ބިދޭސީންގެ ކޯޓާ 2000 ރުފިޔާއަށް ވިއްކައިގެން 500 މިލިއަން ރުފިޔާ ހޯދަނީ

އިކޮނޮމިކް މިނިސްޓްރީއިން ކުރިޔަށްގެންދާ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ ޕްރޮގްރާމްގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އަންނަ އަހަރުން ފެށިގެން ބިދޭސީއެއްގެ ކޯޓާ 2000 ރުފިޔާއަށް ވިއްކައި، ދައުލަތަށް އިތުރަށް 500 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދަން ބަޖެޓްގައި ހިމަނައިފި އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ދައުލަތަށް އާމްދަނީ ލިބޭނެ އިތުރު ކަންތައްތަކުގެ ގޮތުގައި ބިދޭސީ މަސައްކަތްތެރިންގެ ކޯޓާ ފީ ތައާރަފުކޮށް، ރެޒިޑެންޓް ޕާމިޓް ފީ އަށް ބަދަލު ގެންނަން ވަނީ ނިންމައިފައެވެ.

މިއާއެކު މިހާރު ހިލޭ ދޫކުރާ ކޯޓާ އަންނަ އަހަރުން ފަށައިގެން ވިއްކާނީ 2000 ރުފިޔާ އަށެވެ. ބަޖެޓުގައި ބުނެފައިވަނީ މިގޮތުން ދޫކުރާ ކޯޓާއާއެކު ކޮންމެ ބިދޭސީއަކަށް އަހަރަކު އެއްފަހަރު 2،000 ރުފިޔާގެ ފީ އެއް ކޯޓާ ފީގެ ގޮތުގައި ދައްކަން ޖެހޭނެ އެވެ.

މި ބަދަލުން 2020 ވަނަ އަހަރު އިތުރަށް ބަޖެޓަށް 500 މިލިއަން ރުފިޔާ އިތުރަށް ލިބޭނެކަމަށް ވަނީ ލަފާކޮށްފަ އެވެ.

މީގެ އިތުރުން ބިދޭސިންގެ ވޯކް ޕާމިޓް ފީގެ ގޮތުގައި މިހާރު ނަގާ އަދަދަށްވުރެ އިތުރަށް 100 ރުފިޔާ ނަގަން ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ. މިހާރު ބިދޭސިންގެ ވޯކް ޕާމިޓް ފީގެ ގޮތުގައި ނަގަނީ 250 ރުފިޔާ އެވެ.

މި ފީ އަށް 100 ރުފިޔާ އިތުރުކޮށް އަންނަ އަހަރުން ފެށިގެން 350 ރުފިޔާ ވޯކް ޕާމިޓް ފީގެ ގޮތުގައި ނަގަން ފެށުމާއެކު އާމްދަނީގެ ގޮތުގައި 213.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މި ބަދަލު ގެންނަން ނިންމާފައިވަނީ އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސިންނަށް ގަވައިދާ ހިލާފަށް އުޅޭކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ. އެފަދަ ފަރާތްތައް ގަވައިދަށް ފެއްތުމަށް ސަރުކާރުން ވަނީ ޕްރޮގްރާމެއް ވެސް ފަށައިފަ އެވެ.

comment ކޮމެންޓް