ކުޅުދުއްފުށީ ލޯކަލް މާރުކޭޓުގައި ވިޔަފާރިކުރަނީ އެންމެ މީހެއް

ކުޅުދުއްފުށީ ލޯކަލް މާރުކޭޓު -- ފޮޓޯ: ކޭއޯ

ހދ ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ ލޯކަލް މާރުކޭޓަށް ޑިމާންޑް ނެތުމުން އެތަނުގައި ވިޔަފާރިވެރިން ނުތިބޭކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފި އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ނައިބު ރައީސް އަލީ ހާޝިމް މިއަދު ސަން އަށް ވިދާޅުވީ 32 ޖާގަ ހިމެނޭގޮތަށް ހޯމް މިނިސްޓްރީ އިން ތަރައްގީކޮށް ކައުންސިލާ ހަވާލުކޮށްފައިވާ ލޯކަލް މާރުކޭޓު ކުއްޔަށް ދޫކުރަން ހުޅުވާލުމުން 60 މީހުން މައުލޫމާތު ސާފުކުރި ކަމަށާއި ނަމަވެސް މާރުކޭޓު ގޮޅިތައް ކުއްޔަށް ނެގީ 10 ވަރަކަށް މީހުން ކަމަށެވެ.

"ވިޔަފާރި ކުރަން ހަތަރު ފަސް މީހަކު މަސައްކަތް ފެށި. އެކަމަކު ވިޔަފާރި ނުވާތީ ދޫކޮށްލަނީ،" ހާޝިމް ވިދާޅުވި އެވެ.

ކުޅުދުއްފުށީ ލޯކަލް މާރުކޭޓް ތަރައްގީކުރީ ހަތަރު މިލިއަން ރުފިޔާ ހޭދަކޮށްގެންނެވެ. އެތަނުގެ ގޮޅިތައް ކުއްޔަށް ދޫކުރަނީ 800 ރުފިޔާ، 1000 ރުފިޔާ އަދި 1200 ރުފިޔާ އަށެވެ.

ލޯކަލް މާރުކޭޓުގެ ވިޔަފާރިނުވެ ޝަކުވާ ލިބޭކަން ފާހަގަ ކުރައްވާ ހާޝިމް ވިދާޅުވީ ހޮނިހިރު ދުވަހު އެރަށުގައި އޮންނަ ހޮނިހިރު ބާޒާރުން ރަށުގެ ރައްޔިތުން ގިނަ އަދަދެއްގެ ތަރުކާރީ އާއި މޭވާ ގަންނަ ކަމަށެވެ.

"ހަފްތާ ތެރޭގައި އިތުރަށް ގަންނަން ނުޖެހޭ ކަމަށް ލަފާކުރެވެމީ. ހޮނިހިރު ބާޒާރު އޮންނާތީ ލޯކަލް މާރުކޭޓަށް ވިޔަފާރި ނުވާކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ،" ހާޝިމް ވިދާޅުވި އެވެ.

ކުޅުދުއްފުށީ ލޯކަލް މާރުކޭޓު ހުޅުވުމާއެކު ހޮނިހިރު ބާޒާރު އުވާލަން ކައުންސިލުން ނިންމި އެވެ. ނަމަވެސް ރަށުގެ އާދަކާދައެއް އުވާލުން ފަދަ ކަމެއްގެ ގޮތުގައި ސިފަކޮށް ގިނަ ބަޔަކު ވާހަކަ ދައްކަން ފެށުމުންނާއި ރަށުގެ ގިނަ ބަޔަކާއި އަތޮޅު ކައުންސިލް އަދި ކުޅުދުއްފުށި ތަމްސީލު ކުރައްވާ މަޖިލިސް މެންބަރުންގެ އެދިލެއްވުމާއެކު ހޮނިހިރު ބާޒާރު އުވާލަން ނިންމި ނިންމުން ބާތިލް ކުރީ އެވެ.

"ހޮނިހިރު ބާޒާރު އުވާލަން ކައުންސިލުން ނިންމުމުން ގިނަ ބަޔަކު އެދުނު އެ ބާޒާރު އުވާ ނުލުމަށް. މިހާރު މިފެންނަނީ އޭގެ ނަތީޖާ ކަމަށް ގަބޫލު ކުރަނީ،" ހާޝިމް ވިދަޅުވީ ލޯކަލް މާރުކޭޓު ގާއިމްކޮށްފައިވަނީ ހޮނިހިރު ބާޒާރުވެސް ކުރިއަށްދާ ސަރަހައްދުގައި ކަމަށާއި އެއީ މީހުން އުޅޭ ސަރަހައްދާ ދުރު ހިސާބެއް ނޫން ކަމަށެވެ.

ލޯކަލް މާރުކޭޓުގެ ގޮޅިތައް ކުއްޔަށް ދޫކޮށްގެން ލިބޭ އާމްދަނީ އަކީ ކައުންސިލަށް ލިބޭ އާމްދަނީ އެއް ކަމަށާއި މާރުކެޓު އިމާރާތާއެކު އެތަން ބަލަހައްޓަން މުވައްޒަފުންވެސް ނެގިކަން ހާޝިމް ފާހަގަ ކުރެއްވި އެވެ.

"އެތަނުން ލިބޭ އާމްދަނީ ހުއްޓިފައިވާތީ މިހާރު މުވައްޒަފުން ގެންގުޅެނީ ގެއްލުމުގައި. މަހަކު 20،000 ގެ ގެއްލުމެއް ކައުންސިލަށް ވޭ. އެހެންވެ ބައެއް މުވައްޒަފުންނަށް މިހާރު ވާނީ ނޯޓިސްވެސް ދީފައި،" ކުުޅުދުއްފުށީ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.

https://sun.mv/120984

comment ކޮމެންޓް