ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރަން މަސައްކަތް ފަށަނީ

އޮކްޓޫބަރ 25، 2019: ރާއްޖޭގައި ކަނޑުގެ އުޅަނދުތަކަށް ހާއްސަ އެންމެ ބޮޑު އެގްޒިބިޝަން "މޯލްޑިވްސް މެރިން އެކްސްޕޯ 2019"ގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ކަންތައްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އަލް ޝާލީ މެރިން މޯލްޑިވްސްއާއި މެރިން އިކުއިޕްމަންޓްސްއިން އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

އެކަމަށްޓަކައި މޯލްޑިވްސް މެރިން އެކްސްޕޯގެ ތެރެއިން ބޭއްވި ރަސްމިއްޔާތުގައި އަލް ޝާލީގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ކުންފުނީގެ އޮޕަރޭޝަންސް މެނޭޖަރު އިސްމާއިލް ޝަރީފް އެވެ. އަދި މެރިން އިކުއިޕްމަންޓްސްގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ކުންފުނީގެ ޑިރެކްޓަރު އަހްމަދު އަޒްމީލް އެވެ.

އެ އެއްބަސްވުމާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ ކަނޑުމަތީގައި ދިމާވާ ހާދިސާތައް މަދު ކުރުމަށްޓަކައި ދެ ކުންފުނި ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.

"ބޯޓް އިކުއިޕްމަންޓް ވިއްކާ ފަރާތް [މެރިން އިކުއިޕްމަންޓްސް] އަދި ބޯޓް ބިލްޑަރ [އަލް ޝާލީ މެރިން މޯލްޑިވްސް] އާއި ގުޅިގެން ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބަލާނަން. އަދި އެކަންތައްތަކަށް އަލިއަޅުވާ، ކުރިއަށް އޮތް ތަނުގައި ބޯޓް ސޭފްޓީގެ ކަންތައްތައް ރަނގަޅުކޮށް، ބޯޓުން ދަތުރުކުރާ ފަސިންޖަރުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކުރެވޭނެ ކަންތައްތައް ހަރުދަނާ ކުރާނަން." ޝަރީފް ވިދާޅުވި އެވެ.

އަލް ޝާލީ މެރިން މޯލްޑިވްސްއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޯޓު ބަނުމުގެ މަސައްކަތް ކުރާ ކުންފުންޏެވެ. އަދި މެރިން އިކުއިޕްމަންޓްސް ޕްރައިވެޓް ލިމިޓެޑަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކަނޑުއުޅަނދު ފަހަރަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދޭ ކުންފުންޏެވެ.

comment ކޮމެންޓް