''އަބަދު ހާސްވުން އެއީ ދުޅަހެޔޮ ކަމަށް އޮތް ބޮޑު ހުރަހެއް''

އާންމު ސިއްހަތުގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔަތުގައި ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަފުޅުދައްކަވަނީ --- ފޮޓޯ : ހެލްތު މިނިސްޓްރީ

އަބަދު ހާސްކަން މަތީގައި ހުރުމަކީ ދުޅަހެޔޮ ކަމަށް ހުރި ބޮޑު ހުރަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އާންމު ސިއްހަތާ ގުޅޭގޮތުން ބާއްވާ ފުރަތަމަ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވީ ތިމާއަކީ ހިތްހަމަޖެހިފައި ހުންނަ މީހަކަށް ވެއްޖެނަމަ އެކި ކަހަލަ ގޮތްތަކުން ފަސޭހަތައް ވެގެންދާނެ ކަމަށެވެ.

އެފަދަ ކަންތައްތަކުން އަރައިގަތުމުގައި މުޖުތަމައުގެ އިސް ރޯލެއް ވާ ކަމަށް އެމަނިކުފާނު އިޝާރާތްކުރެއްވިއެވެ. އެގޮތުން އެކަކު އަނެކަކަށް އަޅައިލައި، އޯޯގާތެރިވުމުގެ މުހިއްމު ކަމަށް ނައިބު ރައީސް ވަނީ މިއަދުގެ ރަސްމިއްޔާތުގައި އަލިއަޅުއްވާލާފައެވެ.

އެހެންނަމަވެސް އަމިއްލަ މީހާގެ ހިތްހަމަޖެހުމަށްޓަކައި އެހެން މީހުންނަށް ގެއްލުންވާ ފަދަ ގޮތަކަށް އަމަލުތައް ބަހައްޓާ ކަމުގައިވާނަމަ އެކަމާ މެދު ވިސްނާލަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސްގެ އެވާހަކަ އަމާޒުކުރައްވާފައިވަނީ ދުންފަތުގެ އިސްތިއުމާލުކުރުމާއެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުން އެހެން މީހުންނަށް ގެއްލުން ވާކަމުގައި ވާނަމަ އެފަދަ އަމަލަކުން ދުރުވާން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ސިއްހީ ދާއިރާއަށް އަލިއަޅުއްވާ ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރާއްޖެ ސިއްހީ ދާއިރާ ތަރައްގީކުރުމަށް ގިނަ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

"އަޅުގަނޑު ހަނދާން ކޮށްލަދޭން ބޭނުން ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ސިއްހީ ނިޒާމުގެ މައުލޫމާތު ވަރަށް ސާފުކޮށް އޮތް ކަން،" އެމަނިކުފާނު ވިދާޅުވިއެވެ

ފައިސަލް ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ތަރައްގީކުރުމަށް ސަރުކާރުން ދަނީ ބޮޑެތި ހަރަދުތަކެއް ކުރަމުން ކަމަށެވެ.

comment ކޮމެންޓް