ބަޣްދާދީ މަރާލި ކަމުގެ އަޑުތަކެއް ފެތުރެން ފަށައިފި

އައިއެސް ޖަމާއަތުގެ ލީޑަރު އަބޫބަކްރުލްބަޣްދާދީ --- ފޮޓޯ : އިންޑިޕެންޑެންޓް

އައިއެސް ޖަމާއަތުގެ ލީޑަރު އަބޫބަކްރުލްބަޣްދާދީ މަރާލި ކަމުގެ ހަބަރުތަކެއް ފެތުރެން ފަށައިފި އެވެ.

ބޭރުގެ ބައެއް ނޫސްތަކުން ބުނަމުން ދަނީ އެމެރިކާގެ އަސްކަރިއްޔާއިން ސީރިއާގެ އިދްލިބްގައި ހިންގި އޮޕަރޭޝަނެއްގައި ބަޣްދާދީ މަރާލާފައިވާ ކަމަށެވެ.

އެމެރިކާގެ އަސްކަރިއްޔާގައި ހަރަކާތްތެރިވާ ފަރާތެއް ފޮކްސް ނިއުސް އަށް ކަށަވަރުކޮށްދީފައިވާގޮތުގައި އައިއެސްގެ "މުހިއްމު އިސް" ފަރާތެއް ވަނީ މަރާލާފަ އެވެ.

ނަމަވެސް އެ އޮޕަރޭޝަންގައި މަރާލާފައިވާ މީހެއްގެ މައުލޫމާތެއް އެމެރިކާގެ އަސްކަރިއްޔާއިން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އަސްކަރީގައި ހަރަކާތްތެރިވާ ފަރާތާ ހަވާލާދީ ފޮކްސް ނިއުސް އިން ބުނެފައިވަނީ އަސްކަރީ އޮޕަރޭޝަން ކުރިއަށްދަނީ ސީރިއާގެ އަވަށެއް ކަމަށްވާ އިދްލީބްގައި ކަމަށެވެ.

މި ވާހަކަތައް ފެތުރި އާންމުންގެ މެދުގައި ބޮޑެތި ސުވާލުތަކެއް އުފެދިފައިވަނީ އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަމްޕް ރޭގައި ކުރެއްވި ޓްވީޓެއްގެ ސަބަބުންނެވެ.

ޓްރަމްޕް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ "ވަރަށް ބޮޑު ކަމެއް ހިނގައިފި" ކަމަށެވެ. އެއާއެކު އެތައް ބަޔަކު ވަނީ އެއީ ކޮން ކަމެއް ކަން ދިމާކުރަން މަސައްކަތްކޮށްފައެވެ.

ހަމަ އެއާއެކު ވައިޓް ހައުސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނިއުޔޯކް ގަޑިން، އާދިއްތަ ދުވަހުގެ 9:00 ޖަހާއިރު "ބޮޑު" ޚަބަރެއް އިއުލާނުކުރާނެ ކަމަށެވެ. އެއީ ރާއްޖޭ ގަޑިން މިރޭ 6:00 އެވެ.

comment ކޮމެންޓް