ޖޭއެސްސީގެ ތަހުގީގަށް ހާޒިރުވާން ފޮނުވީ ބާތިލް އަމުރެއް: ފަނޑިޔާރު އާދަމް

ފަނޑިޔާރު އާދަމް މުހައްމަދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަމުން އަންނަ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ ސުލޫކީ މައްސަލައިގެ އަޑުއެހުމަށް ހާޒިރު ނުވީ، ހާޒިރުވުމަށް އެންގި އަމުރަކީ ބާތިލް އަމުރަކަށްވުމުން ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

ފަނޑިޔާރު އާދަމް މުހައްމަދުގެ ސުލޫކީ މައްސަލައިގެ އަޑުއެހުން ބާއްވަން ތާވަލު ކުރީ މިއަދު މެންދުރުފަހު 3:00 އަށެވެ. ނަމަވެސް އޭނާ ހަޒީރުވުމަށް އުޒުރުވެފައިވާތީވެ، ޖޭއެސްސީ އިން އެ އަޑުއެހުން ކެންސެލް ކުރި އެވެ. އެކަމަކު ޖޭއެސްސީއިން އެކަމުގެ ސަބަބެއް ނުބުނެ އެވެ.

އެކަމާ ގުޅޭ ގޮތުން ފަނޑިޔާރު އާދަމްގެ ފަރާތުން ސްޕްރީމް ކޯޓުން މިއަދު ނެރުނު ބަޔާނުގައި ބުނީ، ފަނޑިޔާރު އާދަމް ޖޭއެސްސީއަށް ހާޒިރު ނުވީ، ޖޭއެސްސީން ބަލަަމުންދާ ސުލޫކީ މައްސަލައަކީ، އެ ކޮމިޝަނަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ފަނޑިޔާރު އާދަމް މުހައްމަދު ދެކެވަޑައިގަންނަވާތީ ކަމަށެވެ. އެއީ ކުރިން ސްޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ފަނޑިޔާރަކު މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ނިންމާފައިވާ އެއްވެސް ނިންމުމަކާ ގުޅިގެން އެެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ނުބެލޭނެ ކަމަށް ކަނޑައަޅާފައިވާތީ ކަމށް ބަޔާނުގައި ބުނެ އެވެ.

"ގާނޫނުއަސާސީގެ 64 ވަނަ މާއްދާއަށް ރިޢާޔަތްކޮށްއެއްވެސް ފަރާތަކުން ކުރާ ޣައިރު ގާނޫނީ އަމުރަކަށް ތަބާނުވުމަކީ، ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ އަސާސީ ހައްގެއްކަމުގައިވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ "ތަހުގީގަށް ހާޒިރުވުމުގެ އަމުރު" ގައި ބަޔާންކޮށްފައިވާ ތަހުގީގަށް ހާޒިރުވުމަށް،" ސުޕްރީމް ކޯޓުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނީ، ފަނޑިޔާރު އާދަމްގެ ވަކީލެއްގެ ގޮތުގައި ކުރިން ހަމަޖެއްސި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވަކީލެއްގެ ގޮތުގައި ބަލައިނުގަތުމަށް ޖޭއެސްސީން ނިންމި ނިންމުމަކީވެސް ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގަކުން ފަނޑިޔާރު ގަސްދުގައި މަހްރޫމް ކުރުން ކަމަށެވެ.

"ޑރ. މުހައްމަދު ޖަމީލު އަހުމަދު ޤަބޫލުނުކުރުމަށް ނިންމި ނިންމުމަކީ ގާނޫނުއަސާސީގެ މި ދެންނެވި މާއްދާތަކާ ކަނޑައެޅިގެން ހިލާފަށް ނިންމާފައިވާ ނިންމުމެއްކަން ސާފުކަން ބޮޑުގޮތެއްގައި އެނގޭތީ ކޮމިޓީގެ އެ ނިންމުމަކީ ޤާނޫނީ އެއްވެސް އަސާސެއްނެތި ގާނޫނުއަސާސީގެ 53 ވަނަ މާއްދާއިން ލިބިދީފައިވާ އަސާސީ ހައްގުން ގަސްދުގައި މަޙްރޫމްކުރުމަށް ނިންމާފައިވާ ތައައްސުފީ ނިންމުމެއްކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގޭ،" ބާޔާނުގައި ބުނެ އެވެ.

ޖޭއެސްސީން ބަލަމުން ގެންދަނީ ސިވިލް ކޯޓުން ކޮށްފައިވާ ހުކުމެއް ތަންފީޒުކުރުމުގެ ގޮތުން އެ ކޯޓުން ބަލަމުން ދިޔަ މައްސަލައެއްގެ ފައިލް ފޮނުވުމަށް އަންގައި، އަދި އެ ފައިލް ސިވިލް ކޯޓުން ސުޕްރީމް ކޯޓަށް ގެނައުމާ ގުޅިގެން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ފަރާތަށް ގާނޫނުން ލިބިދީފައިވާ އިސްތިއުނާފުކުރުމުގެ ހައްގު ގެއްލި އަދި އަދުލު އިންސާފުގެ ހަމަޔާއި އުސޫލު ގެއްލޭކަމަށް ބުނެ ބެލި މައްސަލައަކާ ގުޅިގެން ޖޭއެސްސީން ފަނޑިޔާރު އާދަމްއަށް ދިން ނަސޭހަތް ގަބޫލު ނުކުރި މައްސަލަ އެވެ.

އެ މައްސަލަ ކުރިއަށް ދަނީވެސް އޭނާގެ އެދުމުގެ މަތިން އާންމުނަށް ހުޅުވާލައިގެނެވެ. މިހާތަނަށް އެއް އަޑުއެހުން ބޭއްވި އިރު، އެ އަޑުއެހުމަށް އޭނާ ވަޑައިގަތީ ވަކީލެއްގެ ގޮތުގައި ޑރ. ޖަމީލާއެކުއެވެ. ޖަމީލް އޭނާގެ ވަކީލެއްގެ ގޮތުގައި ބަލައި ނުގަތީ، ޖަމީލްއާ ގުޅޭ ގޮތުން، ސުޕްރީމް ކޯޓުގައި މިހާރު ހިނގާ މައްސަލައެއްގެ ބެންޗުގައި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އިންނަވާތީ އެވެ.

comment ކޮމެންޓް