އިސްރާއީލުގައި އައު ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ބެނީ ގަންޓްޒް އާ ހަވާލުކުރަނީ

ގަންޓްޒް

ޓެލްއަވީވް (އޮކްޓޯބަރ 22) : އިސްރާއީލުގައި އައު ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ބްލޫ އެންޑް ވައިޓް ޕާޓީގެ ލީޑަރު ބެނީ ގަންޓްޒް އާ ހަވާލުކުރުމަށް އެގައުމުގެ ރައީސް ރޫވެން ރިވްލީން ނިންމަވައިފި އެވެ.

ގަންޓްޒްގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ މަހު ބޭއްވި އާންމު އިންތިޚާބަށް ފަހު އުފެއްދުމަށް ހަމަޖެހިފައިވާ އައު ސަރުކާރު އުފެއްދުމުގެ ކަންތައް ބެނީ ގަންޓްޒް އާ ހަވާލުކުރަން ނިންމާފައިވާކަން ރައީސް ރޫވެން ރިވްލީން އަންގާފައިވާ ކަމުގަ އެވެ. އައު ސަރުކާރު އުފެއްދުމުގެ ކަންތައް ގަންޓްޒް އާ ހަވާލުކުރުމަށް ރިވްލީން ނިންމެވީ ކުރިން މިކަން ހަވާލުކުރެއްވި މިހާރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެކަން ނުކުރެވުނުކަން ރިވްލީންއަށް ރަސްމީކޮށް އެންގުމާގުޅިގެންނެވެ.

ނަތަންޔާހޫ މަސައްކަތްކުރެއްވީ ގިނަ ޕާޓީތަކެއް ހިމެނޭ ގޮތަށް ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށެވެ. ނަމަވެސް ނަތަންޔާހޫ ބޮޑުވަޒީރަކަށް ހުންނަވާ ގޮތަށް އޭނާގެ ލިކުޑް ޕާޓީއާ ގުޅިގެން ކޯލިޝަން ސަރުކާރެއް ނޫނީ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް ވެސް އެހެން ޕާޓީތަކުގެ ވެރިން ދެކޮޅު ހެއްދެވުމުން ނަތަންޔާހޫއަށް އެކަން ކުރެވޭނެގޮތް ނުވީ އެވެ. މިއާ އެކު ނަތަންޔާހޫ ވަނީ ބަލި ގަބޫލުކުރައްވައި އައު ސަރުކާރެއް އެކުލަވާލުމަށް އޭނާ ކުރެއްވި ބުރަ މަސައްކަތާ އެކު ވެސް އެކަން ކާމިޔާބު ނުކުރެވުނުކަމަށް އެއްބަސްވެވަޑައިގެން ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ދޫކޮށްލެއްވިކަން ރައީސް ރޫވެން ރިވްލީން އަށް އިއްޔެ އަންގައިފަ އެވެ.

އިސްރާއީލުގެ ޕާލަމެންޓްގެ ގޮނޑިތައް ޕާޓީތަކަށް ކާމިޔާބުވެފައިވާ ގޮތުން ބްލޫ އެންޑް ވައިޓް ޕާޓީގެ ލީޑަރު ގަންޓްޒްއަށް ވެސް ސަރުކާރެއް އެކުލަވާލުމަކީ ފަސޭހަކަމަކަށް ނުވާނެ އެވެ. ސަބަބަކީ ޔަހޫދީ ދީނީ ޕާޓިތައް ގަންޓްޒް އާ ބައިވެރިވާނެކަމަށް ނުބެލެވޭތީ އާއި ގަންޓްޒް ޕާޓީއާ ދާދި އެއްވަރަކަށް ގޮނޑި ކާމިޔާބުކޮށްފައިވާ ލިކުޑް ޕާޓީން ކުރިމަތިކުރާނެ ކަމަށް ބެލެވޭ ޝަރުތުތައް ހަރުކަށިވާނެކަމަށް ބެލެވިފައިވާތީ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު އިސްރާއީލުގައި ބޭއްވި އާއްމު އިންތިޚާބުގައި ގަންޓްޒްގެ ބްލޫ އެންޑް ވައިޓް ޕާޓީން 33 ގޮނޑި ކާމިޔާބުކޮށްފައިވާ އިރު ނަތަންޔާހޫގެ ލިކޫޑް ޕާޓީން 32 ގޮނޑި ކާމިޔާބުކޮށްފައިވެ އެވެ. ސަތޭކަ ވިހި މެންބަރުން ގެ މައްޗަށް އެކުލެވޭ އިސްރާއީލުގެ ޕާލަމެންޓްގެ އަޣުލަބިއްޔަތު ލިބޭނީ 61 ގޮނޑި ހޯދައިގެންނެވެ. ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ނޫނީ ކޯލިޝަން ސަރުކާރެއް އެކުލަވާލިނަމަވެސް ޕާލަމެންޓްގެ އަޣުލަބިއްޔަތު ހޯދަންޖެހެ އެވެ. މި އަޣްލަބިއްޔަތު ހޯދޭނީ ގިނަ ޕާޓީތަކެއް ގުޅިގެންނެވެ.

މިއީ އިސްރާއީލުގައި މިއަހަރު ބޭއްވި ދެވަނަ އާންމު އިންތިޚާބެވެ. ފުރަތަމަ އިންތިޚާބު ބޭއްވީ މިދިޔަ އެޕްރީލް މަހުގެ 9 ވަނަ ދުވަހު އެވެ. އެ އިންތިޚާބުގައި ވެސް ސަރުކާރެއް އެކުލަވާލެވޭވަރަށް އެއްވެސް ޕާޓީއަކަށް އަޣްލަބިއްޔު ނުލިބުމުންނާއި ކޯލިޝަން ސަރުކާރެއް އެކުލަވާލެވޭވަރަށް ވުރެ ޕާޓީތަކުގެ މެދުގައި ކޯޅުންތައް ބޮޑުކަމުން ސަރުކާރެއް އެކުލަވާލެވޭ ގޮތް ނުވެގެން ދެވަނަ އިންތިޚާބެއް ބާއްވަން މަޖްބޫރުވީ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު