އައިޝާ ނަސީމްގެ ފަޔަރ އެންޑް އައިސް 2 - ސެފްރޯން

"ކިހިނެއްވީ؟ " ސެފްރަން ސުވާލުކުރިއެވެ. "އަހަރެން ދެކެ ނަފްރަތު ކުރުމުގެ ސިއްރަކީ ކޮބާ؟ ވަރަށް ގިނަދުވަހު އެއްޗެކޭ ނުބުނަން ކެތްކޮށްފިން. އަޒްކީލްއަކީ ގާތް އެކުވެރިޔަކަށް ވީތީ. ހަށިގަނޑުން ގުނަވަނެއް ވަކިކޮށްލުމުންވެސް މަޑުން ހުރީ. މިހާރު މާ މައްޗަށް ދަނީ. ތިއީ އަހަރެންގެ ކާކު؟ މަ ކޮންމެގޮތަކަށް އުޅުނަސް ބެހެން ކަލޭ ތީ ކާކު.................................." ސެފްރަން އިންޒާރުދޭފަދަ ގޮތަކަށް އެއް އިނގިލި މޫނު ކުރިމަތީ ހިންގައިލިއެވެ.

"ސަބަބަކީ ކަލޭ އުފަންވީ މަގޭ ބަނޑުން ކަމަށްވާތީ......" ޒޭބްގެ ޖުމްލައާއެކު ސެފްރަންއަށް ސިހުމެއް ލިބުނެވެ. ލޯ ކުޑަކޮށްލަމުން މަލާމާތުގެ ހިންޏެއް ތުންފަތަށް ވެރިކުރުވިއެވެ. އަދި ސެފްރަން ހޭންފެށިއެވެ.

"ހުއްޓާލާ ޝައިތޯނާ..." ޒޭބް ހަޅޭއްލަވައިގަތެވެ.

ޒޭބްގެ އެ ހަޅޭކާއެކު ސެފްރަންގެ ހުނުންގަނޑު މަތަކުރިއެވެ، މި އަންހެނާ މިހިރީ ދުނިޔޭން މޮޔަވެފައެވެ. ބަލައިލަން އޭނަގެ ދައްތައެއްހާ ޒުވާނެއްގެ ދަރިއަކަށް އޭނަ ވުމަކީ މުސްތަހީލްކަމެކެވެ.

"ހުރިހާ އަންހެނުން މަންމައަކަށް ވިޔަސް ކަލޭ އަހަރެންގެ މަންމައަކަށް ވާނެ ގޮތެއް ނެތް..........." ސެފްރަން ހަމަޖެހިލިއެވެ.

"ކަލޭ އެތައް ސުވާލެއްކޮށްފި. ނަފްރަތު ކުރާ ސަބަބު އޮޅުން ފިލުވަން އަހައިފި. ރަގަޅަށް ކަނުލާ އަހާ. ކަލެއަކީ ނަހަލާލު ދަރިއެއް. އަހަރެން އެންމެ ޅަ އިރު ކަލޭގެ ޝައިތާނީ ބައްޕަ އަހަރެންނަށް ޖަނަވާރެއްހެން ހަމަލާދިނީ. އެ ފާފައިގެ ނިޝާނަކީ ތިއީ. ކަލޭގެ ބައްޕައަކީ ޝައިތާނެއް. އެނގިއްޖެތަ ތިއީ ޝައިތާނާގެ ދަރިއެއް........" ޒޭބް ސެފްރަންއާއި ދިމާލަށް ނަފްރަތުން ފުރިގެންވާ ގޮތަކަށް ބަލައިލިއެވެ. " އެ ޝައިތާނާގެ މުޑުދާރު ލޭ ތި ނަފުސްގައިވަނީ. ތި ރަތް ދެލޮލަކީ ޝައިތާނާގެ ސުންޕާކަމުގެ ރަތްކުލަ. އެއް ވަރަ ލިބުނީ ވެސް އޭނަގެ ދަރިއަކަށް ވީތީ. އެއްވަރައަކީ ސުންޕާކަން.....މަރުވަންދެންވެސް ކަލެއާއި ކަލޭގެ ބައްޕައަށް ލައުނަތް ހުރި. ދުވަހަކު ރަހުމަތެއް ނުލެއްވުމަށް އެދި ބަދު ދުޢާކުރާނަން...އެ އެއްޗެހިތަކަކީ ނަރައިގެ ދަރުކަމުގައި ލައްވާށި........................"

ޒޭބްގެ އެއިން ކޮންމެ ޖުމްލައެއް ސެފްރަންގެ ދެލޯ އިތުރަށް ބޮޑުކޮށް ހައިރާންކުރުވިއެވެ. އެއާ ވިދިގެން ނަފުސަށް މަޑުމޮޅިކަން ލިބި ހިތާމަ ވަށައިލިއެވެ.

ޒޭބް ލޯމަތިން ގެއްލުމުން ކަކުލު ހުޅުން ވާގިދޫވިފަދައިން އޭނަ ހުރިތަނަށް ކަކޭމައްޗަށް ތިރިވިއެވެ. އެތެރެހަށީގައި އުފެދިގަތް ހިތާމައާއި މޮޅިވެރިކަން މަޑުމަޑުންގޮސް ރުޅިވެރިކަން ޚިޔާރުކޮށްފިއެވެ. އޭނަގެ މައިންބަފައިންގެ ހަގީގަތް އެނގުމުން އަމިއްލަ ނަފުސްދެކެ ފޫހިވެއްޖެއެވެ. ޒަޚަމްވެފައިވާ ޖަނަވާރެއްފަދައިން އޭނަ ހަޅޭއްލަވައިގަތެވެ. އެ ހަޅޭކުގެ އަޑު ވާދީގައި ގުގުމައިލިއެވެ. އެވަގުތުކޮޅު އާދަޔާ ޚިލާފު ބާރުތަކެއް ލިބުނުހެން ހީވިއެވެ. މުޅި ޖިސްމުގައި ހުޅުރޯވެ އަނދަންފެށިފަދައެވެ. ތެދުވުނުގޮތަށް އެންމެ ކައިރީގައި ހުރި ވަރުގަދަ ބިޔަ ގަހުގައި ހިފާލިގޮތުން މުލާއެކު އުފުރައިލީ ފަސޭހަކަމާއެކުގައެވެ. އެގަސްގަނޑު ބޯމަތީ އަނބުރާލާފައި އެއްލައިލިގޮތަށް ދުރުން ފެންނަން އޮތް ކޯރުގައި ޖެހުނުގޮތަށް ޒަލްޒަލާއެއް އައިފަދައެވެ. ކުޑަ ސުނާމީއެއްހެން އުފުލުނު ފެންގަނޑު މުޅި ހިސާބު ތެންމައިލިއެވެ. ގަސްތަކުގައި ޖަގަހަ ޖަހައިގެން ތިބި ދޫނިތައް އެކި ދިމާލަށް އުދުއްސައިގަތެވެ.

"ސެފްރަން......ސެފްރަން....." އަޑުގަދަވެގެން ދުވެފައި އައި އާރްޔާއަށް ސެފްރަން ގެ އަތުގައި ހިފާލެވުނެވެ.

"ވަޓް ހެޕެންޑް. އޭނަ ކީއްކުރީތަ؟ "

އާރްޔާ ހީކުރީ އެތަނަށް އައިސްފައިވާ ތޫފާންގެ އަސްލަކީ ޒޭބްކަމުގައެވެ.

"އާރްޔާއަށްވެސް ބުނާ ގޮތަށް ހެދޭ ކަމަކަށް ނުވޭ ދޯ. މަގޭ ފަހަތުން ނޫޅެބަލަ. ބޮލަށް އުދަގޫވެއޭ........" ސެފްރަން ރަހުމް ކުޑަގޮތަކަށް އާރްޔާގެ އަތުގައި ހިފާ ވަކިކުރުވިއެވެ. އެއާއެކު ބިންމަތިން ގަލެއް ނަގާފައި ހޫރާލުމުން ވައިކަފާލާފައި ދިޔަގޮތަށް ގަހެއްގައި ޖެހި ގޮފިތަކެއް ބިންދައިގެން ތިރިއަށް ފައިބައިގަތެވެ.

"ވެއިޓް އެ މިނިޓް. ޑިޑް ޔޫ ޑޫ އޯލް ދިސް.." އާރްޔާ ދެލޯ ބޮޑުކޮށްފައި އެ ދިމާލަށް ފިޔަވަޅެއް އެޅިއެވެ.

"ބޮލަށް ޑެވިލް އެރިފަތަ؟ " އާރްޔާ އެއް ލޯ މަރައިލިއެވެ.

"އަހަންނަކީ ޝައިތާނާ. ދެން މަގޭ ބޮލަށް އެރެން މަށަށްވުރެ ބާރުގަދަ ޝައިތާނެއް ވާނެތަ؟ "ސެފްރަންއަށް ކޮށްފައިވާ އަސަރުތަކާއި އެ ޖުމްލައިގާ ވި މާނައެއް އާރްޔާއަކަށް ނުވިސްނުނެވެ. ލިބުނު ޝޮކްޖެހޭފަަދަ ޚަބަރުން އިތުރަށް ވާހަކަދައްކަން ހުންނާނެހާ ހިތްވަރެއް ސެފްރަންގެ ނެތެވެ. ބާރުބާރަށް ހިނގާފައިގޮސް އޭނަ ގަނޑުވަރު ތެރެއަށް ވަދެ ގެއްލުނެވެ.


"ސެފްއަށް ކިހިނެއް ވެފަ އެހެރީ.............." އާރްޔާގެ ހިތުގައި ޖެހުނުކަން އެނގުނީ އަނގަޔަށް ހަދައިލި ގޮތުންނެވެ. ޒޭބް އައުމުގެ ކުރިން ސެފްރަން އޭނަ ގާތު ދެއްކީ ދީނީ ވާހަކަތަކެވެ. އޭނަ މާތް ﷲއާއި ރަސޫލާދެކެ ލޯބިވާ ވަރާއި ދީނަށްޓަކާ ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެކަމަށް ބުނެ ވާހަކަދެއްކިއެވެ. އޭނަގެ ހުވަފެނަކީ ކާފަރު ޖިންނީންނާއި ހަގުރާމަކޮށް އެންމެން ކިޔަމަން ކުރުވުމެވެ. މިސްކިތްތައް ބިނާކޮށް ދީނީ އިލްމު ފަތުރަން މަސައްކަތް ކުރާނެކަމަށް ވައުދުވިއެވެ. ސެފްރަން އެހާ އެކުވެރިކޮށް އުޅެފައި ހަމަ ކުއްލިއަކަށް މިޒާޖު ބަދަލުވެ ބީރައްޓެއްސަކަށް ވެއްޖެއެވެ.

***

ޒޭބް ސެފްރަން ގަތުލުކުރަން ވިހަލާފައިވާ ޚަންޖަރެއްދިނީ މާރިދަކަށެވެ. އެކަން އެނގުމާއެކު ކާރމަން އޭނަގެ ލަޝްކަރުގެ ކުޅަދާނަ ދެ ކޮމާންޑަރުންނަށް އެންގީ ސެފްރަންގެ ހަށި ފާރަވެރިންގެ ގޮތުގައި އަބަދު ކައިރީގައި ތިބުމަށެވެ. ސެފްރަންއަށް ގެއްލުމެއްދޭން އުޅޭ ކޮންމެ ޖިންނިއަކު ދުނިޔެއާއި ވަކިކޮށްލަން އޭނަ އަމުރުކުރިއެވެ. ސެފްރަންއަށް އޭނަގެ ހަގީގަތް އެނގުނުގޮތަށް ކޮޓަރިން ބޭރަށް ނިކުންނަހިތެއް ނުވިއެވެ. މިރިއަމް ގެނެސްދީފައި ހުރި ފޮތްތަކުގެ ދުނިޔެއަށް ވަންގޮތަށް އޭނަ އުޅުނީ އެހެން ދުނިޔެއެއްގައެވެ. އޭނަ ވަރަށް ގިނަ ސިހުރު ދަސްކުރިއެވެ. އެހެން ދުނިޔެތަކަށް ދާނެ ޕޯޓަލްތައް އޭނަ ހޯދިއެވެ. އޭނަގެ މަންމަ ކަމުގައި ދައުވާކުރި ޒޭބްމެންގެ ދުނިޔެއާއި ބެހޭ މައުލޫމާތު ސެފްރަން އުނގެނިގަތެވެ. މަޑުމަޑުން ލިބެމުންދިޔަ ބާރުތައް ސެފްރަން ހުރީ އެހެން މީހުންނަށް ފޮރުވައިގެންނެވެ.


***

އަޒްކީލްއާއި ޒޭބް ހަނދުވަރުގެ އަލީގައި އުފާކޮށްލަން އުުދުހުފައި ދިޔައީ ގަސްކަރައިގެ މަތިންނެވެ. ދެއަތް ގުޅުވާލައިގެން ވަޔާއި ވާދަކުރަމުންގޮސް ޕާކެއްގައިވާ ބިޔަގަހެއްގެ އެންމެ ކުރީގައިވާ ކުދި ގޮފިގަނޑެއްގެ މަތީގައި ޖައްސައިލީ ޕަރީންތަކެއް ފަދައިންނެވެ. މުޅި ހިސާބު ހުވަދުވެލާފައިވަނީ ރަބީއަށް ފޮޅިފައިވާ ކުލަ ކުލައިގެ މާތަކުންނެވެ. އެކި ވާހަކަތައް ދައްކަމުންގޮސް ކުއްލިއަކަށް ޒޭބް ގެ ތަބީއަތު ގޯސްވާ މައުޟޫއަކަށް ދިޔައެވެ.

"ކީއްވެ ސެފްރަންދެކެ ތިވަރަށް ނަފްރަތުކުރަނީ؟ "

"އެއީ ނޭގޭވަރުގެ ކަމެއްތަ ހަބީބީ. އޭނަގެ ރަތްދެލޮލުން ޝައިތާނެއްގެ ސިފަ ނުފެނޭތަ؟ ލައުނަތް ލެއްވިގެންވާ އިބުލީހުގެ ލާހިދަރިއެއްގެ ދަރިއެއް.......އޭނަ ރައްކާތެރިކުރަން ކާރމަން މުޅި ލަޝްކަރު ފޮނުވިޔަސް އަހަރެން އޭނަ ނައްތާލާނަން......." ޒޭބް ދެލޯ ވިދުވަރުފަދައިން ދިއްލުނެވެ.

"އެއީ މިރިއަމްގެ ފިރިމީހާކަން ޒޭބް ހަނދާން ނައްތައިލީތަ؟ "

"މިރިއަމްގެ ފިރިމީހާގެ ގޮތުގައި ހުރީ ހަމަ ނަމެއްގައި ދޯ. ސެފްރަން މިރިއަމްއަށް ބޭވަފާތެރިވެއްޖެ............................" ޒޭބް އަޒްކީލްއާއި ހަތަރުކަޅި ހަމަކޮށްލަމުން ހިނިތުންވެލިއެވެ.

ޒޭބް ސެފްރަންއާއި ޕަރީގެ ވާހަކަ ކިޔައިދިނުމުން އަޒްކީލްގެ ދެލޮލުންވެސް ނަފްރަތުގެ އަލިފާން ކަނި ބުރައިލިއެވެ. ސެފްރަންއަކީ އަޖައިބެއްފަދަ މީހެކެވެ. އޭނަ ދެކެ ލޯބިވާން އުޅޭ މީހަކަށްވެސް އެކަމުގައި ކާމިޔާބުވިޔަކަ ނުދޭނެއެވެ. އެވަރުންވެސް ހިތުގެ ކަނެއްގައި ސެފްރަންއަށްޓަކާ ހަމްދަރުދީއާއި ކުލުނު ފިޔަޖެހިއެވެ. ކުޑައިރު ފެނުނީއްސުރެން އަޒްކީލް އަމިއްލަ ކޮއްކޮއެއް ފަދައިން ލޯބިން ގެންގުޅު ކުއްޖަކަށްވީމަ ހިތުގައި ނަފްރަތު އުފެއްދުން ފަސޭހަކަމަކަށް ނުވަނީއެވެ. ސެފްރަން އެކަން ދަންނާނެނަމައެވެ.


***

މިރިއަމް މޭބިސްކަދުރު ދިޔަތަށިން އެތިފޮދެއް ބޯލުމަށްފަހު ބާލީސްމައްޗަށް ތިރިވިއެވެ. މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. ނަކްބާ އެނދުގެ ބޯލާކޮޅުގައި އިށީދެ މިރިއަމްގެ ބޯ މަސާޖުކޮށްދޭން ފެށިއެވެ.

"ސެފްރަން ކައިރީ މިވާހަކަ ބުނާނީ ކިހިނެއް. އަހަރެން ބަނޑުބޮޑުކަން އެނގުމުން ސެފްރަން.. އޭނަ.. އޭނަ......." މިރިއަމް ނަކްބާގެ މޫނަށް ބަލައިލީ އޭނަގެ ފަރާތުން އުއްމީދީ ބަސްތަކެއް އިވުމުންވެސް ހިތަށް ފިނިކަމެއް ލިބިދާނެކަމަށެވެ.

"ސާހިބާ މިރިއަމް. ސެފްރަން ކޮންމެ ރެއަކު މޭބިސްކަދުރު ޝަރުބަތު ބޮއިގެން މަސްތުވެ ވާނުވާ ނޭގި ހުރީމަ މިކަހަލަ ކަންތައް ލައިގަންނާނެ. ރަސްދަރިކަލެއް ލިބެން އުޅޭކަން މުޅި ޝާހީ އާއިލާއެއް އެންގީމަ ސެފްރަންވެސް ހަމަ އުފަލުން ގަބޫލުކުރާނެ. ސާހިބާ ބަލިވެއިންކަން އަވަހަށް އަންގަންވީ. ރަސްގެފާނު ޖާފަތެއްވެސް ދެއްވާނެ. މިހާރުއްސުރެ އިންތިޒާރުކުރަން މިފެށީ..........." ނަކްބާ ފުޅާ ހިނިތުންވުން މިރިއަމްއަށް އުފާވެރިކަން ފޯރުކޮށްދިނެވެ.

"ޝުކުރިއްޔާ ނަކްބާ..."

***

ޖެހިގެން އައި ދުވަހު މުޅި ގަނޑުވަރުތެރޭ އެ އުފާވެރި ޚަބަރު ފެތުރުނީ ފަންތަކެއްގައި ހުޅުހިފާހާ ހަލުވިކަމާއެކުގައެވެ. މިރިއަމް ރަސްދަރިކަލަކަށް ބަލިވެއިނީއެވެ. ޕަރީ ރިފްކާ އަދި ސޯރާ ވަރަށް ފޯރިއާއެކު އެވާހަކަ ދައްކަނިކޮށް އެ އަޑު އާރްޔާގެ ކަންފަތާއި ހަމަޔަށް ފޯރިއެވެ. އާރްޔާއަށް އެ ޚަބަރުން އުފަލެއް ނުލިބުނެވެ. ލޮލުން ކަރުނަ ނިރައިލިއެވެ. ސެފްރަންއަށް އެހާ ބޮޑު އުފަލެއް ލިބުމުން އޭނަގެ ހިތަށް އަސަރުކޮށް ރޮވޭގޮތްވީ ކީއްވެހެއްޔެވެ؟ އެންމެ ގާތް އެކުވެރިޔާގެ އުފަލުގައި އޭނަވެސް ބައިވެރިވާން ވީ ނޫންހެއްޔެވެ؟ ނަމަވެސް އެ ޚަބަރުން ހިތަށް ހަމަޖެހުމެއް ނުލިބުނީ ސެފްރަން އޭނައާއި ދުރުން އުޅޭތީކަމަށް ހިތަށް ވިސްނައިދޭން އުޅުނެވެ.

އާރްޔާ މޫނު ދޮވެލާ ހަދައިގެން ޖާރިޔާއިންނަށް ޚާއްސަކޮށްފައިވާ ހެދުން އަޅާލިއެވެ. އިހު ޒަމާނުގެ ގޮތަށް މެކްސީފަދައިން ފަހާފައިވާ ހެދުންތަކުގެ ފަސްބައި ފުޅާވެފައި ކަރުވާޅު ތަންކޮޅެއް ބޮޑެވެ. އެހެން ކުދިންނާއި އާރްޔާގެ ތަފާތަކީ އާރްޔާ ސްކާފުން އިސްތަށިގަނޑާއި މޭމަތި ފޮރުވާފައިވާކަމެވެ.

"އާރްޔާ ރޮނީތަ؟ " ކޯރުކައިރީ ހިލަގަނޑެއްގެ މަތީ ދެފައި ވަށްކޮށްގެން އިށީދެލައިގެން އިންދާ ސޯރާ ގާތުގައި އިށީނުމުން ހޫނުކަން އިހުސާސްވިއެވެ.

"ޕަރީ ރިފްކާ ގާތު އެބުނީ ތެދުވާހަކައެއްތަ؟ ސެފްރަންއާއި ޕަރީ......................................"

"ހެހެ. އާރްޔާ ކުޑަކަމުން އަދި ނުވިސްނެނީ އޭނައަކީ ވަލީއަހުދު. ޖިންނި ރަސްކަލުންނަށް އެންމެ އަންބެއް ހުރެގެނެއް ނުފުދޭނެ. ޖާރިޔާއިންވެސް ގެންގުޅޭނެ. އެއީ ޖިންނި ރަސްކަލުންގެ އާދަކާދައިގެ ތެރެއިން ހިމެނޭ ބަޔެއް. ރަސްކަލުންނާއި ރަސްދަރިކަލުންވެސް އުޅެނީ ބޭނުންވާހާ އެއްޗެއް ލިބި ނިއުމަތުގައި. އަންހެނުންނަކީވެސް ރަސްކަލުންގެ ގަނޑުވަރުތަކުގައި އުފާކުރަން ބައިތިއްބާފައިވާ ބަޔެއް. ޕަރީއަކީވެސް ޖާރިޔާއެއް. އޭނަ ވަރަށް ރީތި. މިރިއަމްހާ ރީތި އަންބަކު ހުއްޓަސް ސެފްރަންގެ ޖާރިޔާއިން ޚިދުމަތުގައި ތިބޭނެ. އާރްޔާވެސް އަންހެނަކަށްވީމަ އެ މަގާމު ފުރާލަދޭނެ. އަދި ތަންކޮޅެއް ކުޑައީ.........................." ސޯރާގެ ވާހަކަތައް އަހަން އިން އާރްޔާ ކަންފަތުގައި އަތްއެޅިއެވެ.

"ހުއްޓާލާ..........." އާރްޔާ ދުއްވައިގަތީ ގަނޑުވަރާއި ދުރަށެވެ. ދުވަމުން ދުވަމުންގޮސް ގަނޑުވަރާއި ދާދި ކައިރީގައި އޮންނަ ބްލޫބެލް ޖަންގައްޔާއި ހަމައަށް ދުވުނެވެ. ދޫލައެއް ފެތުރިފައިވާ ބްލޫބެލް މާތަކުގެ ސަބަބުން ޖަންގަލި ނީލަމެއްހެން ނޫ ކޮށްލާފައިވާއިރު ބަލާ ބަލާ ފޫހިނުވާފަދަ ރީިތި މަންޒަރެކެވެ. ބަހާރުގެ އެންމެ ހިތްގައިމު އެއް މަލެވެ. ލޮލުން ފޭބި ކަރުނަ ފޮހެލާފައި އާރްޔާ ހިނިތުންވެލަމުން ގުދުވެ މާތަކުގައި އިނގިލިތައް ބީއްސައިލިއެވެ.

"ސެފްރަންގެ ސަބަބުން ޖިންނީންގެ ތެރޭ އުޅެން ފަސޭހަވީ. ސެފްރަން އާއި ރުޅިވީމަ މިހާރު ފެމިލީ މަތިން މާ ބޮޑަށް މިސްވާން ފަށައިފި. މިދާގޮތަށް ފަސްއެނބުރި ބަލައިލުމެއްނެތި އިންސާނަކާއި ދިމާވާންދެން ކުރިއަށް ދާނީ......"

"އާރްޔާ. އާދޭ..ޖިންނި ގާޑުންގެ އަތްދަށުވެއްޖެއްޔާ ހަދާލާނެ ގޮތެއްވެސް ނޭގޭ. އެމީހުން ހުރިހާ ދިމާލެއްގައި އުޅޭނެ..." ސޯރާ ވާހަކަދައްކަ ދައްކާ ހުރެފައި ޚަބަރެއްނުވިއެވެ. ކުއްލިއަކަށް ހިޔަންޏެއް ކުރިމަތިން ހުރަސްކޮށްލިހެން ހީވިއެވެ. ކަންފަތްކައިރީ ނުލަފާ ހުނުމަކުން ހީލައިފިއެވެ. އާރްޔާގެ މުޅި މޫނާއި ހަށިގަނޑު ގަނޑުފެންތަކުގެ ތެރެއަށް ގެނބުނުފަދަ އިހުސާސެއް ކުރެވުނެވެ. ސޯރާއަށް ގޮވަން ހަޅޭއްލަވައިގަންނަން އަނގަ ހުޅުވާލުމުންވެސް އަޑު ބޭރެއްނުވިއެވެ. ނުފެންނަ އަތަކުން އޭނަގެ މޫނުގައި އަތްލާހާ ކައިރިކޮށްލިކަމުގެ އިހުސާސްވިއެވެ.

"ކާކުތަ؟ "

(ނުނިމޭ...)

https://sun.mv/126452

comment ކޮމެންޓް