ކުޑަކުދިން ލައްވައި ހަށިވިއްކުވި މައްސަލަތަކެއް ފެންމަތިވެއްޖެ

ކުޑަކުދިން ލައްވައި ހަށި ވިއްކުވި މައްސަލަތަކެއް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޖެންޑާ މިނިސްޓްރީއަށް ހުށަހަޅައި އެ މައްސަލަތައް ބަލަން ފަށާފައިވާކަން ހާމަވެއްޖެ އެވެ.

ޖެންޑާ މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 125 މައްސަލަ މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފަ އެވެ.

އޭގެ ތެރޭގައި ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ޖިންސީ ބޭނުން ހިފުމަށް ކުޑަކުދިން ބޭނުންކުރި ތިން މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ. އަދި ނަހަމަ ގޮތުގައި ކުޑަކުދިން ބޭނުންކުރުމުގެ މައްސަލައެއް ވެސް އެ މުއްދަތުގައި ހުށަހަޅާފައިވެ އެވެ.

ފާއިތުވި އޯގަސްޓް މަހާ އަޅާބަލާ އިރު، ސެޕްޓެމްބަރު މަހު ހުށަހެޅި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައް ވަނީ އިތުރުވެފަ އެވެ. މިދިޔަ މަހު ރިޕޯޓުކޮށްފައި ވަނީ އެބާވަތުގެ 101 މައްސަލަ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. މިދިޔަ މަހު އިހުމާލުގެ 37 މައްސަލަ ރިޕޯޓުކޮށްފައިވެ އެވެ.

މީގެ އިތުރުން ޖިސްމާނީ ހާނީއްކައިގެ 27 މައްސަލަ، ޖިންސީ ހާނީއްކައިގެ 24 މައްސަލަ، ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 14 މައްސަލަ، ނަފްސާނީ ހާނިކައިގެ 12 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ ހަތަރު މައްސަލަ، އަދި އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާލިބުމުގެ ތިން މައްސަލަ ހިމެނެ އެވެ.

ހައްގުތަކުން ކުޑަކުދިން މަހްރޫމުކުރުމުގެ ހަތް މައްސަލަ މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފަ އެވެ. އޭގެ ތެރޭގައި ތައުލީމަށް ހުރަސް އެޅުމުގެ ތިން މައްސަލަ، ވެކްސިން ނުދިނުމުގެ ދެ މައްސަލަ، އައިޑީކާޑު، ޕާސްޕޯޓް، އުފަންދުވަހުގެ ސެޓުފިކެޓު ހޯދުމާ ބެހޭ މައްސަލައަކާއި އުފަންވުން ރަޖިސްޓްރީނުކުރުމާ ބެހޭ މައްސަލައެއް ވެސް ހިމެނެ އެވެ.

ޖެންޑާއަށް ހުށަހެޅި އިތުރު މައްސަލަތައް:

އާއިލީ މައްސަލަތައް:

މިދިޔަ މަހު އާއިލީ 26 މައްސަލަ ހުށަހެޅި އިރު އޭގެ ތެރޭގައި ހިމެނޭ ކުދިން ބެލުމުގައި ދިމާވާ 12 މައްސަލަ، ޙަޟާނާ ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ އަށް މައްސަލަ އަދި ދަރިންގެ ހަރަދު ދިނުމުގައި ދިމާވާ ހަ މައްސަލަ އެވެ.

ކުށް ކުރާ ކުޑަކުދިން:

އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ ހަ މައްސަލަ މިދިޔަ މަހު ވަނީ ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި މަސްތުވާތަކެތި ވިއްކުމުގެ މައްސަލައަކާއި މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލައަކާއި އަދި ވައްކަންކުރުމުގެ މައްސަލައެއް ހިމެނެ އެވެ.

ކުޑަކުދިންގެ އަހުލާގީ މައްސަލަތައް:

ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި 14 މައްސަލަ މިދިޔަ މަހު ވަނީ ހުށަހަޅައިފަ އެވެ. މި ފަދަ މައްސަލަތަކުގެ ތެރޭގައި ސްކޫލަށް ދާން ބޭނުންނުވުމުގެ ހަތް މައްސަލަ އަދި ގެއިން ނުކުމެގެން ދިޔުމުގެ ތިން މައްސަލަ ހިމެނެ އެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ:

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 41 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފަ އެވެ.

މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަ އެވެ. އެ ގޮތުން މި ބާވަތުގެ 12 މައްސަލައެއް މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވެ އެވެ.


މީގެ އިތުރުން، ނަފްސާނީ އަނިޔާކުރުމުގެ ނުވަ މައްސަލަ، ޖިންސީ ހާނީއްކަކުރުމުގެ ފަސް މައްސަލަ، އިހުމާލުވުމުގެ ފަސް މައްސަލަ، މާލީ ނުވަތަ އިގުތިސާދީ ފުއްދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ ތިން މައްސަލަ، ބާރާއި ނުފޫޒު ފޯރުވުމުގެ ދެ މައްސަލަ، ޖިންސީ ފުރައްސާރަކުރުމުގެ ދެ މައްސަލަ، ރޭޕްކުރުމުގެ މައްސަލައެއް، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ މައްސަލައެއް އަދި މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުންދިނުމުގެ މައްސަލައެއް ހިމެނެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 23 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފަ އެވެ.

އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 16 މައްސަލަ އާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ ހަތް މައްސަލަ އެވެ.

އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ ނުވަ މައްސަލަ މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެ އެވެ. އެއީ އަމިއްލަ ނަފްސަށް ގެއްލުން ދިން މައްސަލައަކާއި، އަމިއްލައަށް މަރުވާން ވިސްނި ފަސް މައްސަލައަކާއި އަމިއްލައަށް މަރުވާން އުޅުމުގެ ތިން މައްސަލަ އެވެ.

comment ކޮމެންޓް