ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިންތިޒާމުކޮށްގެން މިއަހަރު ބާއްވާ 44 ވަނަ ގައުމީ ފެތުމުގެ މުބާރާތް އަންނަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމެޖެހިފައިވާ ކަމަށް ސްވިމިންގް އެސޯސިއޭޝަނުން ބުނެފި އެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވައިފަ އެވެ. އެހެން ކަމުން މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އަދި ވެސް ފުރުސަތު އޮޮތް ކަމަށް ސްވިމިންގް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.
މިފަހަރުގެ މުބާރާތުގައި ޖުމުލަ 11 ކެޓަގަރީއެއް ހިމެނެ އެވެ. އެގޮތުން މުބާރާތުގެ ސީނިއާ އަދި ޖޫނިއާ ކެޓަގަރީތަކުގެ ތެރޭގައި 50 މީޓަރު ފްރީ ސްޓައިލް އާއި 50 މީޓަރު ބެކްސްޓްރޯކް އާއި 50 މީޓަރު ބްރެސްޓްސްޓްރޯކް އާއި 50 މީޓަރު ބަޓަފްލައި އާއި 100 މީޓަރު ފްރީ ސްޓައިލް އާއި 100 މީޓަރު ބެކް ސްޓްރޯކް އާއި 100 މީޓަރު ބްރެސްޓް ސްޓްރޯކް އާއި 100 މީޓަރު ބަޓަފްލައި އާއި 200 މީޓަރު ފްރީ ސްޓައިލް އާއި 400 މީޓަރު ފްރީ ސްޓައިލް އަދި 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ ހިމެނެ އެވެ.
ސީނިއާ ކެޓަގަރީއާ ޙިލާފަށް ޖޫނިއަރ ކެޓަގަރީތަކުގެ ތެރޭގައި 50 މީޓަރު ފްރީ ސްޓައިލް އާއި 50 މީޓަރު ބެކްސްޓްރޯކް އާއި 50 މީޓަރު ބްރެސްޓްސްޓްރޯކް އާއި 50 މީޓަރު ބަޓަފްލައި އަދި 100 މީޓަރު އިންޑިވިޖުއަލް މެޑްލޭ ހިމެނޭ ކަމަށް ވެސް ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެ އެވެ.
މީގެ އިތުރުން ބީއެމްއެލް ޤައުމީ ފުރަތަމަ ކިޑްސް ސްވިމިންގް ފެސްޓިވަލް ނޮވެމްބަރު މަހު ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މިއީ މިސީރީޒްގައި ބޭއްވޭ ފުރަތަމަ ފެސްޓިވަލަށް ވާ އިރު މި މުބާރާތް ހާއްސަ ކުރެވިފައި ވަނީ 10 އަހަރުން ދަށުގެ ފެތުންތެރިންނަށެވެ. އަދި މި މުބާރާތް ކުރިއަށް ދާނީ އަންނަ މަހުގެ އެކަކުން ފެށިގެން ތިން ވަނަ ދުވަހަށް ކަމަށް ސްވިމިންގް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.
ހުޅުމާލޭގައި އަލަށް ހުޅުވި ސިންތެޓިކް ސްވިމިންގް ޕޫލްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލްގައި ބައިވެރިވުމުގެ ސުންގަޑި އަކީ 29 އޮކްޓޫބަރު 2019 ވާ އަންގާރަ ދުވަހުގެ 13:00 އެވެ.