ބަންގުލަދޭޝްގައި ދަރިވަރަކު މަރާލި މައްސަލައިގައި، 16 މީހަކަށް މަރުގެ ހުކުމް

ނުސްރަތަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ބޭއްވި އެއްވުމެއް -- ފޮޓޯ: އޭއެފްޕީ

ޑާކާ (އޮކްޓޯބަރު 24): ބަންގުލަދޭޝްގައި ޖިންސީ ގޯނާ ރިޕޯޓު ކުރި 19 އަހަރުގެ އަންހެން ކުއްޖަކު މިދިޔަ އޭޕްރިލް މަހު މަރާލި މައްސަލައިގައި 16 މީހަކު މަރަން ހުކުމްކޮށްފި އެވެ.

ބަންގުލަދޭޝްގެ ފެނީގައި ހުންނަ ދީނީ ސްކޫލެއްގައި ކިޔަވަމުން ދިޔަ ނުސްރަތު ޖަހަން ރަފީއަށް ޖިންސީ ގޯނާ ކުރި ކަމަށް އޭނާ ރިޕޯޓު ކުރީ އެސްކޫލުގެ ހެޑްމާސްޓަރެވެ.

އެމައްސަލައިގައި ސްކޫލުގެ ހެޑްމާސްޓަރު ހައްޔަރު ކުރި އެވެ. ނަމަވެސް ނުސްރަތު ފުލުހުންނަށް ދިން ބަޔާނުގެ ވީޑިއޯއެއް ފުލުހަކު ނެގި އެވެ. އަދި އެވީޑިއޯ ލީކުވުމުގެ ސަބަބުން، ސްކޫލުގެ ހެޑްމާސްޓަރު ހައްޔަރު ކުރުމާއެކު އަވަށުގެ ރައްޔިތުންގެ ނުރުހުން އަމާޒުވީ އެކުއްޖާއަށެވެ.

އެހެންނަމަވެސް މައްސަލަ ރިޕޯޓު ކުރިތާ 11 ދުވަސް ފަހުން، އޭޕްރިލް ހަޔެއްގައި ނުސްރަތު ސްކޫލަށް ދިޔަ އެވެ. އަދި އެދުވަހު ބަޔަކު އެކުއްޖާގެ ގައިގައި ރޯކޮށްލި އެވެ. އޭގެ ހަތަރު ދުވަސް ފަހުން ނުސްރަތަށް ލިބުނު އަނިޔާތަކުގެ ސަބަބުން އެކުއްޖާ މަރުވި އެވެ. ނަމަވެސް އޭގެ ކުރިން ނުސްރަތު ވަނީ އެހާދިސާ ހިނގާ ދިޔަ ގޮތާއި، އޭނާއަށް ހަމަލާ ދިން ބައެއް މީހުންގެ ނަން ހާމަކޮށްފަ އެވެ.

އެމައްސަލައިގެ ޝަރީއަތުގައި މަރަން ހުކުމްކޮށްފައިވާ މީހުންގެ ތެރޭގައި ސްކޫލުގެ ހެޑްމާސްޓަރާއި ދެ ދަރިވަރުން ހިމެނެ އެވެ. ފުލުހުން ބުނި ގޮތުގައި ނުސްރަތު މަރަން އެންގީ ހެޑްމާސްޓަރެވެ.

ނުސްރަތުގެ އާއިލާއިން ވަނީ އެހުކުމަށް މަރުހަބާ ކިޔާފަ އެވެ. އަދި ވީހާވެސް އަވަހަކަށް ހުކުމް ތަންފީޒު ކުރުމަށް އެދިފަ އެވެ.

އެހާދިސާއަށް ފަހު ބަންގުލަދޭޝްއިން ވަނީ ސްކޫލުތަކުގައި ޖިންސީ އަނިޔާ ކުރުން ހުއްޓުވުމަށް ކޮމިޓީތައް ހެދުމަށް އަންގާފަ އެވެ.

comment ކޮމެންޓް