ސެފްރޯން - 49

އައިޝާ ނަސީމްގެ ފަޔަރ އެންޑް އައިސް 2 - ސެފްރޯން

ޝަރީއަތް އޮތީ ބެންތިކް އައިލެންޑްގައި ހާމަކަން ބޮޑުކޮށެވެ. އެންމެނަށް ހާޟިރުވެވޭގޮތަށް އެ ޝަރީއަތް ބާއްވަން އެލިއަސް ނިންމީ އެންމެނަށް ހަގީގަތް އެންގުމަށެވެ. އޭނަގެ މަންމަގެ ގާތިލަށް ހައްގު އަދަބު ލިބެންޖެހޭނެއެވެ. ލޫސިއަސްއާއި ޒޭބް މާކިއަން އަދި ދެކުދިން މަޑުކޮށްލައިގެން ތިބީ ތަންކޮޅެއް ދުރުގައެވެ. ކުއްލިއަކަށް ޒޭބް ލޫސިއަސްގެ އަތުގައި ހިފާ ބާރުކޮށްލަމުން އަނގަމަތީ އަނެއް އަތް އެޅިއެވެ. ދެލޯ ބޮޑުވިއެވެ. ލޮލަށް ފެނުނު މަންޒަރު ގަބޫލުކުރުން ދަތިވެފައި ހުރިއިރު ދެލޯ ކަރުނުން ފުރެންފެށިއެވެ.

"ބައްޕާ......" އަޒްކީލް ފެނުމުން އެންމެ ކުރިން އަޒްކީލްގެ ގައިގާ ހިފައިގެން ރޯންފެށީ މާކިއަންއެވެ.

އޭނައާއި ޖެހި ފިތިގެން ހުއްޓުނީ އަޒްކީލް ފިޔަވާ ދެވަނަ ފަރާތެއް ނޫނެވެ. ގަދަ ފެހިކުލައިގެ ކަޅިން ފެނުނީ އޭނައަށްޓަކާ އެ ހިތުގައި ފޮރުވިފައިވާ ފުން ލޯތްބެވެ. ހަމަ އެކަނި އޭނައަށް މިލްކުވެގެންވާ އެ ޚާއްސަ ނަޒަރެވެ.

"ހަބީބީ؟ " ޒޭބް އަޒްކީލްގެ މޫނުގައި ދެއަތުން ހިފެހެއްޓިއެވެ. " މިހާރު ކިހިނެއް؟ މުޅިން ރަގަޅުތަ؟ ކިހިނެއް ރަގަޅުވީ؟ ގަންދީޝާމެން ގެންދިޔައީމަ ހިތް ހަލާކުވި. ދުޢާނުކުރާ އެންމެ ވަގުތެއްވެސް ނުދޭ. އަލްހަމްދުލިﷲ."

އަޒްކީލް ޒޭބްގެ ހަށިގަނޑުގައި އަތް ވަށައިލިއެވެ. އަދި އޭނަގެ ކުދިންގެނެސް މޭގައި ޖައްސައިލަމުން އެތައް ފަހަރަކު ބޮސްދިނެވެ.

"މުޅިން ރަގަޅު. ފަހުން ހުރިހާ ވާހަކައެއް ކިޔާދޭނަން. މިއަދު މިއައީ ގަންދީޝާގެ ޝަރީއަތް ދެކެން. އޭނައަށް ހައްގު އަދަބު ލިބޭތަން ދެކެން. އަދި ހެކިވެރިއެއްގެ ގޮތުން މިއައީ............."

ޝަރީއަތް ފެށުނުތަނާހެން ސެފްރަންއާއި އެކުވެރިންވެސް ޒޭބްގެ ނަޒަރުގައި އަޅައިގަތެވެ. ސެފްރަން ކުރިއަށްވުރެވެސް ސިއްހަތު ރަގަޅުކަމަށް ދައްކައެވެ. ރަތްކުލައިގެ ދިގު ކޯޓަކުން ހަށިގަނޑު ނިވާކޮށްފައިވާއިރު ހައިބަތު ވަރުގަދަކަމަށް ދައްކައެވެ. ގަބޫލުކުރަން ބޭނުން ނުވިޔަސް ސެފްރަންގެ ޝާހީކަން އެބަހުއްޓެވެ. ވައްތަރީ އޭނަގެ އާއިލާއާއެވެ. ތަފާތަކީ ސެފްރަންގެ ހަށިގަނޑުގައި ބޮޑަށް ދައުރުކުރަނީ އިންސާނީ ލޭ ކަމަށްވާތީއެވެ. ޔަޒްދަންޔާރުވެސް ޒޭބްއަށް ފެނުނެވެ. މުޅި ބެންތިކް އައިލެންޑްގެ ހުރިހާ އަހުލުވެރިން މިތަނަށް އެއްވެފައިވާ ފަދައެވެ.


ޝަރީއަތް ފެށުމުން ގަންދީޝާ ދޮގުހަދާ ބޯ ދަމައިގަންނަން މަސައްކަތްކުރިއެވެ. ނަމަވެސް އޭނައާއި ދެކޮޅަށް ހެކިބަސްދޭން ޒެބްލަންގެ މާމަ ބިރެއް ޖެހިލުމެއްނެތި އެރުމާއެކު ގަންދީޝާގެ އަޅުވެތިކަމުގެ ދަށުގައި ފިތިފައިވާ އެންމެން ފިލާފައިވާ ހޮރުތަކުން ނިކުމެ ގަންދޝާއާއި ދެކޮޅަށް ހެކިބަސް ދިނެވެ. ޖަލްޖާލޫތު އަދި ކުރީގެ އަނބިކަބަލުންނަށް ޒަހަރުދީ މަރައިލީ ގަންދީޝާ ކަމަށް ބުނެ އެތައް ބަޔަކު ހެކިދިނެވެ. ދާރިން މަރައިލުމަށްފަހު އަޒްކީލް މަރައިލަން ކާރލީންގާތު އެދިގެން އޭނަ އައިކަން ޔަގީންވިއެވެ. ހުރިހާ ފަރާތަކުން ބައްދާލާ ހާސްކޮށްލުމުން ގަންދީޝާގެ ހިތްވަރާއި ގަދަކަން ނެތިގެން ހިގައްޖެއެވެ.

"އަޒްކީލް....."

"އަޒްކީލް ގެ ހިތްތިރިކަމާއި ރަގަޅުކަމުން މާފުކޮށްފާނެ. އެކަމަކު މަށެއް ނުކުރާނަން. ކަލެއަކީ ބައްޕައާއި މަންމަ އަދި ދާރިންގެ ގާތިލް....." އެލިއަސް ގެ ހިތް ހިލައަށްވުރެ ހަރުވިއެވެ. ހިތުގައި ކުލުނުގެ ޒައްރެއްގެ މިންވަރު ވާނަމަ އެ ކަންފުޅު ނެތިގެން ދިޔައެވެ. އިންސާނުންގެ ހިތް ބަދަލުވާލެއް އަވަސް ވެއްޖެއްޔާ ހިތް ބަދަލުކުރަން ޖިންނިންނަށް މާ ފަސޭހައެވެ.

"ހެޔޮނުވާނެ. އޭރު ނުވިސްނުނީ. މަންމަ ތި ކުދިން ގެންގުޅުނީ ކިހާ ލޯބިން. އަޒްކީލް އެލިއަސް ގާތު ބުނެބަލަ މި މަންމަގެ ކުށަށް މާފުދޭށޭ....." ގަންދީޝާ އަޒްކީލްގެ ފައިގާ ހިފެހެއްޓިއެވެ.

"އަހަންނަށް ދިން އަނިޔާއެއްނަމަ ޔަގީނުންވެސް މާފުކުރާނަން. އެކަމަކު މިއަދު ބައްޕައާއި މަންމަ އަދި ދާރިން ދުނިޔެއަކު ނެތް. އެފަރާތްތަކުން މާފަށް އެދޭ. ކުށެއްނެތް ފުރާނަތަކެއް ގަތުލުކޮށްލައިގެން ބޮޑު ފާފައަކަށް އަރައިގަތީ ކީއްކުރަން؟ ހަމައެކަނި ވެރިކަމުގެ ދަހިވެތިކަމުގައި......" އަޒްކީލް ގެ ނަޒަރުގައި ހުރީ ނަފްރަތެވެ.

ދުވަހެއްގެ ކޮޅުންވެސް އޭނަގެ އާއިލާގެ ގާތިލަށް އޭނަ މާފެއް ނުދޭނެއެވެ.

"ދެންވެސް ތިމާގެ ކުށަށް ތައުބާވޭ. މިތާ އޮތީ އިސްލާމީ ޝަރީއަތް. މަރުގެ ހުކުމް އިއްވައިފިއްޔާ ވަލީވެރިންނަށް ގިސާސް ހިފުމާއި މާފުކުރުމާއި ދެގޮތުން ކުރެ އެއްގޮތް ޚިޔާރުކުރަން އޮވޭ. އަނިޔާވެރިންނަށް ރަހުމް ކުރާކަށް މަށެއް ނެތިން. އެއްކަމެއް ދެކަމެއް ނޫން ކުރީ.. ޔަޒްދަންޔާރު ފަދަ މާތް މީހަކަށްވެސް އޮޅުވައިލީ. ރަސްގެފާނާއި ކައިވެނި ކުރަންވެގެން ޔަޒްދަންޔާރަށް ބޭވަފާތެރިވީ......................................."

"އަހަންނަށް މާފުކުރޭ ޚާތިމް......." ގަންދީޝާގެ ލޮލަށް ކަރުނަ ޖަމާވެއްޖެއެވެ.

ޔަޒްދަންޔާރު އެއްވެސް އެއްޗެއް ނުބުނެ ދާން ހިނގައިގަތެވެ. ގަންދީޝާދެކެ ހިތުގައި ވި ލޯތްބާއި ކުރި އިންތިޒާރު ފަޅި ސިކުންތު ކޮޅަކުން ފޮހެވިގެން ހިނގައިދާނެކަން މިއަދު އޭނައަށް ޔަގީންވެއްޖެއެވެ. އޭނަ ގަންދީޝާގެ ރީތިކަމަށްވުރެ ލޯބިކުރީ ތެދުވެރިކަމާއި ވަފާތެރިކަމަށެވެ. ކެހިވެރިކަން އެނގުމާއެކު ހިތް ބަދަލުވީއެވެ. އެއޮތް ދިގު އިންތިޒާރުގެ ނިމުން ފޮނިކަމަށް ހީކޮށްގެން ހުއްޓާ ހަބަރަށްވުރެ ހިތި ވެއްޖެއެވެ.

"ޚާތިމް.... ޚާތިމް.. ސަލާމަތްކޮށްދީ......." ގަންދީޝާ ހަޅޭއްލެވިއެވެ.

ޔަޒްދަންޔާރު ފަސް އެނބުރި ބަލައިލުމެއްނެތި ހަރު ހިނގުމެއްގައިގޮސް ލޯމަތިން ގެއްލިއްޖެއެވެ. ހުރިހާ އެންމެން އޭނަދެކެ ނަފްރަތުކުރިޔަސް އޭނަ އެކަނިކޮށްލިޔަސް އޭނަގެ ޚާތިމް އޭނައައެކު ވާނެކަމަށް ހީކުރިއެވެ. ނަމަވެސް ޚާތިމްވެސް އޭނަ ދޫކޮށްލާފައި އެދަނީ އަބަދުގެ އަބަދަށްޓަކާ ކަމާއި ދުވަހަކު ދެން ނުފެންނާނެކަމުގެ ވަރުގަދަ އިހުސާސެއް ކުރެވުނެވެ.


***

ގަންދީޝާއަށް މަރުގެ ހުކުމް އިއްވުމުން ޖަލުގެ އެހީތެރިން އޭނަ ކޮށްޓަކަށް ލައިގެން ގޮސް ކަނޑުގެ އަޑިއަށް ފީނައިގަތެވެ. އަޒްކީލްގެ ގައިގާ ޒޭބް ބައްދާލީ ހީލަމުންނެވެ.

"އަލްހަމްދުލިﷲ. އިންސާފު ލިބިއްޖެ....."ޒޭބް ބުނެލިއެވެ.

"އަޅުގަނޑަށްވެސް ކިރިޔާ ކުށެއް ނުކުރެވުނީ. ގަންދީޝާގެ ކެހިވެރިކަމާއި މަކަރުވެރިކަމުން ލޮލުގައި އަނދުން އެޅުވީ. މާފުކުރޭ ބޭބޭ..." އެލިއަސް އަޒްކީލްއާއި ކޮނޑާއި ކޮނޑު ޖައްސައިލަމުން ސަލާމްކޮށްލިއެވެ. ދެބެންގެ މޫނުމަތިން އުފާވެރިކަމާއި ހަމަޖެހުން ފައުޅުވޭވޭ ހުއްޓެވެ. އެލިއަސް ޒޭބް ގާތުން ވެސް މާފަށް އެދުނެވެ. ގަންދީޝާ ސެފްރަންއާއި ޒޭބް ރައްޓެހިވެގެން އުޅޭކަމަށް ބުނެ އޭނައަށް އޮޅުވައިލުމުން އެކަން ގަބޫލުކުރެވުނީތީ ހިތާމަކުރާކަމުގައި ބުނެލިއެވެ.

"ސުބުހާނަﷲ. ސެފްރަންއަކީ ލޯބިވެރިޔާއޭ؟ ކޮންކަހަލަ ނުބައި ވިސްނުމެއް. ސެފްރަންއަކީ އަހަރެންގެ ކޮއްކޮ. ލޯބިވެރިޔާއެއް ނޫން. އަހަރެމެންގެ އޮތީ ނަފްރަތުގެ ގުޅުމެއް. އެންމެން ސުންޕާކަމަށް ދެކުނު ކުއްޖަކު ހަގީގަތުގައި ވީ އެންމެނަށް ލެއްވި ރަހުމަތަކަށް. އެންމެ ފިޔައެއް ހުރި އެންޖެލްއެއް ފަދައިން.........." ޒޭބްގެ ލޮލުގައި ކަރުނަ ގިނަވެގަތެވެ.

"މިހުރިހާ ދުވަހު އަނދިރީގެ ތެރޭގައި ހުރެވުނީ. މިހާރު ފިލާވަޅެއް ލިބިއްޖެ. އެތައް އެއްޗެއް ދަސްވެއްޖެ. ރަހިމުގެ ގުޅުން ކަނޑާލުމުގެ ނުބައިކަމާއި މާފުކުރުމާއި ހަމްދަރުދީވުމާ ހަސަދައާއި ރުޅިވެރިކަމާއި ދުރުހެލިވުންފަދަ ކިތަންމެ އެއްޗެއް އެނގިއްޖެ. ފިރިމީހާއާއި ދަރިންނާއި ވަކިނުވީ ކިރިޔާ. ހަގީގަތުގައި ސެފްރަންގެ ސަބަބުން އަޒްކީލް ސަލާމަތްވީ. އަޒްކީލްއަށްޓަކާ ގުރުބާންވާން ތައްޔާރަށް ހުރީ. އެކަމަކު އަޒްކީލްގެ ފުރާނައިގެ ދުޝްމިންގެ ފަހަތުން އޭނަގެ ކުށުގެ ބައިވެރިޔާކަމުގައި ވެގެން ހައްގާއި ދެކޮޅަށް ހަތިޔާރު އުފުލީ. އަހަންނަކީ ސެފްރަންގެ ކުށްވެރިޔާ. އެއްވެސް ރަހުމަކާއި ނުލާ އެކުއްޖާގެ ވަރަ ކޮށައިލީ. އެއްފަހަރު ނޫން ދެފަހަރު. އަމިއްލަ ނަފުސަށްވެސް މާފެއް ނުދެވޭނެ..........................." ޒޭބް ކަރުނަ ފޮހެލިއެވެ. ލޫސިއަސް ޒޭބްގެ އިސްތަށިގަނޑުގައި ފިރުމައިލީ ހިތްވަރުދޭފަދަ ގޮތަކަށެވެ.

"ޝަރީކުކުރުން ފިޔަވާ ކުރާ ކޮންމެ ފާފައަކަށްވެސް ތައުބާވުމުން މާތްﷲ ފާފަ ފުއްސަވާދެއްވާ. ވީއިރު ކުރެވުނު ކަންތަކާ ހިތާމަކޮށް ތައުބާވުމުން އަމިއްލައަށްވެސް މާފުދެވޭނެ ދުވަހެއް އަންނާނެ ކޮއްކޯ. ސެފްރަންއާއި އިންސާނުން ތަފާތުކުރާ އެއްޗަކީ އޭނަގެ ވަރަ. އެ ވަރަ ނެތުމަކީ ލިބޭނެ ގެއްލުމެއްނޫން. ސެފްރަންއަށް އެ ގޮތް މާ ރަގަޅުވާނެ. އާރިޒްވެސް އިންސާނުންގެ ތެރޭ އުޅުނަސް އަހަރެމެން އާރިޒްދެކެ ވާ ލޯތްބަކަށް ބަދަލެއް ނާދޭ. ސެފްރަންވެސް އިންސާނުންނާއެކު އުޅުނަ ދީ.......... " ލޫސިއަސް ޒޭބްގެ ނިތުގައި ބޮސްދެމުން ކަރުނަ ފޮހެލަދިނެވެ. ލޯބިވާ ބޭބެގެ އޯގާތެރިކަން ފެނިފައި ޒޭބްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.


***

ސެފްރަންއާއި އާރްޔާ އަތު ގުޅުވާލައިގެން ހިނގާފައި އަންނަތަން ފެނި އެންމެންގެ ނަޒަރު އެކުދިންނަށް ހުއްޓުނެވެ. ސެފްރަން އައިގޮތަށް އަޒްކީލްގެ ގައިގާ ހިފައިގަތީ ޖޯޝާއެކުގައެވެ. ބަލަން ތިބި އެންމެންގެ ލޯތައް ފެންކަޅިކޮށްލާފައެވެ. އެ ދެ އެކުވެރިންގެ ދޭތެރޭ އޮތް ލޯތްބާއި ގާތްކަން އެ އަމަލުން ހާމަކޮށްދިނެވެ.

"ވެލްކަމް ބެކް ބްރަދާ... ޝިފާ ދެއްވި ކަމަށްޓަކާ މަތްﷲއަށް ހުރިހާ ޝުކުރެއް. ކުށްވެރިންނާއި ގާތިލުންނަށް އެކަމުގެ ސަޒާ ލިބިއްޖެ. ވަގުތީގޮތުން ގައުމު ހިންގުމާ ހަވާލުވިޔަސް ވެރިޔަކީ ތިއީ. ގާނޫނުގައި އޮތްގޮތަށް ހަވާލުކުރާނަން. އަހަރެން އަބަދަށްޓަކާ ޚިދުމަތުގައި ހުންނާނަން.........."ސެފްރަން އަޒްކީލްގެ ބުރަކަށީގައި މަޑުމަޑުން ޖަހައިލިއެވެ.

ޒޭބްއަށް މިއަދު އެ މަންޒަރު ފެނުމުން ހިތަށް އުފާވެރިކަމެއް ލިބުނެވެ. ސެފްރަންއާއިމެދު ހިތުގައި ތައުރީފާއި އެކު އިހުތިރާމް އަދި ކުލުނުވެސް އުފެދިއްޖެއެވެ. އޭނަގެ ފިރިމީހާއާއި ކޮއްކޮގެ އޮތް އެކުވެރިކަން މިއަދު ފަޚުރުވެރިކަމާއެކު ބަލައިގަނެވިއްޖެއެވެ.

"މިއީ މަންމަގެ އެންމެ ކުޑަ ދަރިފުޅު. އަހަރެމެންގެ ކޮއްކޮ. ކުރިންވެސް ބާކީކޮށް ނުލެވުނުނަމަ. ކުރިންވެސް ލޯބި ދެވުނުނަމަ. ކުޑައިރު ކޮއްކޮ އުޅުނު ހާލެއްވެސް އެނގެނީކީ ނޫން. ރަހުމްގެ ކަންފުޅެއްނުވާ ބަޔެއްގެ ތެރޭ ބޮޑުވީއިރު އެ ހިތުގައި ކިތަންމެ ލަކުނެއްވާނެ. ވަރަށް ދެރަ. އަލުން އެ ދުވަސްތައް އަނބުރާ ގެނެވޭނެނަމަ.............." ޒޭބް ހިތާހިތުން ކިޔައިލިއެވެ.

"ލެޓްސް ސެލެބްރޭޓް...... ދުޝްމިނުން ބަލިވީމަ އެކަމުގެ އުފާފާޅުކުރުން އޮންނަންވާނެ.." އާދު އާއި ކާއިން އަދި ކާރމަން އެތަނަށް ފައުޅުވެ އެކަކު އަނެކަކަށް ސަލާމްކޮށް ބައްދާ އުފާވެރިކަން ފާޅުކޮށް ސަކަރާތްޖަހަންފެށިއެވެ. ސެފްރަންއާއި އާރްޔާ ލޫސިއަސްއާއި ކޮންމެވެސް ވަރަކަށް ވާހަކަދެއްކިޔަސް ޒޭބްއާއި އަނގައިން ބުނަން ބޭނުންވިހެނެއް ހިޔެއްނުވެއެވެ. ދެމަފިރިން މަޑުކޮށްލީ އެހެން އެންމެނާއި ވަކިން ތަންކޮޅެއް ދުރުގައެވެ.

"ސެފް. ކޮންމެވެސް ކަމެއް ފާހަގަވެއްޖެ. ޒޭބް ކަޅިއަޅާތަނެއް ނުފެނޭ. ޒޭބް އޮޅިގެން ނަޒަރު ހުއްޓާލާއިރުވެސް އެހެން ކަހަލަ އެކްސްޕްރެޝަންއެއް ފެންނަނީ. ލައިކް ގިލްޓީ އޯ ސަމްތިންގް. އިޓްސް ވިއާޑް. ޒޭބް ނޯމަލްތަ؟ ނޫނީ ޝޮކެއްގަތަ؟ " އާރްޔާ ސެފްރަންއާއި ގާތަށް ޖެހިލަމުން މަޑުމަޑުން އެހުމުން އޭނަ ހިނި އައެވެ.

"ނޭގޭ. ގޮސް އަހާބަލަ.."

"ޝީޒް ކްރޭޒީ. ރުޅިގަދަވާ ވަގުތު ދޫވެސް ކަނޑައިގެންފާނެ. ޒޭބް އެހާ ރީތިއިރުވެސް މޮންސްޓާއަކަށް ގަންނަ ބިރުގަނޭ. އެކަމަކު ނޮޓް އޭޒް މަޗް އޭޒް މިރިއަމް އެންޑް ގަންދީޝާ. އެއީ ދެން ބިރުގެ އެންމެ އެކްސްޓްރީމް. ބައިދަވޭ އައި ލަވް ދަ އެންޑިން އޮފް ދިސް.......މިހާރު ހީވާގޮތުން އެންމެނަށް ސުލްހަވެރިކަމާއެކު އުޅެވިދާނެ. އަދި އަހަރެމެން ސްވިޒަލޭންޑަށްދާން ދަތުރު ހަދަންވީ. އައި ކާންޓް ވެއިޓް.." އާރްޔާ ހިލަގަނޑު މައްޗަށް އަރާ ދެއަތް ވައިގެ ތެރެއަށް ދިއްކޮށްލުމަށްފަހު ކުޑަކޮށް ހަޅޭއްލަވައިގަތެވެ.

"ހެހެ މިހެން ހަޅޭއްލެވީމަ އަހަރެންވެސް ސައިކޯ ވީކަމަށް އެންމެން ހީކޮށްފާނެ..." އާރްޔާ ހީގަނެފައި އައިގޮތަށް ސެފްރަންގެ އަތުތެރެއަށް ވެއްޓިގަތެވެ. "ޕަރީ ޖޭކޮށްލަންވެގެން. ޕަރީ ހިތުން ފިލައިގެން އެހެރީ އެކަމަކު ގަސްތަކުގެ ތެރެއިން އެ ދެލޯ ފެނުނީމަވެސް އެނގިއްޖެ............."

"ޕަރީ ކައިރީ ބުނެބަލަ އެއީ މަށެއްނޫނޭ. ކާރލީން މަގޭ ސިފަޖެހިގެންގޮސް ދެމީހުން ގަތްގަނޑެއް ގަތީއޭ." ސެފްރަންގެ ހޫނު އަތް ވަށައިލުމުން ހީފިލާ ދެލޯ މަރައިލެވުނެވެ. އެމަންޒަރުދެކެ ހިތް ފަޅިފަޅިވީ ހަމައެކަނި ޕަރީގެއެއް ނޫނެވެ. ރުއާނާ ޖިލްވާގެ އުނގުގައި ބޯ އަޅާލައިގެން އޮވެ ރޮއިރޮއި ލޮލުގެ ފެނުން ގެއްލިދާވަރުވިއެވެ. ސެފްރަންއާއި އާރްޔާ އެހާ ގާތުން އުޅޭތަން ފެނުމުން ޖިލްވާގެ ނަފްރަތު އާރްޔާއަށް އަމާޒުވިއެވެ. ނަމަވެސް ސާފު ކިރުފޮދެއްފަދަ ހިތެއް ލިބިފައިވާ ރުއާނާ އާރްޔާއަށްޓަކާ ހަސަދަވެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ނެތެވެ. ސެފްރަން ލޯބިވާ އަންހެންކުއްޖާއާއެކީ އުފަލުން އުޅުނީމަ އޭނަ ރޯންވީހެއްޔެވެ؟ އެންމެ ލޯބިވާ ފަރާތް އުފަލުން ހުރިއްޔާ އޭނަވެސް އުފާކުރަންވީއެވެ. ރުއާނާ ތެދުވެފައި ހިނިތުންވެލިއެވެ.

"ޖިލްވާ. ސެފްރަންއަށްޓަކާ އަހަރެން މިއަދު ހިތުގައިވި ލޯބި އެންމެ ފުންމިނުގައި ވަޅުލައިފިން. އަހަރެން މިވީ ލޯތްބަކީ އަމިއްލަ އެދުމެއްނެތް ސާފު ލޯތްބެއް. އެދެކުދިންނަށްޓަކާ އަހަރެން ދުރަށް ދާން ނިންމައިފިން. މިއަދު އަހަރެން އެހެން ގޮތެއް ޚިޔާރުކޮށް ގެއްލުން ދޭން ބޭނުންވިނަމަ އެކަންވެސް ކުރެވުނީސް. ނަމަވެސް ތެދުވެރި ލޯބީގައި ހަމައެކަނި އަމިއްލަ އުފަލަށް ނޫން ވިސްނާނީ. އަނެކަކާގެ އުފަލަށް އިސްކަން ދެވޭނެ. މިއަދު އެދެމީހުން ދޭތެރޭ އޮތް ލޯބި އަހަންނަށް އިހުސާސްކުރެވިއްޖެ. ސެފްރަންއާއި އާރްޔާ އެކަކު އަނެކަކު ދެކެ ވަރަށް ވަރަށް ލޯބިވޭ. ވަރަށް ގުޅޭ. އެދެމީހުންގެ ނަން ލައުހުލް މަހުފޫޒުގައި އެކީ ލިޔުއްވާފައިވާއިރު އެދޭތެރެއަށް ގަދަކަމުން ވަންނާކަށް ނޫޅެން. މާތްﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކު. ކުރިން ސެފްރަން ލިބުމަށް އެދި ދުޢާކުރިން. ދުޢާއަކީ އަޅުކަމެއް މި ދުނިޔެއިން އެކަމެއް ނުވެއްޖެއްޔާ އެއަށްވުރެ މާ ބޮޑު އެއްޗެއް އާޚިރަތް ދުވަހުން ލިބޭނެ........." ރުއާނާ ހިނިތުންވެލިއެވެ.

"ޖިލްވާ. އަހަރެން ބޭނުން ކުޑަކޮށް ދުނިޔެ ބަލައިލަން ބުރެއް ޖަހާލަން. ހިނގާ ދަމާ...." ރުއާނާ ޖިލްވާގެ އަތުގައި ހިފާ ދަމައިލިއެވެ.

"ނޫން. އަޅުގަނޑު ބޭނުމީ އާރްޔާގެ ފުރާނަ ދަމައިގަންނަން.. ޕްރިންސެސް އެންމެ އުފަލުން ހުންނަތަން ދެން ފެންނާނީ ކިހިނެއް؟ އޭނަ އެ އުފާތައް ފޭރިގެންފި. އަދިވެސް ކުރީގެ ޕްރިންސެސް ރުއާނާއެއް ނުފެނޭ..މިލާ މޯޅިވެފައިވާ މަލެއްހެން އަދިވެސް......." ޖިލްވާ ކަޅިއަޅައިގަތެވެ.

"މޮޔަނުވޭ ޖިލްވާ..." ރުއާނާ ޖިލްވާގެ މޫނުގައި ހިފެހެއްޓިއެވެ.

"މޮޔަނުވާންވީ ކީއްވެ؟ "

"ލޯތްބަކީ ގަދަކަމުން ފޭރިގަނެވޭނެ އެއްޗެއްނޫން. ފައިސާއާއި ބާރުގެ ބޭނުންކޮށްގެނެއްވެސް ނުހޯދޭނެ. ހިތެއްގައި ލައްވަވާ އިހުސާސްތަކެއް. ސެފްރަން ލޯބިވަނީ އާރްޔާދެކެ. އެއީ އޭނަގެ ހަލާލު އަނބިމީހާ. އަހަރެން އެދޭތެރެއަކަށް ނުވަންނާނަން. ސާފުކޮށް މިބުނީ. ޖިލްވާ އަހަރެންގެ ނިންމުންތަކަށް ކިޔަމަންވޭ. އަހަރެން ހިތް މަރުވާފަދަ ވާހަކަތައް ދެއްކުމަށްވުރެ އުފާކުރަން އުޅެބަލަ.. އެހެންވެ މިބުނަނީ ދުނިޔެ ބަލައިލަން ދާނީއޭ...." ރުއާނާ ކުރިއަށް ފިޔަވަޅުތައް އަޅަމުން ދިޔައިރު ފަށުވި ހެދުމުގެ ފަސްބައި ބިންމަތީ ފެތުރިފައި އޮތެވެ. ހަނދުވަރުގެ ފަނޑު އަލީގައި އެމޫނަށް ކިރުކުލަ ވެރިވެފައިވާއިރު ތުންފަތުން ލޭ އޮހޮރޭފަދައެވެ. އެހާވެސް ރަތެވެ.

"ޖިލްވާ. އަހަރެން ބޭނުން އާރްޔާއަށް ހަދިޔާއެއް ދޭން. ކޯންޗެއް ރަގަޅުވާނީ؟"

ޖިލްވާ ބުނެލި އެއްޗަކުން ރުއާނާ ދެލޯ ބޮޑުވިއެވެ.

އުފާވެރިކަމުގެ މެހެފިލްގައި ބައިވެރިވާން ޒެބްލަންއާއި އޭނަގެ އާއިލާއަށްވެސް ދައުވަތު ދެވުނެވެ. މާމަ ހިއްސާކުރީ ޖަލުގައި އޭނަ އުޅުނު ވޭންދެނިވި ހިތްދަތި ދުވަސްތަކެވެ. ޖަލުފާރަވެރިން އޭނައަށް ކުރި އަނިޔާތަކެވެ. ކެއުމަށްފަހު ޝީޝާއާއި ބިލެތް މީރުކޮށްލުމުގައި ތިބިއިރު ތާރަޖަހާ ނެށުމުގެ ފޯރީގައި ތިބއިރު ވަގުތު ދިޔަގޮތެއްވެސް ނޭގުނެވެ. އެންމެންގެ ސަލާމަތީ ފިޔަވަޅުތަކާއިމެެދުވެސް ފަރުވާ ކުޑަކޮށްލެވުނެވެ. އެފަދަ ދަނޑިވަޅަކަށް ފާރަލައިގެން ހުރި މަޚުލޫގު ދަތްތައް ދިލުވައިލިއެވެ. އެންމެ ފޯރިގަދަވީވަގުތު ހަމަލާ ދިނެވެ. ނަމަވެސް އެ ހުރިހާ ދުނިތައް އެރީ ކާރމަންގެ ގަޔަށެވެ. ކާރމަން އަމާޒުފަތްގަނޑަކަށްވެ ހުރިހާ ވިހަ ދުނިތަކުން އެންމެން ސަލާމަތްކޮށްދީފިއެވެ.

(ނުނިމޭ...)

https://sun.mv/131026

comment ކޮމެންޓް