ކުލި ދައްކާ މީހުންގެ ޔޫނިއަނުން ޓެނެންސީ އެކްޓަށް ހިޔާލު ހުށަހަޅައިފި

މާލޭގެ އިމާރާތްތައް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މާލޭގައި ކުލި ދައްކައިގެން އުޅޭ މީހުންގެ ޔުނިއަން މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) އިން ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ޝަކޫރާ ބައްދަލުކޮށްފިއެވެ.

އިއްޔެ ޓެނެންޓްސް ޔުނިއަނުން މިނިސްޓަރު އާތިފާއާ ބައްދަލުކުރީ ހިޔާވެހިކަމާއި އިމާރާތް ކުއްޔަށް ދިނުމުގެ އުސޫލުތައް ބަޔާންކުރާ ގާނޫނު "ޓެނެންސީ އެކްޓް"އަށް ހިޔާލު ހުށަހެޅުމަށެވެ. އެ ބިލު ޑްރާފްޓުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

ޓެނެންޓްސް ޔުނިއަންގެ މުއައްސިސު ޝާއިން ޔޫސުފް ވަނީ އިއްޔެ މިނިސްޓަރަށް ހުށަހެޅި ކަންތައްތަކާ ބެހޭގޮތުން މައުލޫމާތު ދީފައެވެ.

އެ ހުށަހެޅުންތަކުގެ ތެރޭގައި ބިންވެރިންނާއި ކުއްޔަށް އުޅޭ މީހުންނާ ދެމެދު އުފެދޭ މައްސަލަތައް ހައްލުކުރަން ޓްރައިބިއުނަލެއް އުފެއްދުން ހިމެނެއެވެ. އަދި ބިންވެރިއާއާއި ކުލި ދައްކާ މީހާއާ މައްސަލައެއް ދިމާވުމުން، ޓްރައިބިއުނަލުގައި މައްސަލަ ހިނގާ އިރު ކުލި ދައްކަން ނުޖެހޭ ގޮތަށް ޑްރާފްޓުކުރަން ހުށަހަޅާފައިވެއެވެ.

"އަޅުގަނޑުމެން ހުށަހެޅިން ޓެނަންޓުންނަށް ޓްރައިބިއުނަލްގެ މައްސަލަތަކުގައި ލީގަލް އެއިޑް [ގާނޫނީ އެހީތެރިކަން] ސަރުކާރުން ދޭން. އެއީ ލޭންޑްލޯޑެއް، ފައިނޭންޝަލީ [މާލީ ގޮތުން] މާ ވަރުގަދަ ވާނެތީ،" ޝާއިން ވިދާޅުވިއެވެ.

އޭގެ އިތުރުން، އެޑްވާންސްގެ ގޮތުގައި އެންމެ ގިނައިން ނެގޭނީ އެއް މަހުގެ ފައިސާ ކަމަށާއި، ޑިޕޮސިޓުތައް އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން ޖެހޭ ގޮތަށް ބިލު ޑްރާފްޓުކުރަންވެސް ހުށަހަޅާފައިވެއެވެ.

ކޮމިއުނިޓީ ލޭންޑް ޓްރަސްޓު ނުވަތަ ހައުސިން އެސޯސިއޭޝަންތައް މެދުވެރިކޮށް ކޮމިއުނިޓީ ބިމުގެ ކޮންސެޕްޓު ތައާރަފުކުރަންވެސް ޓެނެންސްޓްސް ޔުނިއަނުން ހުށަހަޅާފައިވެއެވެ. އަދި ބިންވެރިކަން އިތުރުކުރުމުގެ ބަދަލުގައި ސޯޝަލް ހައުސިންއަށް ބާރުދޭ ސިޔާސަތުތައް ހަދަންވެސް ހުށަހަޅާފައިވެއެވެ.

ދުވަހެއް ދުވަހަކަށް ކުލި މައްޗަށް ދާތީ އެކަން ހުއްޓުވަން ކުލި ކޮންޓްރޯލު ކުރެވޭނެ ނިޒާމެއް ބިލުގައި ހިމަނަންވެސް ޔުނިއަނުން އެދުނެވެ. އެކަމަކު، މިނިސްޓަރު އެކަމުގެ ވިސްނުމެއް ނުގެންގުޅޭކަމަށް ޔުނިއަނުން ބުންޏެވެ.

"މިނިސްޓަރުގެ އެއްވެސް ހިޔާލެއް ނެތް ރެންޓު ކޮންޓްރޯލު ކުރާކަށް. ފުރަތަމަ ކަމަކަށް މިނިސްޓަރު ބުނީ ބްލެކްމާކެޓެއް އުފެދިދާނެއޭ. ދެވަނަ ކަމަކަށް ހައުސިން ޑިމާންޑަށް ކޭޓާކުރާނެ ވަރަކަށް ސޯޝަލް ހައުސިންއެއް ނެތޭ ބުނީ،" ޝާއިން ވިދާޅުވިއެވެ.

ކުލި ކޮންޓްރޯލުކުރުން ތައާރަފުކުރާ ނަމަވެސް އެކަން ޓެނެންސީ އެކްޓުން ނުކުރެވޭނެ ކަމަށާއި އެކަން ކުރެވޭނީ އެހެން ގާނޫނަކުން ކަމަށްވެސް މިނިސްޓަރު އާތިފާއާ ހަވާލާދީ ޔުނިއަނުން ބުންޏެވެ.

އެޕާޓްމެންޓެއް ބަލަން ބިންވެރިއާ އަންނަ ނަމަ 24 ގަޑިއިރުުގެ ނޯޓިސްއެއް ދޭން ޖެހޭނެ ގޮތަށް ޑްރާފްޓުކުރަންވެސް ހުށަހަޅާފައިވެއެވެ. އަދި އެޕާޓްމެންޓުން ނުވަތަ ދިރިއުޅޭ ތަނުން ކުލި ދައްކާ މީހާ ބޭރު ކުރެވޭނެ ހާލަތްތަކާއި، ފުރިހަމަ ވާންޖެހޭ ސަލާމަތީ ސްޓޭންޑާޑުތައްވެސް ބިލުގައި ބަޔާންކުރަން ހުށަހަޅާފައިވެެއެވެ.

ޓެނެންސީ އެކްޓަށް ހިޔާލު ހޯދުމަށް ޓެނެންޓްސް ޔުނިއަންއާ ބައްދަލުކޮށްފައިވާއިރު ބައެއް އެހެން ޖަމިއްޔާތަކާވެސް އެކަމުގައި މިނިސްޓަރު އާތިފާ ވަނީ ބައްދަލުކުރައްވައިފައެވެ.

ޓެނެންޓްސް ޔުނިއަންއަކީ ކުއްޔަށް ދިރިއުޅެމުން އަންނަ މީހުންނަށް ދިމާވާ އުނދަގޫތައް ހިއްސާކުރުމަށާއި، ކުއްޔަށް ދިރިއުޅޭ މީހުންގެ އަޑަށް ރަސްމީ ސިފައެއް ގެނެސްދިނުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ.

މިއަންނަ ބުދަ ދުވަހުގެ ރޭ 8:00 ގައި އެ ޖަމިއްޔާގެ އާންމު ބައްދަލުވުން އޮންނާނެއެވެ. އެ ބައްދަލުވުން އޮންނާނީ ސޯޝަލް ސެންޓަރުގައެވެ.

comment ކޮމެންޓް