އައްޑޫ ސިޓީގައި ހިންގަން ރާވާފައިވާ ކަރަންޓުގެ މަޝްރޫއު ނިމުމުން ކުރިއަށް އޮތް 15 އަހަރުގައި އެ ސިޓީއަށް ކަރަންޓުގެ އެއްވެސް މައްސަލައެއް ދިމާ ނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އައްޑޫ ކަރަންޓް މަޝްރޫއުގެ ފްރޭމްވަރކް އެގްރިމަންޓްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ، އައްޑޫ ސިޓީއަކީ ރާއްޖޭގެ އިކޮނޮމިކް އެއް ހަބްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، އެ ސިޓީގެ އިގްތިސާދީ ތަރައްގީއަށް ކަރަންޓަކީ ވަރަށް މުހިންމު އެއްޗެއް ކަމަށެވެ.
"އާންމު ރައްޔިތުންގެ ކަރަންޓުގެ ކަންކަމުގެ އިތުރުން އިކޮނޮމިކް އެކްޓީވިޓީ ކުރިއަށް ގެންދިއުމަށް ވެސް ކަރަންޓުގެ މައްސަލަ ހައްލުވާން އެބަ ޖެހޭ. އަޅުގަނޑުމެން ދެކޭ ގޮތުގައި މި ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވިއްޖެ ކަމަށް ވަންޏާ، އައްޑޫ ސިޓީގައި މި ގެންނަ ތަރައްޤީއާ އެއްކޮށް ކުރިއަށް މި އޮތް 15 ވަރަކަށް އަހަރުގައި ކަރަންޓުގެ ހަމަ އެއްވެސް މައްސަލައެއް އިރާދަކުރެއްވިއްޔާ އިތުރަކަށް ދިމައެއް ނުވާނެ." މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.
ބޭރުގެ ލޯނު އެހީގެ ދަށުން ހިންގާ 37.5 މިލިއަން ޑޮލަރު (578.25 މިލިއަން ރުފިޔާ)ގެ އެ މަޝްރޫއު ޗައިނާގެ ޑޮންގްފެންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާ ހަވާލުކޮށްފައިވަނީ ބިޑު ކުރުމުގެ ދައުވަތަކާ ނުލައި، ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލު (އަންސޮލިސިޓަޑް ޕްރޮޕޯސަލްސް ޕޮލިސީ) ގެ ދަށުން އެވެ.
އެ އުސޫލުގެ ދަށުން މި މަޝްރޫއުގެ އަގު ކަމަށްވާ 37.5 މިލިއަން ޑޮލަރު، ލޯނެއްގެ ގޮތުގައި ހަމަޖައްސާނެ ބޭންކެއް ހަމަޖައްސަން ޖެހޭނީ ޑޮންގްފެންގް ކުންފުނިންނެވެ.
އެ ލޯނަށް ފައިސާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ކަނޑައަޅާފައިވާއިރު، ގްރޭސް ޕީރިއަޑު ނޫނީ ލޯނު ދައްކަން ފަށަން ޖެހޭ މުއްދަތުގެ ގޮތުގައި ކަނޑައަޅާފައިވަނީ މަޝްރޫއު ނިމި ބޭނުން ކުރަން ފަށާތާ، ދެ އަހަރު ފަހެވެ.