މުންދުއަށް ދައުވާ ނުކުރީ ނުފޫޒުން ކަމަށް ބުނެ ބިޝާމްގެ މައްސަލައެއް އޭސީސީއަށް!

ޕްރޮސެކިއުޓާ ޖެނެރަލް އާއިޝަތު ބިސާމް ---- ފޯޓޯ: ރައީސް އޮފީސް

މިނިވަން 50 ގެ ޖާފަތުގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ މިނިސްޓަރު، އަދި މިހާރު އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފް (މުންދު)ގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ ނުކުރަން ނިންމާފައިވަނީ ނާޖާއިޒު ނުފޫޒު ބޭނުންކޮށްގެން ކަމަށް ބުނެ، ޕްރޮސެކިއުޓަރ ޖެނެރަލް އާއިޝަތު ބިޝާމްގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދެއްވި ޖާފަތް ތައްޔާރުކުރަން ނިއުޕޯޓްއާ ހަވާލުކުރީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް މީގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަނުން އޮތީ ނިންމައިފައެވެ.

އެ މައްސަލައިގައި މުންދުގެ މައްޗަށް ދައުވާކުރުމަށް އޭސީސީއިން ވަނީ ޕީޖީއަށް ފޮނުވައިފައެވެ. އެ މައްސަލައިގައި ދައުވާ ނުކުރަން ޕީޖީއިން ނިންމާފައި ވަނީ އެކަށީގެންވާ ވަރަށް ހެކި ނެތްކަމަށް ބުނެއެވެ.

އަމިއްލަ ފަރާތަކުން މިއަދު އޭސީސީއަށް ހުށަހެޅި ސިޓީއެއްގައި ބުނެފައި ވަނީ އޭރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ބިޝާމްއަކީ، މިނިވަން 50 ގެ ޖާފަތް ތައްޔާރުކުރަން ނިއުޕޯޓަށް ހަވާލުކުރުމަށް ނިންމި ކޮމިޓީގައި މުންދުއާ އެކު އިންނެވި ފަރާތެއް ކަމަށެވެ.

އެހެންކަމުން އެ މައްސަލައިގައި ބިޝާމްގެ މައްޗަށްވެސް ތުހުމަތުކުރެވޭ ގޮތަށް އޮތް އިރު، އެ މައްސަލައިގައި ދައުވާ ނުކުރުމަށް އޭނާ ނިންމެވި ނިންމުމަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ އަމަލެއް ކަމުގައި އެ ސިޓީގައި ބުނެފައިވެއެވެ.

އޭސީސީއިން ބުނީ އެ ސީޓީ ލިބިފައިވާ ކަމަށެވެ. އެކަމަކު، އެ މައްސަލަ ބަލަން ނިންމި ކަމެއް އަދި އެ ކޮމިޝަނުން ނުބުނެއެވެ.

ބިޝާމް ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް އައްޔަނުކުރީ 2015 ގެ ނޮވެމްބަރު މަހުގައެވެ.

comment ކޮމެންޓް