ކައުންސިލެއްގެ ނިންމުން: ވިއްސަކަށް އަހަރުގެ ސަގާފަތެއްގެ ނިމުން!

ކުޅުދުއްފުށީގައި ކޮންމެ ހޮނިހިރު ދުވަހަކު ކުރިއަށްދާ "ހޮނިހިރު ބާޒާރު": އެ ބާޒާރު އަންނަ މަހުގެ ހަތަކުން ފެށިގެން ކުރިއަށް ނުގެންދެވޭނެ -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު

ހދ. އަތޮޅުގެ އެކި ރަށްރަށުގެ ވިޔަފާރިވެރިން ކޮންމެ ހޮނިހިރު ދުވަހަކު ކުޅުދުއްފުއްޓަށް އެއްވެ ގަސްތަކެއްގެެ ފިނި ހިޔަލުގައި ބަރިބަރިއަށް އެތުރިގެން ތިބެ ވިޔަފާރި ކުރެއެވެ. އެ ސަހަރައްދުގައި ކުދި ބޮޑު، އެކި ޖިންސުގެ މީހުން ވިޔަފާރި ކުރުމުގައި ހޭލަ މޭލަވެ އުޅެއެވެ. އެކި ބާވަތް ބާވަތުގެ މޭވަޔާއި ތަރުކާރީއާއި ކުރުނބަލާއި ކާއްޓާއި ރޯނާއި، ހިތަށް އަރުވާލި ކޮންމެ ފަދަ ދިވެހި އުފެއްދުމެއް އެތަނުން ލިބެން ހުރެއެވެ. މިއީ ކުޅުދުއްފުށި، ކައިރި ރަށްތަކާ ގުޅުވައިދޭ ވިޔަފާރީގެ "ހަބް" އަދި ސަރަހައްދީ ސަގާފަތަކަށް ވެފައިވާ ހޮނިހިރު ބާޒާރެެވެ.

ހޮނިހިރު ބާޒާރު ކުރުކޮށް

  • އެންމެ ފުރަތަމަ ފެށިގެން އައީ ކުޅުފުއްފުށީ ބަނދަރު ސަރަހައްދުގައި
  • ހޮނިހިރު ބާޒާރު ކުރިއަށްދާތާ މިހާރު ވިއްސަކަށް އަހަރު ވެދާނެ
  • ނޮޅިވަރަމް، ނޮޅިވަރަންފަރު، ހަނިމާދޫ، ކުމުންދޫ އަދި ނޭކުރެންދޫ ފަދަ ރަށްތަކުން ވިޔަފާރިވެރިން އާދޭ
  • އެކަން ފުޅާވެގެން ދިޔައީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފެށި ދަތުރުފަތުރުގެ ނިޒާމާއެކު
  • ބަނދަރު ސަރަހައްދުގެ ބިން ހިއްކުމުން، ހޮނިހިރު ބާޒާރު ރަށު ތެރެއަށް ބަދަލުވި
  • އެފަހުން ބާޒާރު ކުރިއަށް ދަނީ ކުޅުދުއްފުށީ ހޮސްޕިޓަލު ކައިރީގައި ހުންނަ ގަސްތަކެއްގެ ހިޔަލުގައި

ސަގާފަތެއްގެ ނިމުން

މެދުކެނޑުމެއް ނެތި ކުރިއަށް ދާތާ ވިއްސަކަށް އަހަރު ފަހުން މިދިޔަ ހޯމަ ދުވަހު ކުޅުދުއްފުށީ ކައުންސިލުން ކުރި އިއުލާނަކާއެކު ހޮނިހިރު ބާޒާރު މިހާރު މިވަނީ ހުއްޓުމަކަށް އަންނަން ގާތްވެފައެވެ. ކުޅުދުއްފުށި ކުޅުދުއްފުއްޓަށް ހަދައިދޭ، އަދި އެންމެން ގުޅުވައިދިން ސަގާފަތް ނިމުމަކަށް އަންނަނީއެވެ.

ކުޅުދުއްފުށީގައި ކޮންމެ ހޮނިހިރު ދުވަހަކު ކުރިއަށްދާ "ހޮނިހިރު ބާޒާރު": އެ ބާޒާރު އަންނަ މަހުގެ ހަތަކުން ފެށިގެން ކުރިއަށް ނުގެންދެވޭނެ -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު

"ކުޅުދުއްފުށީ ލޯކަލް މާރުކޭޓުގެ ހިދުމަތް މިހާރު ފެށިފައި ވާތީ ހޮނިހިރު ދުވަހު ދަތުރުވެރިންނާއި އާންމުން ތަކެތި ވިއްކަން އޮންނަ ވަނި އިމާރާތުގެ ދެކުނުން އޮންނަ ހުސް ބިމުގައި 7 ޖުލައި 2019 އިން ފެށިގެން ތަކެތި ވިއްކަން ތިބުމަކީ މަނާ ކަމެކެވެ،" އެ ރަށު ކައުންސިލުގެ އިއުލާނުގައި ވެއެވެ.

އެ އިއުލާނާއެކު އަންނަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ހޮނިހިރު ބާޒާރު ހުއްޓުމަކަށް އަންނާނެއެވެ. އެ މުއްދަތުގެ ތެރޭގައި ދެން ބާކީ އޮތީ އެންމެ ދެ ހޮނިހިރެވެ.

ނިންމުމުގެ އަނެއް ފަރާތް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހަތަރު މިލިޔަނެއްހާ ރުފިޔާ ހަރަދުކޮށްގެން ކުޅުދުއްފުށީގައި ލޯކަލް މާރުކޭޓެއް އިމާރަތްކުރި އިރު، ހޮނިހިރު ބާޒާރުގެ ސަގާފަތުގެ ނިމުން އަންނަން ޖެހުނީ އެ މާރުކޭޓުގެ 33 ގޮޅި ކުއްޔަށް ނެގި ވިޔަފާރިވެރިން ރަށު ކައުންސިލަށް ޝަކުވާ ހުށަހެޅުމުންނެވެ.

އަހަރު ދުވަހަށް، މަހަކު 1،000 ރުފިޔާ ކުއްޔަށް ދައްކާ ގޮތަށް ގޮޅި ހިފައިގެން ތިބި މީހުންގެ ޝަކުވާއަކީ، ހޮނިހިރު ބާޒާރު ކުރިއަށްދާ ނަމަ ގޮޅީގައި އެމީހުންނަށް ނުތިބެވޭނެ ކަމެވެ. ހޮނިހިރު ބާޒާރުގެ ވިޔަފާރިވެރިން ކުއްޔެއް ދައްކަން ނުޖެހޭތީ މާ އަގުހެޔޮކޮށް މުދާ ވިއްކޭނެ ކަމެވެ. އަދި ގޮޅި ނެގި ވިޔަފާރިވެރިން ބުނަމުން ދަނީ ހޮނިހިރު ބާޒާރު ކުރިއަށްދާ ނަމަ އެ ބާޒާރުގެ އަގުތަކާ ވާދަކުރަން އެމީހުންވެސް ލޯކަލް މާރުކޭޓުން ނުކުމެ ތިބޭނީ ހޮނިހިރު ބާޒާރުގައި ކަމަށެވެ.

"އެ ފަރާތްތަކުން ބުނަނީ އެތަނުގައި ގަސްދަށުގައި ވިޔަފާރި ކުރާ ކަމަށް ވަންޏާ، ތިމަންނަމެންނަކަށް މާރުކޭޓު ގޮޅީގައި ނުތިބެވޭނެއޭ. ތިމަންމެންނަކީ ކުލި ދައްކައިގެން ތިބޭ ބައެކޭ. އެތާ ހިލޭ ގަސްދަށުގައި ތިބެގެން ވިއްކަންޏާ އަގުހެޔޮކޮށްވެސް ވިއްކޭނެއޭ ތިމަންނަމެންނަށް ވުރެ،" ގޮޅިތައް ނެގި ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ކުޅުދުއްފުށީ ކައުންސިލުގެ ރައީސް ހަސަން އަބްދުއްލަތީފު ކިޔައިދެއްވިއެވެ.

ކުޅުދުއްފުށީގައި ކޮންމެ ހޮނިހިރު ދުވަހަކު ކުރިއަށްދާ "ހޮނިހިރު ބާޒާރު": އެ ބާޒާރު އަންނަ މަހުގެ ހަތަކުން ފެށިގެން ކުރިއަށް ނުގެންދެވޭނެ -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު

ގޮޅިތައް ނެގި ވިޔަފާރިވެރިން ލޯކަކް މާރުކޭޓުގައި ނުތިބޭނަމަ ލޯކަލް މާރުކޭޓުގެ ބޭނުން އެ ހިސާބުން ކެނޑޭނެއެވެ. މިލިއަނުން ރުފިޔާ ހަރަދުކޮށްގެން ސަރުކާރުން އިމާރާތްކުރި އެ ތަން ބޭކާރު ވާކަށް ރަށު ކައުންސިލުން ބޭނުމެއް ނުވެއެވެ. އެހެންވެ، ކައުންސިލުން ނިންމީ ހޮނިހިރު ބާޒާރު "ގުރުުބާންކުރާށެވެ".

ބާޒާރު ހުއްޓާލުމުގެ އަސަރުތައް

ހޮނިހިރު ބާޒާރުގެ ނިމުން ގެނުވި ކައުންސިލުން ގަބޫލުކުރަނީ، އެ ނިންމުމުން ފައިދާ ކުރާނެ ކަމަށެވެ. ލޯކަލް މާރުކޭޓުން ކުރާނެ ކަމަށް ކައުންސިލުގެ ރައީސް ހަސަން އަބްދުއްލަތީފު ގަބޫލުކުރައްވާ ފައިދާތައް އޭނާ ކިޔައިދެއްވިއެވެ.

އަބްދުއްލަތީފު ގަބޫލު ކުރައްވަނީ ކައިރި ރަށްރަށުން ހޮނިހިރު ބާޒާރަށް އަންނަ މީހުންނަށް އަދިވެސް ކުޅުދުއްފުށީގައި ވިޔަފާރި ކުރެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، އެ މީހުންނަށް މުދާ ލޯކަލް މާރުކޭޓުގެ ގޮޅިތަކަށް ވިއްކައިގެން ފައިދާ ހޯދޭނެ ކަމަށެވެ.

"ހަމަ އެތިކޮޅު މާރުކޭޓަށް ވިއްކާލާފައި ފައިސާއަށް ބަދަލުކޮށްލުމުގެ މަގު ފަހިވެގެންދާނެ،" އަބްދުއްލަތީފު ވިދާޅުވިއެވެ.

ކުޅުދުއްފުށީގައި ކޮންމެ ހޮނިހިރު ދުވަހަކު ކުރިއަށްދާ "ހޮނިހިރު ބާޒާރު": އެ ބާޒާރު އަންނަ މަހުގެ ހަތަކުން ފެށިގެން ކުރިއަށް ނުގެންދެވޭނެ -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު

އެކަމަކު އެއީ ރަށުގެ ރައްޔިތުންނަށް މާ ރަނގަޅު ހަބަރެއް ނޫނެވެ. ސަބަބަކީ ތަކެތީގެ އަގު އުފުލުމެވެ. ލޯކަލް މާރުކޭޓަކީ ކުލި ދައްކަން ޖެހޭ ތަނެއް ކަމުން އެތަނުން ގަންނަ ތަކެތި ހޮނިހިރު ބާޒާރަށް ވުރެ އަގު ބޮޑުވާނެއެވެ. އަދި، ގޮޅިތަކުގައި ތިބޭ ވިޔަފާރިވެރިން ރަށްރަށު މީހުން އަތުން މުދާ ގަންނަން ފަށައިފިނަމަ އެއީ އަގުތައް އުފުލިގެންދާނެ އެހެން ސަބަބެކެވެ.

"މީގެ ކުރިން އަގުހެޔޮކޮށް ހޮނިހިރު ބާޒާރުން ލިބުނު އެއްޗެހި ދެން ލޯކަލް މާރުކޭޓުން ލިބޭނީ އަގު ބޮޑުކޮށް. އެއީ މިހާރު އިތުރު އަގުތަކެއް އޭގެ ތެރެއަށް ވަންނާތީ،" ސަންއާ ވާހަކަ ދެއްކި ކުޅުދުއްފުށީ މީހަކު ބުންޏެވެ.

އެކަމަކު ކައުންސިލުން ލޯކަލް މާރުކޭޓުގެ ދިފާއުގައި ބުނަނީ ކުރިން ކޮންމެ ހޮނިހިރު ދުވަހަކު ލިބެން ހުންނަ އެއްޗެހި މިހާރު ކޮންމެ ދުވަހަކު ލިބެން ހުންނާނެ ކަމަށެވެ.

"މިހާރު މި އޮންނަ ގޮތުން ވިއްޔާ ހޮނިހިރު ދުވަހު އަށަކުން ފެށިގެން އެކަކާ ދެމެދު މި ތަކެތި ގަންނަން ލިބެނީ. އޭގެ ބަދަލުގައި ހަފްތާއަކު ކޮންމެ ދުވަހަކު ކޮންމެ ވަގުތަކު ލިބެން ހުރުމަކީ ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ،" އަބްދުއްލަތީފު ވިދާޅުވިއެވެ.

ކުޅުދުއްފުށީގައި ކޮންމެ ހޮނިހިރު ދުވަހަކު ކުރިއަށްދާ "ހޮނިހިރު ބާޒާރު": އެ ބާޒާރު އަންނަ މަހުގެ ހަތަކުން ފެށިގެން ކުރިއަށް ނުގެންދެވޭނެ -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު

ހޮނިހިރު ބާޒާރު ހުއްޓުމަކަށް އައުމުން އެންމެ ބޮޑަށް ގެއްލުންވާނެ އެއް ފަރާތަކީ ކުޅުދުއްފުށީ ކައިރި ރަށްރަށުގައި ދަނޑު ހައްދާ ފަރާތްތަކަށެވެ. ދަނޑު ހައްދާ ބައެއް ފަރާތްތަކުން ހަމައެކަނި ވިއްކަނީ ކުޅުދުއްފުށީގައެވެ. މާލެއަކަށް މުދާ ނުގެންދެއެވެ.

ދެން ކުޅުދުއްފުށީގައި ވިޔަފާރި ކުރަން ބޭނުންނަމަ ދަނޑުވެރިންނަށް ޖެހޭނީ ކުޅުދުއްފުށީގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިވެރިއަކަށް ނުވަތަ ލޯކަލް މާރުކޭޓު ގޮޅި ކުއްޔަށް ނަގައިގެން އުޅޭ ވިޔަފާރިވެރިއަކަށް މުދާ ވިއްކާށެވެ. އެގޮތަށް ވިއްކުމަކީ ދަނޑުވެރިންނަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ބައެއް މީހުން ދެކެއެވެ.

ލޯކަލް މާރުކޭޓުގެ ގޮޅިތައް ގިނައިން ނަގާފައި ހުރީ ކުޅުދުއްފުށީ މީހުންނެވެ. އެކަމަކު ބައެއް ނޮޅިވަރަމް މީހުންނާއި ނޮޅިވަރަންފަރު މީހުންނަށް ވެސް ގޮޅި ދޫކޮށްފައިވާ ކަމަށް ކައުންސިލުން ބުނެއެވެ. އެއީ ކުޅުދުއްފުށީގައި ދިރިއުޅޭ އެ ރަށްރަށުގެ މީހުންކަމެއް ނުވަތަ ނޫންކަމެއް ހާމައެއް ނުކުރެއެވެ.

ކުޅުދުއްފުށީގައި ކޮންމެ ހޮނިހިރު ދުވަހަކު ކުރިއަށްދާ "ހޮނިހިރު ބާޒާރު": އެ ބާޒާރު އަންނަ މަހުގެ ހަތަކުން ފެށިގެން ކުރިއަށް ނުގެންދެވޭނެ -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު

އާންމުންގެ ކަންބޮޑުވުން

ހޮނިހިރު ބާޒާރު ހުއްޓުމަކަށް އަންނާތީ އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި، އަގުތަކާ މެދު ކަންބޮޑުވާ ކުޅުދުއްފުށީ ރައްޔިތުންނާއި، ދިވެހިވަންތަ ދިރިިއުޅުމަށް ލޯބި ކުރާ މީހުން ހިމެނެއެވެ.

ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުން ތާރީހު ދިރާސާ ކުރައްވާ އަހްމަދު އަލާ ދީދީ ވިދާޅުވީ، ހޮނިހިރު ބާޒާރަކީ ކުޅުދުއްފުށީގެ ހާއްސަ ކަމެއް ކަމަށާއި، އެ ބާޒާރު ޓޫރިޒަމް އެޓްރެކްޝަނެއްގެ ގޮތުގައިވެސް ބޭނުންކުރެވޭނެ ކަމަށެވެ. ހުދު އޭނާވެސް ޓޫރިސްޓެއްގެ ހައިސިއްޔަތުން އެތަން ބަލާލަން ދިޔަކަމަށް އަލާ ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރި އެހެން މީހަކު ބުނީ އޭނާ ހޮނިހިރު ބާޒާރުން ވިޔަފާރި ކުރި ކަމަށާއި، އެއީ ވިޔަފާރި ކުރުމަށް ލިބުނު ފުރުސަތެއްގެ އިތުރުން މުޅިން ތަފާތު ތަޖުރިބާއެއް ކޮށްލުމުގެ ފުރުސަތެއް ކަމަށެވެ.

ހޮނިހިރު ބާޒާރަކީ މީސް މީހުން ގުޅުވައިދޭ އިޖުތިމާއީ ގޮތުންވެސް މުހިންމު ތަނެއްކަން ހިޔާލު ފާޅުކުރާ ބައެއް މީހުން ބުނެއެވެ. އަދި އެއީ ރޭވުމަކާ ނުލައި ގުދުރަތީ ގޮތުން ފެށިގެން އައި ކަމެއް ކަމުން އެކަން ކުރިއަށް ގެންދަން ބައެއް މީހުން ދަނީ ގޮވާލަމުންނެވެ.

ވިއްސަކަށް އަހަރު ވަންދެން މެދުކެނޑުމެއް ނެތި، ހޮނިހިރު ދުވަސްތަކުގައި ސުލްހަވެރިކަމާއެކު އަމިއްލައަށް އިންތިޒާމުވެ ހިނގަމުން އައި ހޮނިހިރު ބާޒާރަށް މުސްތަގުބަލެއް ނެތްކަމަށް ރަށު ކައުންސިލުން ނިންމީއެވެ. އެއާއެކު ސަރަހައްދުގެ ރަށްރަށުންވެސް މީހުން ކުޅުދުއްފުއްޓަށް ގޮސް ހިޔާދޭ ގަސްގަހުގެ ހިޔަލުގައި ތިބެ ސާދާ ގޮތެއްގައި ކުރި އިގްތިސާދީ މަސައްކަތްވެސް ނިމުނީއެވެ. މިފަދަ މުހިންމު އިޖުތިމާއީ ކަމެއް ނެތިގެންދާ އިރު އެކަން ދެމެހެއްޓުމަށް ސަރުކާރުގެ ކަމާ ބެހޭ ގުނަވަނަކުން މަސައްކަތް ކުރާނެތޯ މިއީ ކުރެވޭ ސުވާލެކެވެ.

comment ކޮމެންޓް