ހައްޖު އަދި އުމްރާ ދަތުރުތަކުގައި ބައިވެރިވާ ފަންނީ މީހުންގެ ދަފްތަރެއް އެކުލަވާލަނީ

ހައްޖަށް ފުރާ ދިވެހިންތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހައްޖު ކޯޕަރޭޝަނުގެ ހައްޖާއި އުމްރާ ދަތުރުތަކުގައި ބައިވެރިވާ ފަންނީ މަސައްކަތްތެރިންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި އެވެ.

އެ ކޯޕަރޭޝަނުން ކުރި އިއުލާނެއްގައި ބުނީ ފަންނީ މަސައްކަތްތެރިންގެ ދަފްތަރުގައި ރެޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ދަފްތަރުގައި ރެޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ ފަންނީ މަސައްކަތްތެރިންގެ ދަފުތަރު އެކުލަވާލުމަށް ފަހު އެކޯޕަރޭޝަނުގެ ހައްޖާއި އުމްރާ ދަތުރުތަކުގައި ބައިވެރިކުރާނެ އެހީތެރިން ހޮވާނީ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ކަމަށެވެ.

ދަފްތަރުގައި ރެޖިސްޓްރީ ކޮށްފައިވާ ކައްކާ އިންނަށް ހައްޖު ދަތުރުތަކުގައި އިނާޔަތުގެ ގޮތުގައި 400 ޑޮލަރު އަދި އުމްރާ ދަތުރުތަކުގައި 200 ޑޮލަރު ދެ އެވެ. އަދި އިމާމަކަށް ހައްޖު ދަތުރުތަކުގައި 200 ޑޮލަރު ހަދި އުމްރާ ދަތުރުތަކުގައި 100 ޑޮލަރު އިނާޔަތުގެ ގޮތުގައި ދެ އެވެ.

ފަންނީ މަސައްކަތްތެރިންގެ ގޮތުގައި ހައްޖު ކޯޕަރޭޝަނުގައި މަސައްކަތް ކުރަނީ ވޮލަންޓްރީ ކޮށެވެ. ދަފްތަރުގައި ރެޖިސްޓްރީވާން އެދޭ ފޯމާއެކު ހައްޖު އަދި އުމްރާ ދަތުރުތަކުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދިނުމަށް އެދޭ ފޯމާއި އަޑީކާޑުގެ ކޮޕީ، ހައްޖު އަދި އުމްރާ ދަތުރުތަކުގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ނަމަ އެކަން އަންގައިދޭ ލިޔުން، ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ އަދި އެއްވެސް ވަޒީފާއެއް އަދާކުރާ ނަމަ އެކަން އަންގައިދޭ ލިޔުން ވެސް ހުށަހަޅަންޖެހެ އެވެ.

comment ކޮމެންޓް