އެމްޑީއެން އުވާނުލާތީ އުމަރު ޒާހިރު ގައުމީ ދުވަހުގެ ޖަލްސާ ބޮއިކޮޓްކުރައްވައިފި

ކުރީގެ މިނިސްޓަރު އުމަރު ޒާހިރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިސްލާމްދީނަށް ފުރައްސާރަކޮށް ރިޕޯޓެއް ނެރުނު މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާނުލާތީވެ، ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އިއްޒަތްތެރިޔާ އަދި ކުރީގެ ހައުސިންގް މިނިސްޓަރު އުމަރު ޒާހިރު މިރޭ ކުރިއަށްދާ ގައުމީ ދުވަހުގެ ޖަލްސާ ބޮއިކޮޓް ކުރައްވައިފިއެވެ.

ދައުލަތައް ގިނަ ދުވަހު ހިދުމަތް ކުރެއްވި އުމަރު ޒާހިރު މިރޭ "ސަން"އަށް ވިދާޅުވީ، އެމްޑީއެންގެ މައްސަލައަކީ ދީނީ ބޮޑު މައްސަލައެއް ކަަމަށާއި އެ ޖަމިއްޔާއާ ދޭތެރޭ ފިިޔަވަޅު ނޭޅި އެހާ ގިނަ ދުވަސްތަކެއް ވުމުން އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ޖަލްސާއަށް ދައުވަތު ލިބިވަޑައިގެންނެވި ނަމަވެސް ވަޑައިނުގަތުމަށް ނިންމެވީ އެމްޑީއެންއާ ދޭތެރޭ ފިޔަވަޅު އެޅުން ލަސްވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއީ [އެމްޑީއެންއަކީ] އިސްލާމް ދީނަށް އޮތް ވަރަށް ބޮޑު ހުރަހެއް. އެމީހުންގެ މަސައްކަތަކީ، އިސްލާމްދީން ނެތިކޮށްލުމުގެ މަސައްކަތެއް،" ޖަލްސާ ބޮއިކޮޓު ކުރެއްވި ސަބަބު ހާމަކުރައްވާ އުމަރު ޒާހިރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، އޭނާ ޖަލްސާއަށް ވަޑައިނުގަންނަވާނެކަން މިއަދު ރައީސް އޮފީހަށް އެންގެވި ކަމަށެވެ. އަދި އެމްޑީއެންއާ މެދު ވަރަށް އަވަހަށް ފިޔަވަޅު އަޅާނެކަން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު މިއަދު މެސެޖުކުރައްވައި ވިދާޅުވިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައީސް މައުމޫންގެ ސަރުކާރުގައި އެންމެ ހިންގުންތެރި އެއް މިނިސްޓަރު އުމަރު ޒާހިރަކީ މި ސަރުކާރު ގެނައުމަށްވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

އެމްޑީއެންއިން 2016 ވަނަ އަހަރު ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓަކީ، ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ ގޮތްތަކާއި، އެ ފިކުރުގެ އަސަރު ރާއްޖޭގައި އަށަގެންފައިވާ މިންވަރު ބެލުމަށްޓަކައި އެ ޖަމިއްޔާއިން ކުރި ދިރާސާއެއްގެ މައްޗަށް ނެރުނު ރިޕޯޓެކެވެ. ރިޕޯޓުގައި، އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށްފައިވާތީވެ، އެމްޑީއެން އުވާލުމަށް ގޮވައި ޝޯޝަލް މީޑިއާގައި ދަނީ ބޮޑު ކެމްޕެއިންނެއްވެސް ކުރަމުންނެވެ. އަދި އެ ޖަމިއްޔާ އުވާލުމަށް ގިނަ އަދަދެއްގެ ކައުންސިލްތަކުންވެސް ވަނީ ބަޔާން ނެރެފައެވެ.

ސަރުކާރުން އެމްޑީއެންގެ ރިޕޯޓު ކުއްވެރިކޮށްފައިވާއިރު، ފުލުހުން އެ މައްސަލަ ބަލާ ނިމެންދެން އެ ޖަމިއްޔާ މިހާރު ވަނީ ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައެވެ.

ފުލުހުން މިހާރު ދަނީ، ތަހުގީގު ބޭނުމަށް އެ ރިޕޯޓު ތިން ދީނީ އިލްވެރިން މެދުވެރިކޮށް ދިރާސާ ކުރަމުން އެވެ. ފުލުހުން ބުނެފައިވަނީ އެ ދިރާސާ ރިޕޯޓު ނިމުން ފިޔަވަޅު އަޅާނެ ކަމަށެވެ. އެ ރިޕޯޓު މި ހަފްތާތެރޭ ނިމޭނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ ރިޕޯޓުގެ ބޭނުން ބަޔަކު ދަނީ ނާޖާއިޒު ގޮތުގައި ހިފަމުނެވެ. އަދި އެކަން ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް