އެމްއީއެސްގައި ހަދަނީ އިއްޒުއްދީން ސްކޫލް، ފަށާނީ ގްރޭޑް 1-6 އަށް

އެމްއީއެސް ހިންގި އިމާރާތް. އެތަނުގައި ދެން ހިންގާނީ އިއްޒުއްދީން ސްކޫލް -- ސަން ފޮޓޯ: ފަޔާޒު މޫސާ

ކުރިން މާލޭ އިންގްލިޝް ސްކޫލު (އެމްއީއެސް) ހިންގި އިމާރާތުގައި ސަރުކާރުން ހިންގަން ނިންމާފައިވާ އާ ސްކޫލަށް "އިއްޒުއްދީން ސްކޫލު"ގެ ކިޔުމަށް ނިންމާފައިވާ ކަމަށާއި، އެ ސްކޫލުގައި ކިޔަވައިދޭން ފަށާނީ ގްރޭޑު އެކަކުން ހަޔަކަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒް "ސަން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަމާޒަކީ އެ ސްކޫލްގައި ގްރޭޑް އެކަކުން 10 ކިޔަވައިދިނުން ކަމަށެވެ.

"ނަމަވެސް އަދި އެ އިމާރާތުގެ އިންފްރަސްޓްރަކްޗާ ރަނގަޅުކުރަން ޖެހޭތީ ފަށާނީ ގްރޭޑް 1-6 އަކަށް، މިއީ ސިންގަލް ސެޝަން ސްކޫލްއެއް." އޭނާ ވިދާޅުވިއެވެ.

އާ ސްކޫލު ހުޅުވުމަށް ކުރަން ޖެހޭ މަސައްކަތްތަަށް މިމަހުގެ 22 ގައި ފެށޭނެކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.

އެ ސްކޫލް ހަދާ އިމާރާތް މިހާރު ބޭނުންކުރަމުންދަނީ ގައުމީ ޔުނިވާސިޓީގެ ބައެއް ކްލާސްތައް ނެގުމަށެވެ. ނަމަވެސް ގައުމީ ޔުނިވާސިޓީގެ އެކެޑެމިކް އަހަރު ނިމުމުން އެތަން އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ އިއްޒުއްދީން ސްކޫލުގައި ހުންނާނީ ގްރޭޑް އެކަކުން ހަތަރަކަށް، ކޮންމެ ގްރޭޑެއްގެ ހަތަރު ކްލާހާއި ގްރޭޑް ފަހެއް އަދި ހައެއްގައި ކޮންމެ ގްރޭޑަކަށް ތިން ކްލާސް ކަމަށެވެ.

"ކޮންމެ ކްލާހަކުން ޖާގަ ދޭނީ ގިނަވެގެން 25 ކުދިންނަށް. އެހެންވީމާ މުޅިއަކު 400 ދަރިވަރުން މިތަނުގައި ކިޔަވާނެ،" ރިޔާޒް ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ސްކޫލަށް ކުދިން ވެއްދުމުގައި އަމަލުކުރާނީ މާލެ ސިޓީގެ އެހެން ސްކޫލްތަކަށްވެސް ކުދިން ވެއްދުމުގައި އަމަލުކުރާ އުސޫލަށް ކަަމަށެވެ.

"ވީމާ، ގްރޭޑް 2، 3، 4، 5 އަދި 6 އަށް ކުދިން ވައްދަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ސިޓީ ހުށައެޅުއްވުން އެދެމެވެ. ދަރިވަރުން މި ސްކޫލަށް ވެއްދުމުގައި އިސްކަންދޭނީ ސިޓީ ހުށައަޅާ ތަރުތީބުންނެވެ." އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ވެއެވެ.

އެމްއީއެސް ހިންގި އިމާރާތް އިތުރަށް މަރާމާތުކޮށް ކިޔަވައިދިނުމުގެ ވަސީލަތްތައް ގާއިމުކޮށް ޓީޗަރުން ނެގުމަށް ބަޖެޓުގައި 20.2 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ

އިއްޒުއްދީންު ސްކޫލު އުފައްދަނީ ސްކޫލުތައް ދަންފަޅިއަށް ބަދަލުކުރުމުގެ ސިޔާސަތުގެ ދަށުން ކިޔަވާދިނުމަށް ބޭނުންވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމަށްޓަކައެވެ. މާލޭގައި އެއް ދަންފަޅިއަށް ހިންގާ ސަރުކާރު ސްކޫލެއް މިވަގުތު ނެތް އިރު، މާލޭގެ ސްކޫލުތަކުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް އިތުރު ސްކޫލުތައް އަޅަންޖެހޭކަމަށް އެޑިއުކޭޝަން މިނިސްޓަރު މިފަހުން ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް