ސާކް ޑިވެލޮޕްމެންޓް ފަންޑުގެ ހަވަނަ ކައުންޓަޕާޓް މީޓިން ފަށައިފި

ސާކް ޑިވެލޮޕްމެންޓް ފަންޑުގެ ހަވަނަ ކައުންޓަޕާޓް މީޓިން އިއްޔެ ވަނީ ފަށާފަ -- ފޮޓޯ: ސާކް ޑިވެލޮޕްމެންޓް ފަންޑު

ސާކް ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް)ގެ ކައުންޓަޕާޓް އޭޖެންސީތަކުގެ ހަ ވަނަ ބައްލަވުން އިއްޔެ މާލޭގައި ފަށައިފި އެވެ.

ސާކްގެ ގައުމުތަކުގެ ފިނޭންސް މިނިސްޓްރީގެ އޮފިޝަލުން ހިމެނޭ ކައުންޓަޕާޓް އޭޖެންސީތަކުގެ ބައްދަލުވުމުގައި "މިސަރަހައްދުގެ ގައުމުތަކުގެ ގުޅުމާއި އިގުތިސާދީ އެއްބާރުލުން އިތުރު ކުރުމާ" ބެހޭ ގޮތުން މަޝްވަރާ ކުރާނެ އެވެ.

އެބައްދަލުވުންތައް ފެށުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ރާއްޖެއިން އެސްޑީއެފްއާ އެކު މަސައްކަތް ކުރާ މިންވަރާއި ރާއްޖޭގައި އެސްޑީއެފްގެ މަޝްރޫއުތައް ހިންގާ މިންވަރު އިތުރު ކުރާނެ ކަމަށް ވިދާޅުވި އެވެ.

މާދަމާގެ ނިޔަލަށް ކުރިއަށްދާނެ އެ ބައްދަލުވުންތަކުގައި ސާކުގެ ގައުމުތަކުގައި އެސްޑީއެފްއިން ފަންޑުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ކުރިއެރުން ބަލާ، އެމަޝްރޫއުތައް ތަންފީޒު ކުރުމުގައި ދިމާވާ ގޮންޖެހުންތައް ހިއްސާ ކުރާނެ އެވެ.

އަދި އެބައްދަލުވުމުގައި މެމްބަރު ގައުމުތަކުން ވަނީ މުސްތަގުބަލުގައި އެސްޑީއެފްއިން މަޝްރޫއުތައް ކުރިއަށްގެންދެވިދާނެ ދާއިރާތަކުގެ ތެރޭގައި ހަކަތަ އާއި އިންފްރާސްޓްރަކްޗާ އާއި ދަނޑުވެރިކަމާއި ކުނި މެނޭޖު ކުރުމާއި ފަތުރުވެރިކަމާއި ކަނޑުގެ އުފެއްދުންތައް ފާހަގަކޮށްފަ އެވެ. އަދި އެސްޑީއެފްއިން ލޯނު ދިނުމުގައި ހުރި ގޮންޖެހުންތައްވެސް ފާހަގަކޮށްފަ އެވެ.

ސާކް ޑިވެލޮޕްމަންޓް ފަންޑަކީ ސާކްގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުން ހަލުއިކޮށް، ފަގީރުކަން ނައްތާލުމުގެ މަގްސަދުގައި، 2010 ވަނަ އަހަރު ގާއިމުކުރި ފަންޑެކެވެ. މި ފަންޑުން މިހާތަނަށް މެންބަރު ގައުމުތަކަށް 47 މިލިއަން ޑޮލަރުގެ އެހީ ދީފައި ވެއެވެ.

comment ކޮމެންޓް