އެމްޑީއެން އުވާލަން ސަރުކާރުން ނިންމައިފި

އޮކްޓޫބަރ 25، 2019: އިސްލާމް ދީނާ ހިލާފު ވާހަކަތަކެއް ހިމަނައި، ރިޕޯޓުު ނެރުނު މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އުވާލުމަށް ގޮވާލާ މާލޭގައި ކުރި މުޒާހިރާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދީނާ ހިލާފު ވާހަކަތަކެއް ލިޔެ ރިޕޯޓެއް ޝާއިއު ކުރި ޖަމިއްޔާ، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލަން ދިވެހި ސަރުކާރުން ނިންމައިފި އެވެ.

އެމްޑީއެންގެ "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓުގައި ދީނާ ހިލާފު ވާހަކަތަކެއް ހުރި މައްސަލަ މި ފަހުން ހޫނުވެ ގިނަ ބަޔަކު ވަނީ އެ ޖަމިއްޔާ އުވާލައި، އެ ޖަމިއްޔާގެ މައްސަލަ ބަލަން ގޮވާލައިފަ އެވެ.

ޖަމިއްޔާތަކުގެ ބެލެނެވެރި ފަރާތް، ޔޫތު މިނިސްޓްރީއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، އެމްޑީއެންގެ ރިޕޯޓްގައި ދީނަށް ފުރައްސާރަކޮށްފައިވާކަން ފުލުހުންނާއި އިސްލާމިކް މިނިސްޓްރީ އާއި ކަމާ ބެހޭ އެހެން ފަރާތްތަކުން ކުރި މަސައްކަތްތަކުން އެނގިފައިވާ ކަމަށެވެ.

އެހެންކަމުން، ޖަމިއްޔާތަކުގެ ގާނޫނުގެ 19 ވަނަ މާއްދާގެ (ހ) އާއި (ށ)އާ ހަވާލާދީ އެ ގާނޫނުގެ 32 ވަނަ މާއްދާގެ ދަށުން، މިއަދު އެ ޖަމިއްޔާގެ ރަޖިސްޓްރީ ބާތިލުކުރަން ނިންމާފައިވާކަން އެ ޖަމިއްޔާއަށް އަންގާފައިވާ ކަމަށް އެ އިއުލާނުގައިވެ އެވެ.

އެ ޖަމިއްޔާގެ މުދަލާއި ދަރަނީގެ ކަންކަން ހަމަޖެއްސުމަށް ޖަމިއްޔާތަކުގެ ގާނޫނުގެ ދަށުން ވަނީ 45 ދުވަސް ދީފަ އެވެ.

އެމްޑީއެންގެ "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓަކީ ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ ގޮތްތަކާއި، އެ ފިކުރުގެ އަސަރު ރާއްޖޭގައި އަށަގެންފައިވާ މިންވަރު ބެލުމަށްޓަކައި އެ ޖަމިއްޔާއިން ކުރި ދިރާސާއެއްގެ މައްޗަށް ނެރުނު ރިޕޯޓެކެވެ. އެ ރިޕޯޓު ޝާއިއު ކުރީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ.

އެ ރިޕޯޓުގައި ދީނާ ހިލާފު ވާހަކަތަކެއް ހުރި މައްސަލަ ވަރަށް ބޮޑަށް ހޫނުވުމުން އެންމެ ފުރަތަމަ އެ މައްސަލަ ފުލުހަށް ހުށަހެޅީ އަމިއްލަ ފަރާތަކުންނެވެ. އެފަހުން އިސްލާމިކް މިނިސްޓްރީއިންވެސް އެ މައްސަލަ ފުލުހަށް ހުށަހެޅި އެވެ.

ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ނިންމައި ދީނީ އިލްމުވެރިންނާ ހަވާލުކޮށްގެން ދިރާސާއެއް ހެދި އެވެ. އެ ދިރާސާއިން ދެއްކި ގޮތުގައި އެމްޑީއެންގެ ރިޕޯޓުގައި ދީނާ ހިލާފު ވާހަކަތަކެއް އެބަ ހުއްޓެވެ.

އެ ރިޕޯޓް ތައްޔާރު ކުރި މީހުންނަށްވެސް ފިޔަވަޅު އަޅަން ގޮވާލަމުންދާއިރު، ރިޕޯޓު ލިޔުމުގައި އުޅުނު ޝަހިންދާ އިސްމާއީލާއި ޑރ. އަޒްރާ ނަސީމް ފުލުހަށް ހާޒިރުވުމަށް މިހާރު ވަނީ ޗިޓު ފޮނުވައިފަ އެވެ. އެ ދެ މީހުންވެސް މިހާރު އުޅެނީ ރާއްޖެއިން ބޭރުގަ އެވެ. އަޒްރާ ވަނީ ފުލުހަށް ހާޒިރުވާން އުޒުރުވެރިވެފަ އެވެ.

comment ކޮމެންޓް