ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި ރޭ ޗެލްސީން ފަހަތުން އަރައި އަޔެކްސްއާ އެއްވަރު ކުރުމުން ތާވަލުގެ ވާދަވެރިކަން އިންތިހާއަށް ބޮޑު ވެއްޖެ އެވެ.
ޗެލްސީގެ، ސްޓެމްފޯޑް ބުރިޖުގައި ރޭ ކުޅުނު އެ މެޗު ނިމުނީ 4-4ގެ ނަތީޖާ އަކުން އެއްވަރުވެގެންނެވެ. މި މެޗުން ލިބުނު ޕޮއިންޓާ އެކު އަޔެކްސް އެއްވަނާގައި އޮތީ ހަތް ޕޮއިންޓާ އެކު އެވެ. ދެވަނާގައި އޮތް ޗެލްސީއަަށް ވެސް ހަތް ޕޮއިންޓް ލިބިފައިވާ އިރު އެ ޓީމު ދަރަޖައިގެ ގޮތުން ދަށުގައި އޮތީ ފައިދާ ގޯލު މަދުވީމަ އެވެ. އެ ގުރޫޕުގެ ތިންވަނާގައި އޮތް ވެލެންސިއާއަށް ވެސް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. އެހެން ކަމުން ފައިނަލް ނަތީޖާ ނެރުމަށް ކުރިއަށް އޮތް ދެ މެޗަކީ އެ ތިން ޓީމަށް ވަރަށް މުހިއްމު ދެ މެޗެވެ.
އަޔެކްސްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން ޗެލްސީ ވަނީ ކުރި ހޯދައިފަ އެވެ. އެހެން ކަމުން ރޭގެ މެޗެއް އަޔެކްސް ނުކުތީ ބަދަލު ހިފުމުގެ ރޫހެއްގަ އެވެ. ނަމަވެސް ޗެލްސީން ވަނީ އެ ޓީމުން މި ސީޒަނުގައި ދައްކަމުން އަންނަ "ސަޕްރައިޒިންގް" ކުޅުން ރޭ ވެސް ދައްކައި އަޔެކްސް ކުރަމުން އައި ބަދަލު ހިފުމުގެ އުންމީދު ފުނޑުކޮށްލައިފަ އެވެ.
މެޗު ފެށިގެން ދެވަނަ މިނަޓުގެ ތެރޭގައި ޗެލްސީގެ ޓެމީ އަބްރަހަމް އަތުން ވަނީ ބައިކޮޅަށް ގޯލެއް ވަދެފަ އެވެ. ނަމަވެސް ކޮށްޓައިގެން ދިޔަ ގޮތަށް ޗެލްސީއަށް ވަނީ އަނެއްކާ ނަތީޖާ ހަމަހަމަ ވެފަ އެވެ. އެ ގޯލަކީ އަޔެކްސްގެ ޑިފެންޑަރަކު ޗެލްސީގެ ފޯވާޑް ކުރިސްޓިއަން ޕުލިސިކްއަށް ފައުލު ކުރުމުން ލިބުނު ޕެނަލްޓީ އަކުން ޖެހި ގޯލެކެވެ. އެ ގޯލު ހަމަޖެހިލައިގެން ހުރެ ގޯލަށް ފޮނުވާލީ ޖޯޖީނިއޯ އެވެ.
އޭގެ އިރަކޮޅެއް ފަހުން ޗެލްސީގެ ޓެމީ އަބްރަހަމް ޖެހި ގޯލު ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމާފަ އެވެ. ނަމަވެސް ރައްދުގައި އަޔެކްސް އިން އަނެއްކާ ވެސް ގޯލެއް ޖަހައި ލީޑު ނެގި އެވެ. އެ ގޯލު މެޗުގެ 20 ވަނަ މިނަޓުގައި ޖެހީ ކުއިންސީ ޕްރޮމެސް އެވެ. އެ ގޯލާ އެކު ޗެލްސީން އަނެއްކާ ވެސް ޓީމު ކުރިއަށްޖައްސައި ގޯލެއްް ޖެހޭތޯ މަސައްކަތް ކޮށްކޮށް، ހުއްޓައި އަޔެކްސްއިން އިތުރު ގޯލެއް ޖަހައި ލީޑު ފުޅާ ކުރި އެވެ. އެ ގޯލަކީ އަޔެކްސްއިން ފޮނުވާލި ހިލޭ ޖެހުމެއް ދަނޑީގައި ޖެހިފައި ނުކުތުމުން ޗެލްސީގެ ކީޕަރު ކެޕާ އަރިޒަބަލާގާގެ ގައިގައި ޖެހިގެން ވަތް ގޯލެކެވެ.
ތިން ގޯލުގެ ލީޑަކާ އެކު ފުރަތަމަ ހާފު އަޔެކްސްއިން ނިންމާލީ އުންމީދާ އެކު އެވެ. އެ ޓީމުން ވަނީ ދެވަނަ ހާފު ފެށިގޮތަށް އަނެއްކާ އިތުރު ގޯލެއް ޖަހައި ޗެލްސީއަށް މެޗުން މޮޅުވުމަށް ހުރަސްއަޅައިފަ އެވެ. އެކަމަކު 63 ވަނަ މިނެޓުގައި ސެޒާ އަޒްޕިލިކުއެޓާ ގޯލް ޖަހައި ޗެލްސީ އަށް އުއްމީދު އާކޮށްދިނެވެ.
އެއަށް ފަހު ދެން އައީ މެޗުގެ އެންމެ ފޯރިގަދަވި ހިސާބެވެ. އެ ފޯރި ގަނޑުގައި އަޔެކްސްގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކި އިރު ޗެލްސީން ވަނީ ދެ ގޯލު ވެސް ޖަހައިފަ އެވެ. އެގޮތުން 68 ވަނަ މިނެޓުގައި ޗެލްސީގެ އަބްރަހަމް އަށް އަޔަކްސްގެ ޑެނީ ބްލިންޑް ކުރި ފައުލަކަށް ރެފްރީ ޕްލޭއޮން އަށް ދޫކޮށްލުމުން އަބްރަހަމް ދެން ފޮނުވާލި ބޯޅަ ޖެހުނީ އަޔަކްސްގެ ޔޮއެލް ވެލްޓްމެންގެ އަތުގަ އެވެ. ރެފްރީ ވަނީ އެ ދެ ކަންތައް ވީޑިއޯއިން ބެލުމަށް ފަހު ޕެނަލްޓީއެއްދީ އަދި ބްލިންޑް ކުރި ފައުލަށާއި ވެލްޓެމްނެގް އަތުގައި ބޯޅަ ޖެހުމުން އެ ދެ ކުޅުންތެރިންނަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑު ދައްކައިފަ އެވެ.
އެ ޕެނަލްޓީ ކާމިޔާބުކޮށް ޖޯޖީނިއޯ އެއް ލަނޑަށް ތަފާތު ކުޑަކޮށްފައިވަނިކޮށް ޗެލްސީ އަށް ހަމަހަމަކޮށްދިނީ 74 ވަނަ މިނެޓުގައި ރީސް ޖޭމްސް އެވެ.
އެއަށް ފަހު ވެސް ގޯލު ޖަހާނެ ރަނގަޅު ހުސްފުރުސަތުތަކެއް ދެ ޓީމަސް ވެސް ވަނީ ލިބިފަ އެވެ. ނަމަވެސް ދެ ޓީމަށް ވެސް މެޗުގެ ތިން ޕޮއިންޓް ޔަގީން ކުރުމަށް ލީޑު ނެގޭ ގޮތެއް ނުވި އެވެ.
މީގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން ވަނީ ރޭ ކުޅުނު މެޗުގައި ގެންކް އަތުން 1-2ގެ ނަތީޖާ އަކުން މޮޅުވެ ދެވަނަ ބުރަށް ކޮލިފައިވުމާ ގާތަށް ޖެހިލައިފަ އެވެ. ލިވަޕޫލުން އެ މެޗުގައި ޖެހި ދެ ގޯލު އެ ޓީމަށް ޖަހައިދިނީ ޖޯޖީނިއޯ ވައިނަލްޑަމްއާއި އޮކްސަލޭޑް ޗެމްބާލެއިން އެވެ. ގެންކް އަށް އެ މެޗުގައި ގޯލު ޖަހައިދިނީ އެމްބުވާނާ ސަމާޓާ އެވެ.