އެލިއާއިން ވިއްކާ ޔަމަހާ ބްރޭންޑުގެ އައުޓްބޯޑް އިންޖީނުތަކަށް ހާއްސަ ދެ ޕްރޮމޯޝަނާއެކު ޔަމަހާގެ އާ ދެ އުފެއްދުމެއް ރާއްޖޭގެ މާކެޓަށް ތައާރަފުކޮށްފި އެވެ.
އާ އުފެއްދުންތަކާއެކު އެލިއާއިން އެ ދެ ޕްރޮމޯޝަން ފެށީ މިހާރު ކުރިއަށްދާ މޯލްޑިވްސް މެރިން އެކްސްޕޯގެ ތެރެއިންނެވެ.
އެ ޕްރޮޑަކްޓްތަކާ ބެހޭ މައުލޫމާތު "ސަން"އަށް ދެއްވަމުން އެލިއާގެ ސީނިއާ މާކެޓިންގް އެގްޒެކެޓިވް އަހްމަދު ފިރުޝާން ވިދާޅުވީ، އަލަށް ތައާރަފުކުރި އިންޖީނަކީ ދިވެހި ކަނޑުތަކުގައި ޓެސްޓު ކުރުމަށްފަހު ތައާރަފުކުރި ޔަމަހާ ބްރޭންޑުގެ 300 ހޯސްޕަވަރުގެ ކޮމާޝަލް އިންޖީނެއް ކަމަށެވެ. އަދި އޭގެ އިތުރުން ހަމަ އެ ބްރޭންޑުގެ ޖަނަރޭޓަރުތަކެއް ވެސް މެރިން އެކްސްޕޯގެ ތެރެއިން ތައާރަފްކޮށްފައިވާ ކަމަށް ފިރުޝާން ވިދާޅުވި އެވެ.
"މިއީ ޔަމަހާ ބްރޭންޑުގެ ޖަނަރޭޓަރު ރާއްޖެއަށް ތައާރަފުކުރި ފުރަތަމަ ފަހަރު. މި ޖަނަރޭޓަރުތަކުގެ ދެ ކިލޯވޮޓް، ހަ ކިލޯވޮޓް އަދި 14 ކިލޯވޮޓްގެ ޖަނަރޭޓަރު އެލިއާއިން ލިބޭނެ. މީގެ ތެރެއިން ދެ ކިލޯވޮޓްގެ ޖަނަރޭޓަރަކީ ޕޯޓަބަލް ޖަނަރޭޓަރެއް،" ފިރުޝާން ވިދާޅުވި އެވެ.

ރާއްޖެއަށް އަލަށް ތައާރަފުކުރި ޔަމަހާ ޖަނަރޭޓަރުތައް-- ފޮޓޯ: އެލިއާ
މީގެ އިތުރުން އެލިއާއިން ވިއްކާ ޔަމަހާ ބްރޭންޑުގެ ޓޫ ސްޓްރޯކް އަދި ފޯ ސްޓްރޯކުގެ އައުޓްބޯޑް އިންޖީނުތަކަށް ހާއްސަ ދެ ޕްރޮމޯޝަނެއް ވެސް އެލިއާއިން ވަނީ ފަށާފަ އެވެ.
އެގޮތުން މެރިން އެކްސްޕޯގެ ތެރެއިން އިތުރު އެއްވެސް ލިޔެކިޔުމަކާ ނުލައި، ހަމައެކަނި އައިޑީކާޑު ކޮޕީއެއް ހުށަހަޅައިގެން ޓޫ ސްޓްރޯކުގެ އިންޖީނު، އިންސްޓޯލްމަންޓަށް ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
މި އެކްސްޕޯގައި 60 ހޯސްޕަވަރުން ދަށުގެ ހަތަރު ސްޓްރޯކް އިންޖީން ގަންނަ ފަރާތްތަކަށް 18 މަސް ދުވަހަށް އިންސްޓޯލްމަންޓް ބަހާލުމުގެ ފުރުސަތު ލިބޭނެ އެވެ.
މި ޕްރޮމޯޝަންގައި އިންޖީނު ގަންނަ ފަރާތްތަކުން އައިޑީކާޑު ކޮޕީގެ އިތުރުން ބޭންކް ސްޓޭޓްމަންޓް، ވަޒީފާ އަދާކުރާކަމުގެ ލިޔުން އަދި ރަހުނުގެ ގޮތުގައި ލޯންޗްގެ ރަޖިސްޓްރީ ހުށަހަޅަން ޖެހޭނެ އެވެ.

އެލިއާއިން ވިއްކާ ޔަމަހާ ބްރޭންޑްގެ ބައެއް އައުޓްބޯޑް އިންޖީނުތައް-- ފޮޓޯ: އެލިއާ
އެލިއާއަކީ ޔަމަހާ ބްރޭންޑުގެ އުފެއްދުންތަކުގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރެވެ. ޔަމަހާ ބްރޭންޑުގެ އައުޓްބޯޑް އިންޖީނާއި ޖަނަރޭޓަރުގެ އިތުރުން އެލިއާއިން ވިއްކާ ޔަމަހާ އުފެއްދުންތަކުގެ ތެރޭގައި ޖެޓް ސްކީ އާއި ޖެނުއިން ސްޕެއާ ޕާޓްސް ހިމެނެ އެވެ.