ޖޭއެސްސީ ގާނޫނުގެ އިސްލާހުތައް ބާތިލްކުރަން ޖުޑީޝަލް ކައުންސިލްގައި މަޝްވަރާކުރަނީ

19 ވަނަ މަޖިލީހުގެ މެމްބަރުންނަށް އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ސައީދު ހުވާލައިދެއްވަނީ -- ފޮޓޯ/ މަޖިލިސް

ދާދި ފަހުން ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނަށް ގެނައި އިސްލާހުތައް ގާނޫނު އަސާސީއާ ހިލާފު ކަމަށް ކަނޑައަޅަން ޖުޑީޝަލް ކައުންސިލުން މަސައްކަތް ކުރަން ފަށައިފި އެވެ.

"ސަން"އަށް ކަށަވަރުވެފައިވާ ގޮތުގައި ދާދިފަހުން ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހުތަކާ މެދު ކައުންސިލަށް ފެންނަ ގޮތްތަކެއް ކަނޑައަޅަން ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމެއް ބާއްވަން ޝެޑިއުލްކޮށްފައި ވަނީ މިރޭ 9:00ގައި ސުޕްރީމް ކޯޓްގަ އެވެ.

އެނގިފައިވާ ގޮތުގައި އެ ޖަލްސާގެ އެޖެންޑާގައި އޮތީ، ޖޭއެސްސީގެ ގާނޫނަށް މިފަހުން ގެނައި އިސްލާހުތަކާ މެދު އެ ކައުންސިލުގައި މަޝްވަރާކޮށް އެކަމާ މެދު އެ ކައުންސިލަށް ފެންނަ ގޮތްތަކެއް ކަނޑައެޅުމެވެ.

އިތުބާރު ހުރި މަސްދަރަކުން ބުނީ، ޖުޑީޝަލް ކައުންސިލް ބާއްވަނީ ޖޭއެސްސީގެ ގާނޫނަށް ދާދިފަހުން ގެނައި ގާނޫނު އަސާސީ ހިލާފު ކަމަށް ފެންނަ ކަމަށް އެ ކައުންސިލުން ނިންމުމަށެވެ.

މީގެ އިތުރުން، ގާނޫނަށް ގެނެސްފައި ހުރި އެ އިސްލާހުތަކަށް އަމަލު ކުރުމަށް މަސައްކަތް ކުރާތީ، ސުޕްރީމް ކޯޓްގެ ސެކްރެޓަރީ ޖެނެރަލް، ޑރ. އަހުމަދު ފާއިޒުއާ މެދު ފިޔަވަޅު އެޅުމަށް މަސައްކަތް ކުރާ ކަމަށް ވެސް އެނގިފައިވެ އެވެ.

ޖޭއެސްސީގެ ގާނޫނަށް މިފަހުން ގެނައި އިސްލާހުތަކުގެ ތެރެއިން އެންމެ މުހިންމު އިސްލާހަކީ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ނަގައި ޖޭއެސްސީގެ ބެލުމުގެ ދަށަށް ބަދަލުކުރުމެވެ. އަދި ޖުޑީޝަލް އެކަޑަމީ ވެސް ޖޭއެސްސީގެ ދަށަށް ބަދަލުކޮށް، ކޯޓްތައް ހިންގުމުގެ އިދާރީ ކަންކަން ބެލުމަށް ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރެއްގެ މަގާމު އުފެއްދުން ވެސް ހިމެނެ އެވެ.

އެ އިސްލާހުތައް ތަސްދީގުކޮށް އަމަލު ކުރަން ފެށީ، މިދިޔަ މަހުގެ ތިން ވަނަ ދުވަހު އެވެ.

ޖުޑީޝަލް ކައުންސިލްގެ މެމްބަރުންނަކީ އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތުން ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނާއި ހައިކޯޓުް، ސިވިލް ކޯޓް، ކްރިމިނަލް ކޯޓް، ފެމިލީ ކޯޓް، ޖުވެނައިލް ކޯޓް، ޑްރަގް ކޯޓް މިއިން ކޮންމެ ކޮންމެ ކޯޓެއްގެ އިސްގާޒީ އާއި ސ. ހިތަދޫ ކޯޓްގެ އިސް މެޖިސްޓްރޭޓް އަދި ހއ. ދިއްދޫ ކޯޓްގެ އިސް މެޖިސްޓްރޭޓެވެ.

ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހުތައް ބާތިލްކޮށް ދިނުމަށް އެދި، ގާނޫނީ ވަކީލް އަލީ ޝާހު ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ. އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ދައުލަތުން ޖަވާބު ދާރީވުމަށް ސުޕްރީމް ކޯޓުން ވަނީ މިހާރު އެޓާނީ ޖެނެރަލްގެ އޮފީހަށް އަންގައިފަ އެވެ.

މިރޭ ބާއްވާ ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމާ ދިމާކޮށް ރައްޔިތުން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމެއް ވެސް މިރޭ 9:00 ގައި ބާއްވަން މިހާރު ވަނީ ޝެޑިއުލްކޮށްފަ އެވެ. އެ ބައްދަލުވުމުގެ އެޖެންޑާގައި އޮތީ، އުއްތަމަފަނޑިޔާރު ބައިވެރިވެގެން ގާނޫނުތަކަށް އަމަލު ނުކުރުމަށާއި ޑީޖޭއޭ އާއި ޖޭއެސްސީގެ ދައުރަށް ހުރަސް އެޅުމަށް މަސައްކަތް ކުރަމުން ގެންދާތީ އެކަމާ މެދު މަޝްވަރާ ކުރުމެވެ.

ޖުޑީޝަލް ކައުންސިލުން ވެސް މިރޭ ކުއްލި ބައްދަލުވުމެއް ބާއްވާއިރު ގާނޫނު އަސާސީގެ 88 ވަނަ މާއްދާގެ ށ. ގައި ބުނެފައި ވަނީ ރައްޔިތުން މަޖިލީހުގެ އެއްވެސް ކަމެއް ހިނގި ގޮތުގެ ސައްހަކަން ބެލުމަށް ޓަކައި އެއްވެސް ކޯޓަކަށް މައްސަލައެއް ހުށަނޭޅޭނެ ކަމަށެވެ.

comment ކޮމެންޓް