ކާމިޔާބަށް ވާސިލުވުމާ ގުޅޭ މޯޓިވޭޝަނަލް ޓޯކްއެއް ރޮބިން ބޭންކްސް ރާއްޖޭގައި ދެއްވަނީ

ސެޝަން ނަގައިދެއްވާ ރޮބިން ބޭންކްސް--- ފޮޓޯ: މާޕް

ދުނިޔޭގެ މަޝްހޫރު މޯޓިވޭޝަނަލް ސްޕީކާ ރޮބިން ބޭންކްސް ރާއްޖޭގައި ވާހަކަދައްކަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އޭނާ ވާހަކަ ދެއްކެވުމަށް ހަމަޖެހިފައި ވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް) އިން ބާއްވާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސެޝަންގަ އެވެ.

"ސަކްސަސް އިޒް އަ ޗޮއިސް"ގެ ނަމުގައި ބާއްވާ އެ ސެޝަން އޮންނާނީ މި ނޮވެމްބަރު 16ވާ ހޮނިހިރު ދުވަހު ހެދުނު 9:00 އިން ހަވީރު 5:00 އަށް ގައުމީ ޔުނިވަސިޓީގެ މެއިން އޮޑިޓޯރިއަމްގަ އެވެ.

އެ ސެޝަންގައި ވާހަކަ ދައްކަވާ ރޮބިން ބޭންކްސް ވަނީ އެތަކެއް ކުންފުނިތަކަކަށް ކާމިޔާބަށް ވާސިލް ވެވޭނެ ގޮތުގެ މައުލޫމާތު ހިއްސާކޮށް އެތަކެއް ކުންފުނިތަކަށް ކާމިޔާބު ހާސިލްކޮށް ދިނުމުގައި ތަފާތު މަސައްކަތްތައް ކޮށްދީފަ އެވެ.

އެގޮތުން 500 އަށް ވުރެ ގިނަ ކުންފުނިތަކުގެ ސީއީއޯ އަދި ސީނިއާ މެނޭޖްމަންޓްތަކަށް މައިންޑް ޕަވާ އަދި ކާމިޔާބަށް ވާސިލްވެވޭނެ ގޮތްތަކާ ބެހޭ އެތަކެއް ސެޝަންތަކެއް އޭނާ ވަނީ ނަންގަވައިދެއްވާފަ އެވެ.

ރޮބިން ބޭންކްގެ ކުރީގެ އިވެންޓެއްގެ ތެރެއިން--- ފޮޓޯ: މާޕް

މާޕްއިން ބުނީ ސެޝަންގެ ސަބަބުން ކާމިޔާބު ހާސިލްކުރުމަށް ވަޒީފާގެ މާހައުލުގަ އާއި އަމިއްލަ ދިރިއުޅުމުގައި ދިމާވާ ދަތިތައް ހައްލު ކުރެވޭނެ ގޮތުގެ ފުރިހަމަ މައުލޫމާތު ލިބެގެންދާނެ ކަމަށެވެ. އަދި ބުނީ މި ސެޝަންގެ ސަބަބުން ތިމާގެ ވިސްނުމަށާއި ކުރާ މަސައްކަތަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމުގަ އެވެ.

މާޕް އަކީ ހިއުމަން ރިސޯސްގެ ދާއިރާއަށް މީހުން ހޭލުންތެރިކޮށް މީހުން ބިނާކުރަން މަސައްކަތް ކުރުމަށް ރާއްޖޭގައި އުފެދުނު ފުރަތަމަ ޖަމިއްޔާއެކެވެ.

އެ ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ އެޗްއާރު ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ތަފާތު ގޮތްގޮތުން އެހީތެރިވެ އެފަރާތްތަކަށް ބޭނުންވާ ފަހުގެ ރިސޯސްތައް ހޯދުމަށް އެހީތެރިވެދިނުމާއި ދާއިރާއާއިގުޅޭ ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހި ކުރެވި މައުލޫމާތި ބަދަލުކުރެވޭނެ މަގުތައް ފަހިކޮށްދިނުމެވެ.

މާޕްއިން ބުނީ އަންނަ އަހަރު ވެސް ތަފާތު ގިނަ އާ ހަރަކާތްތަކެއް ބޭއްވުމަށް ރާވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައ ނޮލެޖް އަދި ބެސްޓް ޕްރެކްޓިސް ޝެއާ ސެޝަންތަކުގެ އިތުރުން އެޗް އާރު ކޮންވެންޝަންގެ އިތުރުން ދުނިޔޭގެ މަޝްހޫރު ސްޕީކާސްގެ އިންސްޕިރޭޝަނަލް ޓޯކް ސެޝްންތައް ހިމެނިގެންދާނެ އެވެ. .

comment ކޮމެންޓް