ޕްރޭމަދާސަގެ ވެރިކަމެއްގައި ބޮޑުވަޒީރުކަން ކުރާނީ އަޅުގަނޑު: ރަނިލް

ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވި ގޮތުގައި ޕްރޭމަދާސަ އިންތިހާބުވެއްޖެ ނަމަ އަނެއްކާވެސް ބޮޑުވަޒީރުކަން ކުރައްވާނީ އޭނަ -- ފޮޓޯ: އޭޝިއަންމިރާ

ކޮލަމްބޯ (އޮކްޓޯބަރު 30): ސްރީލަންކާގެ ހައުސިންގް މިނިސްޓަރު ސަޖިތު ޕްރޭމަދާސަ އެގައުމުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިފި ނަމަ ބޮޑުވަޒީރު ކަމުގެ އިތުރު ދައުރެއް ލިބޭނެ ކަމަށް ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ 16އިގައި ލަންކާގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޕްރޭމަދާސަ ވާދަ ކުރައްވަނީ ވިކްރަމަސިންހަ ލީޑަރުކަން ކުރައްވާ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ކެންޑިޑޭޓުގެ ގޮތުގަ އެވެ.

އަދި މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިކްރަމަސިންހަ ވިދާޅުވި ގޮތުގައި ފާއިތުވި ހަތަރު ފަސް އަހަރު ތެރޭ ޔޫއެންޕީން ވަނީ ވަރަށް ގިނަ ކަންތައްތަކެއް ހާސިލުކޮށްފަ އެވެ. އަދި ގައުމު ތަރައްގީ ކުރުމަށް އެ ޕާޓީން ކުރާ ކަންތައްތައް އާ ސަރުކާރުގައިވެސް ކުރިއަށްގެންދާނެ އެވެ.

އަދި ޕްރޭމަދާސަ އިންތިހާބުވެއްޖެ ނަމަ ބޮޑުވަޒީރު ކަމަށް އައްޔަން ކުރާނީ ކާކުތޯ ނޫސްވެރިން ސުވާލު ކުރުމުން ވިކްރަމަސިންހަ ވަނީ އެމަގާމު ފުރުއްވާނީ އޭނާ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް ބޮޑުވަޒީރު ކަމަށް އައްޔަން ކުރާނެ ފަރާތަކާ ބެހޭ ގޮތުން ޕްރޭމަދާސަ އަމިއްލަފުޅަށް އަދި އެއްޗެކޭ ވިދާޅުނުވެ އެވެ.

މީގެ ކުރިން ލަންކާގެ މީޑިއާއަކުން ރިޕޯޓުކުރި ގޮތުގައި ޔޫއެންޕީން ޕްރޭމަދާސައަށް ރިޔާސީ ޓިކެޓު ދިނީ ޝަރުތުތަކަކާއެކުގަ އެވެ. އެއީ ޕާޓީގެ ލީޑަރުގެ ގޮތުގައި ވިކްރަމަސިންހަ ދެމިހުންނެވުމުގެ އިތުރުން އިންތިހާބު ކާމިޔާބުވެއްޖެނަމަ އެގައުމުގައި އޮތް އެގްޒެކެޓިވް ޕްރެޒިޑެންސީގެ ނިޒާމު އުވާލުމުގެ ޝަރުތާއެކުގަ އެވެ.

ނަމަވެސް ޕްރޭމަދާސަ ވަނީ އޭނާ އެއްވެސް ޝަރުތަކަށް އެއްބަސްނުވާ ކަމަށް ވިދާޅުވެފަ އެވެ.

ލަންކާގެ މިހާރުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނެކަން އިއުލާން ކުރައްވާފަ އެވެ. އަދި އޭނާގެ ފްރީޑަމް ޕާޓީން ވަނީ އިންތިހާބުގައި ތާއިދު ކުރާނީ އިދިކޮޅު ޕޮޑުޖަނަ ޕާޓީ (އެސްއެލްޕީޕީ)ގެ ކެންޑިޑޭޓު ގޯޓާބަޔަ ރާޖަޕަކްސައަށް ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް