ސައުދީ އަރަބިއާއަށް އަނެއްކާ ވެސް އާ ފޮރިން މިނިސްޓަރެއް

ސައުދީ އަރަބިއާގެ ފޮރިން މިނިސްޓަރު ކަމަށް ޖަރުމަނުގެ ސަފީރު ފައިސަލް ބިން ފަރުހާން އަލް ސައުދު ވަނީ އައްޔަންކޮށްފައި -- ފޮޓޯ: ރޮއިޓާސް

ރިޔާޒު (އޮކްޓޯބަރު 24): ސައުދީ އަރަބިއާގެ ފޮރިން މިނިސްޓަރުގެ މަގާމަށް އިބްރާހިމް އަލް އައްސާފް އައްޔަން ކުރިތާ އެއް އަހަރު ވެސް ނުވަނީސް، އެމަގާމަށް އާ ބޭފުޅަކު އައްޔަންކޮށްފި އެވެ.

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު ނެރުއްވި އަމުރެއްގައިވާ ގޮތުން މިހާރު ފޮރިން މިނިސްޓަރު ކަމަށް އައްޔަންކޮށްފައި ވަނީ މީގެ ކުރިން ޖަރުމަނުގެ ސަފީރުގެ ގޮތުގައި ހުންނެވި ފައިސަލް ބިން ފަރުހާން އަލް ސައުދު އެވެ.

އަދި މިދިޔަ ޑިސެމްބަރު މަހު އެމަގާމަށް އައްޔަން ކުރި އައްސާފު މިހާރު ވަނީ މިނިސްޓާ އޮފް ސްޓޭޓު ކަމަށް އައްޔަންކޮށްފަ އެވެ. އޭނާ މިނިސްޓަރު ކަމަށް އައްޔަން ކުރީ ތުރުކީގައި ސަައުދީ ނޫސްވެރިޔާ ޖަމާލް ހާޝުގްޖީ މަރާލިތާ ދެމަސް ފަހުން ސަރުކާރަށް ގެނައި ބަދަލުތަކުގެ ތެރޭގަ އެވެ.

ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އޭރު ފޮރިން މިނިސްޓަރު ކަމުގެ ހުންނެވި އާދިލް އަލް ޖުބައިރު މަގާމުން ދުރު ކުރީ، ހާޝުގްޖީގެ މަރުގެ މައްސަލައިގައި ސައުދީ ދިފާއު ކުރުމަށް މިނިސްޓަރު އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރައްވާ ކަމަށް ބެލެވޭތީ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިސްތަންބޫލުގައި ހުންނަ ސައުދީ އެމްބަސީގައި ހާޝުގްޖީ މަރާލި އިރު، ފަރުހާން ހުންނެވީ އެމެރިކާގައި ހުންނަ ސައުދީ އެމްބަސީގައި އެޑްވައިޒަރެއްގެ ގޮތުގަ އެވެ. އަދި އޭނާއަކީ ހުޅަނގުގެ ގައުމުތަކާ ގާތް ގުޅުމެއް ބާއްވާ ބޭފުޅެއް ކަމަށް ޔޫރަޕިއަން ކައުންސިލްގެ މިޑުލް އީސްޓް އެނެލިސްޓަކު ވިދާޅުވި އެވެ.

ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް ފާޑު ކިޔާފައިވާ ހާޝުގްޖީ މަރާލީ ވަލީއަހުދުގެ އަމުރަށް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރި ނަމަވެސް، އެގައުމުން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ.

comment ކޮމެންޓް