަކޮށްފަ އެވެ. އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، އޭރު އޮތް ޕީސީބީގެ ބޯޑަކީ އެފަދަ ކަންކަން ކުރުމަށް ގާބިލް ބޯޑެއް ކަމަށް ކޮމިޓީއިން ނުދެކެ އެވެ.

މީގެ އިތުރުން، ޕީސީބީގެ މަސައްކަތްތަކުގެ ރިޕޯޓު ކޮންމެ ހަ މަހަކުން އެއްފަހަރު އާންމު ކުރަމުން ނުދާ ކަމާއި އެ ބޯޑު އެކަށީގެންވާ ގޮތެއްގައި ހިންގުމަށް ބޭނުންވާ ބަޖެޓް ފިނޭންސުން އެކަށައަޅައި ދީފައިނުވާ ކަން ވެސް އެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.

comment ކޮމެންޓް