ކޮލޮމްބޯ (ނޮވެމްބަރު 2): މީގެ 14 އަހަރު ކުރިން ސްރީލަންކާގައި ސްވީޑެންގެ އަންހެނަކު މަރާލިކަން ސާބިތުވެ، މަރަން ހުކުމްކޮށްފައިވާ މީހަކަށް ރައީސް މައިތިރިޕާލާ ސިރިސޭނާ މާފު ދެއްވުމުން، ރައީސަށް ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވެއްޖެއެވެ.
ދެހާސް ފަސްވަނަ އަހަރު ލަންކާގައި ޗުއްޓީ ހޭދަކުރަން ދިޔަ 19 އަހަރުގެ ޔިވޮން ޖޯންސަންގެ ގާތިލު ޖޫޑް ޖަޔަމަހައަށް ސިރިސޭނާ މާފުދެއްވުމުން އިއްޔެ އޭނާ ވަނީ ޖަލުން މިނިވަންކޮށްފައެވެ.
ޖޯންސަންގެ މަރުގެ މައްސަލައިގެ ޝަރީއަތަށް އެނގުނު ގޮތުގައި ޖަޔަމަހަ އޭނާ މަރާލީ ވަރަށް ބޮޑަށް އަނިޔާ ކުރުމަށްފަހުގައެވެ. އެގޮތުން ޖޯންސަންގެ ބޮލުގެ ނާށިގަނޑު 64 ތަނަކުން ފަޅައިގެން ގޮސްފައިވާކަމަށް ހެކި ބަސް ދިން ފަރާތްތަކުން ބުންޏެވެ.
އެމައްސަލައިގައި ޖަޔަމަހަގެ މައްޗަށް ފުރަތަމަ ކުރީ 12 އަހަރުގެ ޖަލު ހުކުމެކެވެ. އަދި އޭނާ އެ މައްސަލަ އިސްތިއުނާފުކުރުމުން ހައި ކޯޓުން ނިންމީ ޖަޔަމަހަ މަރަން ހުކުމްކުރާށެވެ. އޭގެ ފަހުން 2014 ގައި ސުޕްރީމް ކޯޓުން ވަނީ އެ ނިންމުމަށް ތާއިދުކޮށްފައެވެ.
ސިރިސޭނާ ވިދާޅުވި ގޮތުގައި ޖަޔަމަހައަށް މާފ ދެއްވަން ނިންމެވީ ޖަލުގައި އޭނާގެ އަހުލާގު ރަނގަޅު ވުމުންނާއި، "ކެތްތެރިކަން ކުޑަވުމުގެ ސަބަބުން އޭނާއަށް ކުރެވުނު ކަމަކާ ހެދި އުމުރުން 19 އަހަރުގައި ޖަލަށްލާފައި ހުންނަތާ" އެތައް އަހަރުތަކެއް ވުމުންނެވެ.
ނަމަވެސް ޖޯންސަންގެ އާއިލާއާއި ލަންކާގެ ގިނަ އަދަދެއްގެ މީހުން ވަނީ ސޯޝަލް މީޑިއާގައި އެނިންމުމާ ދެކޮޅަށް އަޑު އުފުލާފައެވެ. އެގޮތުން ޖޯންސަންގެ ކޮއްކޮ ވަނީ އޭނާގެ ދައްތަގެ މަރާ ގުޅިގެން ޖަޔަމަހަ އެއްވެސް ވަރަކަށް ހިތާމަ ފާޅުކޮށްފައި ނުވާކަމަށް ބުނެފައެވެ. އަދި ޖަޔަމަހަ، ޖޯންސަން މަރާލީ ގަސްތުގައި، ދުރާލާ ރާވައިގެންކަމަށް ބުނެފައެވެ.
މީގެ އިތުރުން ޓުވިޓާގައި ބައެއް ފަރާތްތަކުން ވަނީ ސިރިސޭނާގެ ނިންމުން ކުށްވެރިކޮށްފައެވެ. އަދި ރިޔާސީ ދައުރުގެ އެންމެ ފަހު ދުވަސްތަކުގައި އެފަދަ ބޮޑު ނިންމުމެއް ރައީސް އަމިއްލަފުޅަށް ނިންމޭނެތޯ ސުވާލު އުފައްދާފައެވެ.
ލަންކާގެ މުއްސަނދި އަދި ނުފޫޒުގަދަ އާއިލާއަކަށް ނިސްބަތްވާ ޖަޔަމަހައަށް ސިރިސޭނާ މާފު ދެއްވި އިރު، ރައީސް ވަނީ މިއަހަރު ތެރޭގައި އެގައުމުގައި އަނެއްކާވެސް މަރުގެ ހުކުމް ތަންފީޒުކުރަން މަސައްކަތް ކުރައްވާފައެވެ. ނަމަވެސް އެގައުމުގެ ސުޕްރީމް ކޯޓުން ވަނީ ސިރިސޭނާގެ ދައުރު ނިމެންދެން ހުކުމް ތަންފީޒުނުކުރެވޭ ގޮތް ހަދާފައެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ލަންކާގެ ރިޔާސީ އިންތިހާބުގައި ސިރިސޭނާ ވާދަ ނުކުރައްވާނެއެވެ. އެއީ ސިރިސޭނާގެ ކެންޑިޑެސީއަށް އޭނާގެ ޕާޓީން ތާއިދު ނުލިބުމުންނެވެ. އެޕާޓީން މިހާރު ތާއިދުކުރަން ނިންމާފައި ވަނީ އިދިކޮޅު ލީޑަރު ގޯޓާބަޔަ ރާޖަޕަކްސައަށެވެ.