ދީބާޖާއަށް ބަދަލު ނުދީގެން ނަހުލާ ކޯޓަށް ހާޒިރު ކުރަނީ

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ --- ސަންފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދިނުމަށް ކޮށްފައިވާ ހުކުމް ހަފްތާއެއްގެ ތެރޭގައި ތަންފީޒު ނުކޮށްފި ނަމަ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ސިވިލް ކޯޓަށް ހާޒިރު ކުރާނެކަން އަންގައިފި އެވެ.

ދީބާޖާއަށް ބަދަލުގެ ގޮތުގައި ދޭންޖެހޭ ފައިސާ ދިނުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ސިވިލް ކޯޓުގައި ފެށީ 12 މޭ 2019 ވަނަ ދުވަހު އެވެ.

ދީބާޖާއަށް ދޭންޖެހޭ ބަދަލުގެ ތަންފީޒު މައްސަލައިގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ މިއަދު އެންގީ ކޯޓުން ބޭރުގައި އެ މައްސަލަ ހައްލުކޮށް ބަދަލުގެ ގޮތުގައި ދީބާޖާއަށް ދޭން ޖެހޭ ފައިސާ ހަފްތާއެއްގެ ތެރޭގައި ދިނުމަށެވެ. އަދި ހަފްތާއެއްގެ ތެރޭގައި އެމައްސަލަ ހައްލު ނުކޮށްފި ނަމަ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ކޯޓަށް ހާޒިރު ކުރާނެ ކަމަށް ގާޒީ މިއަދު އެންގެވި އެވެ.

ދީބާޖާ މައްސަލާގައި ކޮށްފައިވާ ހުކުމް މުރާޖައާ ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ މައްސަލަ ހުށަހެޅުއްވި ކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ނ. ރ. ބ. އަދި ޅ އަތޮޅަށް ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ ކުންފުނިން އިސްތިއުނާފު ކުރި އެ މައްސަލާގައި ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ އެ މައްސަލަ ހައިކޯޓުން ބަލައިގެންފައި ވަނީ އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވިފަހުން ކަމަށެވެ. ހައިކޯޓުގެ ގަވާއިދުގައި ބުނެފައިވާގޮތުން މުއްދަތު ހަމަވާ ފަހުން އިސްތިއުނާފަށް ހުށަހަޅާ މައްސަލަތައް ބަލައިގަންނަންވާނީ އަމިއްލަ ބާރު ނުފޯރާ ފަދަ މަގުބޫލު ސަބަބެއް މެދުވެރިވާ ހާލަތުގައި އެކަންޏެވެ.

ނަމަވެސް އެޓާނީ ޖެނެރަލްގެ އޮފީހުން އިސްތިއުނާފަށް ހުށަހެޅި ސަބަބުތަކަކީ ހައިކޯޓުގެ ގަވާއިދުގައި ބުނެފައިވާ ފަދަ އަމިއްލަ ބާރު ނުފޯރާ ފަދަ މަގުބޫލު ސަބަބުތަކެއް ކަމަށް ބަލަންޖެހޭ ޝަރުއީ އަދި އަސާސެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ހައިކޯޓުގެ ހުކުމް ބާތިލްކޮށް ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓާފައި ވަނީ އެ މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

comment ކޮމެންޓް