ސިވިލްކޯޓުގެ ދެ ގާޒީއަކު ހައިކޯޓަށް އައްޔަނުކުރަން ނިންމައިފި

ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރަން ޖޭއެސްސީން ނިންމި ސިވިލް ކޯޓުގެ ގާޒީ ހާތިފް ހިލްމީ ---

ހައި ކޯޓުގެ ދެ ގާޒީންކަމަށް ސިވިލް ކޯޓުގައި މިހާރު މަސައްކަތްކުރައްވާ ދެ ގާޒީން ކަމުގައިވާ ހާތިފް ހިލްމީ އަދި ހުސައިން މަޒީދު އައްޔަނުކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

ހައި ކޯޓުގެ ބެންޗު 11 ފަނޑިޔާރުންނަށް އިތުރުކުރުމަށް ގެނައި އިސްލާހާއެކު، އަލަށް އިތުރުވާ ފަނޑިޔާރުންގެ ދެ މަގާމަށް ކުރިމަތިލުމަށް ޖޭއެސްސީން ހުޅުވާލީ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އެ ފުރުސަތުގައި 12 ބޭފުޅަކު އެ ދެ މަގާމަށް ކުރިމަތިލެއްވިއެވެ. ނަމަވެސް ކުރިމަތިލެއްވި ބޭފުޅުންނެއް ހާމައެއް ނުކުރެއެވެ.

ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމަށްފަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހައި ކޯޓުގެ ދެ ފަނޑިޔާރުންގެ ގޮތުގައި ސިވިލް ކޯޓުގެ ދެ ގާޒީން ކަމުގައިވާ ގ. ޑޭޒީފެހި ހާތިފް ހިލްމީއާއި މއ. ވޭސައިޑް ފްލެޓު 705 ހުސައިން މަޒީދު އައްޔަނުކުރުމަށް މިއަދު ނިންމާފައިވާ ކަމަށެވެ.

ހައިކޯޓު އެކުލެވިގެންވާ ގޮތަށް ބަދަލު ގެނެސް، ކޯޓުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފައިވަނީ 18 ޖޫން 2017 ގައެވެ. އެ އިސްލާހުން ފަނޑިޔާރުންގެ އަދަދު އިތުރުކުރީ ރާއްޖޭގެ އުތުރުގައާއި ދެކުނުގައި އުފެއްދި ހައިކޯޓުގެ ދެ ގޮފިން ކޮންމެ ގޮތްޕަކަށް ތިން ފަނޑިޔާރުން ހަމަކުރުމަށެވެ.

comment ކޮމެންޓް