ކޮޅިގަނޑު އިތުރަށް ބާރުގަދަވެ، "ޑިޕްރެޝަނަކަށް" ބަދަލުވެއްޖެ

ބޯ ވިއްސާރަޔާއެކު މާލޭގައި އާދަޔާ ހިލާފަށް ފެންބޮޑުވެފައި --- ސަން ފައިލް ފޮޓޯ

ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑު މިހާރު އިތުރަށް ބަރުގަދަވެ، "ޑިޕްރެޝަނަކަށް" ނުވަތަ ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފި އެވެ.

މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިހާރު ކޮޅިގަނޑު ހުރީ ހއ. ތުރާކުނުގެ އިރުން 370 ކިލޯމީޓަރު ދުރުގައި ކަމަށެވެ.

އެހެން ނަމަވެސް ކޮޅިގަނޑާ ގުޅިފައިވާ ބޯ ވިއްސާރަވިލާތައް އަދިވެސް އުތުރާއި މެދުރާއްޖެތެރޭގެ މައްޗަށް އަރަމުން ދާނެ ކަމަށާއި ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ކޮޅިގަނޑު އިތުރަށް ބާރުގަދަވެ، ހުޅަނގުއުތުރަށް ދަތުރުކޮށް، ރާއްޖެއާ ދުރަށް ޖެހެމުން ދާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުނެއެވެ.

އެއާއެކު ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި، ވިލާގަނޑުގައި ވައި ގަދަވާނެ ކަމަށް ވެސް މެޓުން ބުނެއެވެ.

މި ވިއްސާރައިގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް ބެލެވޭތީ ސަމާލުމަށް ވެސް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.

comment ކޮމެންޓް