ނަޝީދު ދިޔުމުން މުޒާހަރާ ކުރި ބަޔަކު ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި

ގއ. ވިލިނގިލީގައި އެމްޑީއެންއާ ދެކޮޅަށް ބެނާ ދަމާފައި --- ފޮޓޯ/ އިބްރާހިމް ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގއ. ވިލިނގިިޔަށް ވަޑައިގަތުމުން އެމްޑީއެންއާ ދެކޮޅަށް އަޑު އުފުލާ މުޒާހަރާ ކުރި ބަޔަކު ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

ރައީސް ނަޝީދު ރޭ ވިލިނގިޔަށް ވަޑައިގެން ވަގުތު ކުރި އެ މުޒާހަރާގައި ބައިވެރިން އަޑު އުފުލީ، ނަޝީދުގުގެ އިސްތިއުފާއަށާއި، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލާ އެ ޖަމިއްޔާގެ އިސްފަރާތްތަކަށް ފިޔަވަޅު އެޅުމަށެވެ.

ފުލުހުންގެ ބުނީ، އެ މުޒާހަރާ އަކީ ރަށު ކައުންސިލްގެ ހުއްދަ ނުނަގާ ހިންގާފައިވާ ހަރަކާތެއް ކަމަށެވެ. އަދި މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުން ސަލާމަތީ ގޮތުން ބަންދުކޮށްފައިވާ ސަރަހައްދަށް ވެސް ވަދެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެފަދަ ބަޔަކު ސުވާލު ކުރުމަށް ޕޮލިސް ސްޓޭޝަނަށް ހާޒިރު ކުރިމަށް ވެސް ފުލުހުން ބުންޏެވެ.

ވިލިނގިލީ ކައުންސިލްގެ ރައީސް މުސްތަފާ މުހައްމަދު "ސަން" އަށް ވިދާޅުވީ، އެއީ މުޒާހަރާއެއް ނޫން ކަމަށާއި މަދު ބަޔަކު އަޑުގަދަކޮށް އަޑު އުފުލީ ކަމަށެވެ.

ރައީސް ނަޝީދު ވިލިނގިޔަށް ވަޑައިގެންނެވީ، މިއަދު އެރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދެކުނުގެ ހަތަރު އަތޮޅުގެ މަހާސިންތާއަށެވެ.

އެމްޑީއެންއާ ދެކޮޅަށް ވިލިނގިލީގައި ބަަޔަކު މުޒާހަރާ ކުރި އިރު، އެ ޖަމިއްޔާ އުވާލުމަށް އެކި ރަށްރަށުގެ މީގެ ކުރިން މުޒާހަރާކޮށްފައިވެ އެވެ.

ސަރުކާރުން ވެސް އެމްޑީއެންގެ ރިޕޯޓު ކުއްވެރިކޮށްފައިވާއިރު ފުލުހުން މިހާރު ދަނީ ރިޕޯޓުގެ މައްސަލަ ބަލަމުންނެވެ. އަދި ތަހުގީގު ބޭނުމަށް އެ ރިޕޯޓު ތިން ދީނީ އިލްވެރިން މެދުވެރިކޮށް އަންނަނީ ދިރާސާ ކުރަމުން އެވެ. ފުލުހުން ބުނެފައިވަނީ އެ ދިރާސީ ރިޕޯޓު ނިމުމުން ފިޔަވަޅު އަޅާނެ ކަމަށެވެ. އެ ރިޕޯޓް މި ހަފްތާތެރޭ ނިމޭނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ ރިޕޯޓުގެ ބޭނުން ބަޔަކު ދަނީ ނާޖާއިޒު ގޮތުގައި ހިފަނުނެވެ. އަދި އެކަން ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

comment ކޮމެންޓް