ފަނޑިޔާރު އާދަމް މުހައްމަދުގެ ސުލޫކީ މައްސަލައިގެ އަޑުއެހުން ފަސްކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން ދާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ގެ ސުލޫކީ މައްސަލައިގެ އަޑު އެހުން ބުދަ ދުވަހު ބާއްވާ ގޮތަށް ފަސްކޮށްފި އެވެ.

އެ އަޑުއެހުން ފަސްކުރި ސަބަބެއް ޖޭއެސްސީއިން ސާފުކޮށެއް ނުދެ އެވެ. ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ ސުލޫކީ މައްސަލައިގެ އަޑުއެހުން ކުރިން ބާއްވަން ނިންމާފައި އޮތީ މާދަމާ އެވެ.

ފަނޑިޔާރު އާދަމްގެ އަޑުއެހުން ބޭއްވުމަށް ނިންމާފައިވަނީ އާންމުކޮށް ހުޅުވާލައިގެން ޕޯސްޓު ބިލްޑިންގެގެ ހަވަނަ ފަންގިފިލާގައެވެ. އެގޮތަށް ހުޅުވާލައިގެން އަޑުއެހުން ބޭއްވުމަށް ނިންމާފައިވަނީ ފަނޑިޔާރުގެ އެދުމަކަށެވެ.

އެ އަޑުއެހުމަށް ގަޑިޖެހުމުގެ 15 މިނެޓްކުރިން އައިޑީކާޑާއެކު އައިސް ނަންނޯޓު ކުރުމުން އާންމުންނަށް ވަދެވެއެވެ.

މީގެ ކުރިން ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލަ ބަލައި ޖޭއެސްސީއިން ވަނީ އޭނާއަށް ނަސޭހަތް ދޭން ނިންމައިފަ އެވެ. ނަމަވެސް އެ ނަސޭހަތް އެނާ ގަބޫލު ނުކުރުމުން، އެއީ ސުލޫކީ މައްސަލައެއް ކަމަށް ނިންމައި މިހާރު ޖޭއެސްސީއިން ބަލަމުން ދަނީ ނަސޭހަތް ގަބޫލު ނުކުރި މައްސަލަ އެވެ.

މީގެ ކުރިން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު، އަބްދުﷲ ދީދީގެ މައްސަލަވެސް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔައެވެ. އެ މައްސަލަ ބަލައި ފަނޑިޔާރު އަބްދުﷲ ދީދީ ފަހުން ވަނީ މަގާމުން ވަކިވެސްކޮށްފައެވެ.

comment ކޮމެންޓް