މިނިމަމް ވޭޖް ކަނޑައަޅަންވާނީ ހަމައެކަނި ދިވެހީންނަށް: ސިޔާމް

މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ މަޖިލިސް

މިނިމަމް ވޭޖް ނުވަތަ މުވައްޒަފުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރައެއް ކަނޑައަޅާ ނަމަ، އެ އުޖޫރަ ކަނޑައަޅަން ވާނީ ހަމައެކަނި ދިވެހީންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ސިޔާމް ވިދާޅުވީ އިގްތިސޯދަކީ އަބަދު ވެސް ސަޕްލައި އެންޑް ޑިމާންޑަށް ދައުރުކުރާ އެއްޗެއް ކަމަށާއި އެނޫން ގޮތަކަށް އިގްތިސޯދުގެ އެއްވެސް އެއްޗެއް ކަނޑައަޅައިފި ނަމަ، އެ އިގްތިސޯދެއް ހަލާކުވެގެންދާނެ ކަމަށެވެ.

ސިޔާމް ވިދާޅުވީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބަލާއިރު، ތިން ލައްކަ މީހުންގެ ތެރެއިން ވަޒީފާގެ ބާޒާރަށް ނުކުމެ އުޅެނީ ގާތްގަނޑަކަށް 70،000 އެއްހާ މީހުން ކަމަށެވެ. އެހެންކަމުން މަސައްކަތަށް އިތުރަށް ދިވެހިން ލިބޭނެ ގޮތް ނުވާކަމަށް ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ ރާއްޖޭގައި "ހެސްކިޔާފައި" ވަޒީފާ އެބަހުރި ކަމަށާއި ވަޒީފާ ބޭނުން މީހަކަށް ވަޒީފާ ލިބޭނެ ކަމަށެވެ. އަދި ރާއްޖޭގައި މިހާރު އެއް ލައްކައެއްހާ ބިދޭސީން ވަޒީފާ އަދާކުރަން އުޅެނީ ވެސް ވަޒީފާތައް ގިނަވެގެން ދިއުމުގެ ސަބަބުން ކަމަށެވެ.

ސިޔާމް ވިދާޅުވީ އެންމެ އަގުހެޔޮ ލޭބަރުން ލިބެނީ ބަންގްލަދޭޝްއިން ކަމަށާއި ޑިމާންޑް އެންޑް ސަޕްލައިއަށް ވިސްނާއިރު، އަގުހެޔޮ ތަނަކުން ލޭބަރުން ގެނައުމަކީ ވިޔަފާރީގެ އުސޫލު ކަމަށެވެ.

"ބަންގްލަދޭޝް މީހުން މި ގެންނަނީ ކީއްވެގެންތޯ. އެއީ ވިޔަފާރީގެ އުސޫލުތަކަށް ވާތީ. އެއީ ޑިމާންޑް އެންޑް ސަޕްލައި އަކަށްވާތީ. ޑިމާންޑް އެންޑް ސަޕްލައި ނޫންގޮތަކަށް ވިޔަފާރި ކޮށްފިއްޔާ އެ ވިޔަފާރިއެއް ހަލާކުވާނެތީ،" ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ ބަންގްލަދޭޝްގައި މަސައްކަތް ކޮށްގެން އެމީހުންނަށް ލިބެނީ މަހަކު ފަސް ޑޮލަރު ކަމަށެވެ. ނަމަވެސް އެއިން އެމީހުންގެ ހުރިހާ ހަރަދެއް ހަމަޖައްސާ ކަމަށާއި، 300 ޑޮލަރު ދީފައި ބޭރު މީހުން ރާއްޖެ އަންނަނީ އަމިއްލަ ގައުމުގައި އެއް އަހަރުން ލިބޭ މުސާރަ އެއް މަހުން ހޯދަން ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެން މިއަދު މިނިމަމް އުޖޫރައޭ ކިޔައިގެން ގޮސް އަޅުގަނޑުމެން އެ އުޖޫރަ ކަނޑައަޅައިފި ކަމުގައި ވާނަމަ އަޅުގަނޑުމެންނަށް މި މިނިމަމް އުޖޫރަ މި ކަނޑައެޅެނީ ބަންގްލަދޭޝް މީހުންނަށް 800 ޑޮލަރު ނޫނީއްޔާ ދޭ އެއްޗެއް ދޭން ނޫންތޯ؟" ސިޔާމް ވިދާޅުވި އެވެ.

އެހެންކަމުން ހަމައެކަނި ދިވެހީންނަށް މިނިމަމް އުޖޫރައެއް ކަނޑައަޅަން ސިޔާމް ވަނީ ހުށަހަޅުއްވައިފަ އެވެ. ސިޔާމް ވިދާޅުވީ ވަޒީފާގެ ބާޒާރުގައި އުޅޭ އެންމެނަށް، ބިދޭސީން އިސްތިސްނާ ނުވާގޮތަށް އުޖޫރަ ކަނޑައަޅައިފި ނަމަ، ރާއްޖޭގެ އިގްތިސޯދު ހަލާކުވެގެންދާނެ ކަމަށެވެ.

ސިޔާމް ވިދާޅުވީ ދުނިޔޭގެ ކުރިއަރާފައި ހުރި އިގްތިސޯދުތަކުގައި މިހާތަނަށް މިނިމަމް ވޭޖެއް ކަނޑައަޅާފައި ނުވާ ކަމަށެވެ.

"އެހެންނަމަވެސް އަޅުގަނޑުމެން އެބަ ގަބޫލުކުރަން ޖެހޭ، މަސައްކަތް ކުރާ މީހާއަށް އޭނާއަށް ރަނގަޅަށް ދިރިއުޅުމުގެ ހައްގުތައް، އޭނާގެ އަނބިދަރީންނާއި އޭނާގެ ހަރަދުތައް ބެލެހެއްޓޭނެ ގޮތަކަށް ކުރިއަށް ގެންދިއުން." ސިޔާމް ވިދާޅުވި އެވެ.

މީގެ އިތުރުން ސިޔާމް ވިދާޅުވީ ދުނިޔޭގެ އެހެން ތަނެއްގައި ޓެކްސް ނުނަގާ ވަރަށް ރާއްޖޭގައި ޓެކްސް ނަގާ ކަމަށެވެ. އެގޮތުން ވިޔަފާރިން ލިބޭ އެއްޗެއްގެ 60-70 ޕަސަންޓު ދައްކަންޖެހެނީ ދައުލަތަށް ކަމަށް ވިދާޅުވި އެވެ.

comment ކޮމެންޓް