ހިބަޅިދޫ މައްސަލައިގައި ފަނޑިޔާރުން ރިޝްވަތަށް އެދުނުތޯ ބަލަން ޕޮލިހަށް ހުށަހަޅައިފި

އޮކްޓޯބަރ 1، 2019: ދިވެހި ރާއްޖޭގެ ހައި ކޯޓުން މީހަކު ނިކުނަންނަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިބަޅިދޫ މައްސަލަ، ބިޒްނާސް މޯލްޑިވްސްއާ އެއްކޮޅަށް ނިންމަން ފަނޑިޔާރުން ރިޝްވަތަށް އެދުނުކަމަށް ތުހުމަތުކުރެވިފައި ވާތީ، އެކަން ބަލައިދިނުމަށް ހައިކޯޓުގެ ފަނޑިޔާރުންގެ ފަރާތުން ޕޮލިހުގައި އެދިއްޖެއެވެ.

ހައިކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ
ހައިކޯޓުގެ ފަނޑިޔާރުންގެ ފަރާތުން އެކަމަށް އެދުނީ މިއީ ވަރަށް ސީރިއަސް މައްސަލައަކަށް ވާތީ ކަމަށެވެ.

އެގޮތުން ފަނޑިޔާރުންގެ ފަރާތުން ކަމަށް ބުނެ، މައްސަލަ ވަކިގޮތަކަށް ނިންމުމަށް ރިޝްވަތު ހޯދުމަށް އެދި ގޮސްފައިވަނީ ކޮންބައެއްތޯއާ، ނޭނގޭ ބަޔަކު ކަމަށް ބުނެ ގުޅި ފަރާތްތަކުގެ ފޯނު ނަންބަރުތަކަކީ ކޮބައިތޯ އަދި އޭރުގެ ޓުއަރިޒަމް މިނިސްޓަރުގެ ހަރަދުގައި ދަތުރު ކުރެއްވި ފަނޑިޔާރުންނަކީ ކޮބައިތޯ ބައްލަވައި ދެއްވައި، އެކަމުގެ ފުރިހަމަ ތަހުގީގެއް ކޮށްދިނުމަށް ހައިކޯޓުން މިއަދުވާނީ ފުލުހުންގެ ކިބައިން އެދިފައެވެ.

ހައިކޯޓުން ބުނީ މި ފަދަ މައްސަލަތައް ބެލެން ޖެހެނީ، މިއީ ސީދާ މުޅި ޝަރުއީ ދާއިރާގެ އިތުބާރާ ގުޅިފައިވާ މައްސަލައަކަށް ވެފައި، މި ފަދަ ކަންކަން ބެލުމަކީ ދާއިރާގެ އިތުބާރު ހިފެހެއްޓުމަށްޓަކައި ކުރަން ޖެހޭ ކަމަކަށްވާތީ ކަމަށެވެ.

މައްސަލައިގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުމެއް ދެއްވުމަށް ހައިކޯޓުގެ ފަނޑިޔާރުން ތައްޔާރަށް ތިއްބެވި ކަމަށް ކޯޓުގެ ބަޔާނުގައިވެއެވެ.

ހިބަޅިދޫ މައްސަލަ ވަކި ގޮތަކަށް ނިންމުމަށްޓަކައި ފަނޑިޔާރުން ރިޝަވަތަށް އެދުނު ކަމަށް ތުހުމަތު ކުރެއްވީ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. މަޖިލީހުގެ ކޮމިޓީއެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށާއި ވިޔަފާރިވެރިންނަށް އޮތް އެންމެ ބޮޑު ހުރަހަކީ ޝަރުއީ ދާއިރާ ކަމަށާއި ވިޔަފާރީގެ ބޮޑެތި މައްސަލަތައް ވެސް ވަކި ގޮތަކަށް ނިންމުމަށް ފަނޑިޔާރުން ރިޝްވަތަށް އެދޭ ކަމަށެވެ.

ލެޓްސް ގޯ މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ރިޔާޒު، 2011 ވަނަ އަހަރު ހިބަޅިދޫ ކުއްޔަށް ނެގުމަށް ފަހު، އޭނާގެ އެހެން ކުންފުންޏެއް ކަމަށްވާ ބިޒްނަސް މޯލްޑިވްސްގެ ނަމަށް އެ ރަށް ވަނީ ރަޖިސްޓްރީ ކޮށްފަ އެވެ.

އެ ރަށުގައި ރިސޯޓެއް ތަރައްގީ ކުރަން 2014 ވަނަ އަހަރު ހުއްދަ ދީފައިވަނިކޮށް، 2015 ވަނަ އަހަރު އެ ރަށުން ހަތިޔާރު ފެނިގެން އެ ރަށް ބަންދު ކުރުމަށްފަހު، އެ ރަށް ތަރައްގީ ކުރަން ދައުލަތުން ބިޒްނަސް މޯލްޑިވްސްއާއެކު ހަދާފައިވާ އެއްބަސްވުން ވަނީ އުވާލާފަ އެވެ.

އެއްބަސްވުން ބާތިލުކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް ބިޒްނަސް މޯލްޑިވްސްއިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން ކޯޓުން ވަނީ އެގޮތަށް ނިންމާފަ އެވެ. ނަމަވެސް ސިވިލް ކޯޓުގެ ނިންމުން ދައުލަތުން ވަނީ މަތީ ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.

comment ކޮމެންޓް