ރެގިއުލަރައިޒުވާން ދިޔަ ބިދޭސީންގެ 90 ޕަސެންޓަކީ ޕާސްޕޯޓް ނެތް މީހުން: އިކޮނޮމިކް މިނިސްޓްރީ

އިކޮނޮމިކް މިނިސްޓްރީން ކުރިއަށްގެންދާ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ ޕްރޮގްރާމްގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް އިކޮނޮމިކް މިނިސްޓްރީ އިން ކުރިއަށް ގެންދާ 'ރެގިއުލަރައިޒޭޝަން ޕްރޮގްރާމް' އަށް ދިޔަ ބިދޭސީންގެ ތެރެއިން 90 ޕަސެންޓް މީހުންގެ އަތުގައި ޕާސްޕޯޓެއް ނެތް ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މައްސަލައާ ގުޅޭ ގޮތުން ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ އިން މިއަދު ބޭއްވި ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ނާޒިމާ ވިދާޅުވީ، ރާއްޖޭގައި ގަވާއިދާ ޚިލާފަށް ބިދޭސީން އުޅޭ މައްސަލައަށް ހައްލެއް ގެނައުމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެމީހުންގެ އަތުގައި ލީގަލް ޑޮކިއުމަންޓެއް ނެތުން ކަމަށެވެ.

"މީގައި އެންމެ ބޮޑު އެއް ޗެލެންޖަކީ މި މީހުންގެ ތެރެއިން ގާތްގަނޑަކަށް 90 ޕަސެންޓަކީ ޕާސްޕޯޓު ނެތް މީހުން. ގިނައީ ބަންގްލަދޭޝްގެ މީހުން... ދެން އަޅުގަނޑުމެން [ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން] މަދުކުރަން ކިތަންމެ ވަރަކަށް ހިފިޔަސް ޓްރެވަލް ޑޮކިއުމަންޓެއް ނެތިއްޔާ އެމީހުން ރާއްޖޭން ބޭރުކޮށްލެވޭނެ ގޮތެއް ނޯވޭ." ނާޒިމާ ވިދާޅުވި އެވެ.

ނާޒިމާ ވިދާޅުވީ އާންމުކޮށް ލިބޭ ވަރަށް ވުރެ އަވަހަށް ޕާސްޕޯޓް ނެތް ފަރާތްތަކަށް ޕާސްޕޯޓު ހޯދައި ދިނުމަށް ޓަކައި އިކޮނޮމިކް މިނިސްޓްރީއާއި ފޮރިން މިނިސްޓްރީން ހުރިހާ ހައި ކޮމިޝަންތަކާ ބައްދަލު ކުރި ކަމަށެވެ.

އެ ބައްދަލުވުންތަކުގައި ބައެއް މީހުންނަށް ޕާސްޕޯޓް ހަމަޖައްސައިދޭން ތިން މަހާއި ހަ މަސް، ނުވަތަ އެއަށް ވުރެ ދިގު މުއްދަތެއް ނަގާފާނެ ކަމަށް ބަންގްލަދޭޝް ހައި ކޮމިޝަނުން ބުނި ކަމަށް ނާޒިމާ ވިދާޅުވި އެވެ.

އަދި ޕާސްޕޯޓް ލިބެންދެން އެމީހެއްގެ ފަރާތުން ވޯކް ޕާމިޓް ފީގެ ގޮތުގައި ސަރުކާރަށް ލިބެން ޖެހޭ ފީ ލިބޭ ގޮތަށް ދިވެއްސެއްގެ ހިޔާވަހިކަމުގެ ދަށުގައި ބެހެއްޓޭތޯ ބަލަމުންދާ ކަމަށް ނާޒިމާ ވިދާޅުވި އެވެ.

ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގައި އެޕޮއިންޓްމަންޓް ދޫކުރި މީހުންގެ ތެރެއިން 90 ޕަސެންޓް މީހުންގެ އަތުގައި ޕޯސްޕޯޓެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ އިރު، އެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 14،000 ބިދޭސީންނަށް ވަނީ އެޕޮންޓްމަންޓް ދޫކޮށްފަ އެވެ.

comment ކޮމެންޓް